އާސެނަލްގެ ކޯޗުގެ މަޤާމަށް އެމެރީ ހަމަޖައްސައިފި

އާސެނަލްގެ ކޯޗުގެ މަޤާމަށް އެމެރީ ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

މިދިޔަ 22 އަހަރު އާސެން ވެންގާ ފުރި އާސެނަލްގެ ކޯޗުގެ މަޤާމަށް ހަމަޖެއްސީ ސްޕެއިންގެ އުނާއީ އެމެރީއެވެ.

އާސެނަލްގެ ކޯޗުގެ މަޤާމަށް އެމެރީ ހަމަޖެއްސިކަން އާސެނަލްއިން ވަނީ މިހާރު ރަސްމީކޮށް ހާމަކޮށްފައެވެ. އެ ކްލަބްގެ ރަސްމީ ވެބްސައިޓްގައި އެކަން ހާމަކުރައްވަމުން އެ ކްލަބްގެ ޗީފް އެގްޒެކެޓިވް ގަޒިޑިސް ވިދާޅުވީ އެމެރީއަކީ ކާމިޔާބީގައި ރަނގަޅު ރެކޯޑެއް އޮތް ކޯޗެއްކަމަށާއި އޭނާ ކުޅުވާދޭ ދެމެހެއްޓެނިވި ފުޓުބޯޅައިގެ ސަބަބުން އޭނާ އާސެނަލްއާ ފުރިހަމައަށް ފިޓްވާކަމަށެވެ.

އެމެރީ މިދިޔަ ދެ ސީޒަންގައި ކޯޗުކަން ކޮށްދީފައިވަނީ ފްރާންސްގެ ޕީއެސްޖީއަށެވެ. އެމެރީގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ޕީއެސްޖީ ވަނީ ފްރާންސްގައި ތިން ތަށި ކާމިޔާބުކޮށްފައެވެ. ނަމަވެސް އެމެރީގެ އިރުޝާދުގެ ދަށުން ޕީއެސްޖީ ކުޅުނު ދެ ސީޒަންގައި ވެސް ޔޫރަޕްގައި ކުރިމަތިލީ ނާކާމިޔާބީއެވެ. ޕީއެސްޖީއާއެކު އެމެރީ ހެދި އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި އޭނާ އެ ކްލަބުން ވަކިކުރި ސަބަބަކަށް ބެލެވެނީ ޔޫރަޕްގައި ރަނގަޅު ކާމިޔާބީއެއް ނުލިބުމެވެ.

އޭގެ ކުރިން އެމެރީ ކޯޗުކަން ކޮށްދިނީ ސްޕެއިންގެ ސެވިއްޔާއަށެވެ. ސެވިއްޔާއަށް އެމެރީ އިރުޝާދު ދިން ތިން އަހަރުގައި އެ ކްލަބުން ވަނީ ޖެހިޖެހިން ތިން ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އާސެނަލްގެ ކޯޗުކަމަށް އެމެރީ ހަމަޖެއްސިކަން މިއަދު އެ ކްލަބުން ހާމަކުރިއިރު، އެ ކްލަބްގެ ކޯޗުކަމާ ހަވާލުވާނެކަމަށް ދާދި ފަހަކާ ޖެހެންދެން ވެސް އަޑުފެތުރިފައިވަނީ އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އަދި މެންޗެސްޓާ ސިޓީގެ މިހާރުގެ އެސިސްޓެންޓް ކޯޗު މިކޭލް އަރުޓޭޓާއެވެ. އަދި އާސެނަލްއިން އޭނާއާ އެކަމާމެދު މަޝްވަރާކުރިކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ސީޒަން ނިމުމާއެކު އާސެނަލްގެ ކޯޗުކަމުން ވެންގާ އިސްތިއުފާ ދީފައިވާއިިރު، ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ވަނީ ކުރީކޮޅު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޮތުން ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް ވަނީ އިނގިރޭސި ޕްރެމިއާ ލީގު ތިން ފަހަރު އަދި އެފްއޭކަޕް ހަތް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި 2004 ވަނަ އަހަރުގައި އާސެނަލްއިން ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

އާސެނަލްއާއެކު ކުރީކޮޅުގައި ގިނަ ކާމިޔާބީތަކެއް ވެންގާ ހޯދި ނަމަވެސް، ފަހަކަށް އައިސް އާސެނަލްއިން ލީގާއި ޔޫރަޕްގައި ވެސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އާސެނަލްގެ ގިނަ ސަޕޯޓަރުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވާން ފެށިއެވެ.އަދި މިދިޔަ ސީޒަނާއި މި ސީޒަންގެ އާސެނަލްއިން ނިންމާލީ ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނިއެވެ. އެހެންވެ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރުމުގެ ފުރުސަތެއް އާސެނަލްއަށް ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް