އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ނަމާދަކަށްވާނީ ނަމާދަކީ އެތެރެހަށީގެ ރުއިމަކަށް ހެދިގެން: ޑރ. ޝިހާމް

ނަމާދު ނަމާދަކަށްވާނީ ނަމާދަކީ އެތެރެހަށީގެ ރުއިމަކަށް ހެދިގެން: ޑރ. ޝިހާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކިތަންމެ ވަރަކަށް ނަމާދު ކުރި ނަމަވެސް ނަމާދު ނަމާދަކަށްވާނީ އެތެރެހަށީގެ ރުއިމަކަށް ހެދިގެންނެވެ. އެކަން ކުރެވޭނީ ތިމާ މިކުރަނީ ކީއްކަން ހިތުގައި ބާއްވައިގެން ނަމާދުކުރެވިގެންނެވެ.

"ނަމާދަކީ އެތެރެހަށީގެ ރުއިމަކަށް އެބަވާންޖެހޭ. ރުއިމަކަށް އެބަވާންޖެހޭ. ރޮނީ ކީއްވެ؟ ދެރަވެގެން. ވާންޖެހެނީ ކީއްވެ؟ ބައްލަވާ ކޮންމެ ނަމާދަކީ އިސްރާ އާއި މިއުރާޖަށް އެރޭ އެރުމެއް. މިއީ ކުޑަކަމެއްތޯ؟ ބައްލަވަ ނަމާދުގަ އަޅުގަނޑުމެން އެއްވެސް މެދުވެރިއަކާ ނުލައި ސީދާ މުޢާމަލާތު މިކުރަނީ 7 ވަނަ އުޑުންމަތީގަ ވޮޑިގެންވާ މާތް ﷲ އާ. އަޅުގަނޑުމެން ނަމާދުގައި ދަންނަވާ ދެންނެވުންތަކަށް މާތް ﷲ ވަގުތުން ބަސް ވަޙީ ކުރައްވަވާ."

"ބައްލަވާ ނަމާދަކީ މިސްކިތަކަށް އަރާ މައްކާ އާ ދިމާއަށް ގުދުވެފަ ތެދުވީމަ ކުރެވޭ ކަމެއް ނޫނޭ. އެއީ ހާދަވަރަކަށް ތައްޔާރުވެގެން ކުރެވޭ ކަމެކޭ. ހަނގުރާމައަށް ތައްޔާރުވާ ފަދައިން ތައްޔާރުވެގެން ކުރެވޭނެ ކަމެއް ނަމާދަކީ."

ނަމާދަކީ އައްޑަނައެކެވެ. ސިހުރުހާހޫރައިން މީހާ ސަލާމަތްކޮށްދޭ ކަމެކެވެ. ފުރިހަމައަށް ނަމާދުކުރާ މިހާއާއި ހަމައަށް ނުބައި ސިހުރުތަކަކަށް ޢާންމުގޮތެއްގައި ނާދެވޭނެއެވެ. ނަމާދަކީ އެންމެ ބާރުގަަދ ބެލިސްޓިކް މިސައިލަށްވުރެވެސް މާ ބާރުގަދަ ހަތިޔާރެކެވެ. ފުރިހަމައަށް ނަމާދުކުރާމީހާ އަށް ދެރަވާންޖެހޭނެ (ހަޖަމް ނުކުރެވޭނެ) އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ.

"ދުޢާ އަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރު ނޫންތޯ؟ ނަމާދު ފުރިފައިވަނީ ދުޢާތަކުން ނޫންތޯ؟ އެހެންވީމާ ނަމާދަކީ އިންސާނާއަށް އެންމެ ބޮޑަށް ބޭނުންވާނެ ހުރިހައި ކަމެއް ހިމެނޭ ފުރިހަމަ ގޯލްޑް ޕެކޭޖެއް."

މިޕެކޭޖްގައިވާ ހުރިހާ ކަމެއް ޙާޞިލުކުރަން ލިބެނީ ހާދަކުޑަކުޑަ ވަގުތު ކޮޅެކެވެ. އެވަގުތުކޮޅުގެ ތެރޭގައި އެކަން ފުރިހަމައަށް ކުރެވޭނީ އެކަމަށް ޕްރެކްޓިސްކޮށްގެންނެވެ. ޞަޙާބީން އެތައް ބައިވަރު އަހަރުތަކެއް ވަންދެން ނަމާދުކުރައްވަން ޕްރެކްޓިސް ކުރެއްވެވިއެވެ.

އަޅުގަނޑުމެން މިތިބެނީ އަބަދު ވެސް ފާފަތަކުން ފުރިފައެވެ. ސަލާމަތް ނުވެވިފައެވެ. ނަމާދަކީ ފާފަތައް ފޮހެލަދޭ ކަމެކެވެ.

ނަމާދަކީ މީހާގެ ފެންވަރަށް ބަލައި ނުކޮށް ހުރެވެން އޮތް ކަމެއް ނޫނެވެ. އިހްމާލް ވެވެން އޮތް ކަމެއް ނޫނެވެ. ފަހަށް ފަސްކުރެވެން އޮތް ކަމެއް ނޫނެވެ. އެކަމުގެ ހެއްކަކީ ހަމަ ޢާންމު މީސްތަކުންނަށް ނަމާދުކުރަންޖެހޭ ވަރަށް ނަބިއްޔުންނާއި ރަސޫލުންނަށް ވެސް ނަމާދުކުރައްވަން ޖެހިވަޑައގެންނެވި ކަމެވެ.

އަޅުގަނޑުގެ އެންެމެ ބޮޑު އާދޭހަކީ އަދި ގޮވާލުމަކީ ނަމާދުގައި ކިޔޭ އެއްޗެއް އެނގުމާއި ހިތަށް އިޙްޞާޞްކުރެވުމެވެ. މީހަކު ބުނި އެއްޗެއް ނުވަތަ ލިޔެފަ ދިން އެއްޗެއް ކިޔައިލާ އުޞޫލުން އަމަލުކޮށްގެން ނަމާދުގެ ފުރިހަމަ ލައްޒަތު އެމީހަކަށް ނުލިބޭނެއެވެ.

އިމާމާ ސަޖިދަ ކުރީމާ ސަޖިދަ ކުރަނީއެވެ. ނަމަވެސް ތިމާ ސަޖިދަ މިކުރަނީ މާތް ﷲ ގެ ކުރިފުޅުމަތީގައިކަން އިޙްޞާޞް ނުކުރެވޭނަމަ ކުރި ސަޖިދައިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

- ޑރ. ޢަބްދުﷲ ޝިހާމްގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް