ޖެހިޖެހިިގެން ތިންވަނަ ފަހަރަށް ރެއާލް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ޖެހިޖެހިިގެން ތިންވަނަ ފަހަރަށް ރެއާލް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި އިނގިރޭސި ވިލާތުގެ ލިވަޕޫލް ބަލިކޮށް، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރެއާލް މެޑްރިޑް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޔޫކްރެއިންގެ ކިއޭވްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ލިވަޕޫލްގެ މައްޗަށް ރެއާލްއިން ކުރިހޯދީ 1-3 ގެ ނަތީޖާއިންނެވެ. މި މެޗު ފަށައިގެން ލިވަޕޫލްއިން ދިޔައީ ރަނގަޅަށް ކުޅެ ރެއާލްގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ. އަދި ލިވަޕޫލްއިން އުފައްދަމުން ދިޔަ ފުރުސަތުތައް ނާކާމިޔާބު ކުރުމުގައި ރެއާލްގެ ޑިފެންސްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މި މެޗުގައި ލިވަޕޫލަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމެވެ. ސަލާހަށް އަނިޔާވީ އޭނާ އަތުން ބޯޅަ ހޯދަން ރެއާލްގެ ސާޖިއޯ ރާމޯސް މަސައްކަތް ކުރަމުން ދަނިކޮށް، ބިންމަތީގައި ވެއްޓުނު ވަގުތު ނުއަތަކަށް އެނބުރިގެންނެވެ. ސަލާހު ވެއްޓުނީ އޭނާގެ އަތުގައި ރާމޮސް އަތްއަޅުވައިގެން ދަމައިގަތުމުންކަމަށްވެއެވެ. އަދި އޭނާ ވެއްޓިގެން ދިޔައިރު ވެސް ރާމޯސް އޭނާގެ އަތް ދޫކޮށްލާނުލާ އޮތުމުން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު، މި މެޗުގައި ކާމިޔާބުކުރި ހުރިހާ ލަނޑެއް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ރެއާލްއިން މެޗުގެ ލީޑު ނެގިއެވެ. ރެއާލްގެ ފޯވާޑް ކަރިމް ބެންޒީމާ ކާމިޔާބުކުރި އެ ލަނޑަކީ ލިވަޕޫލްގެ ގޯލްކީޕަރު ލޮރިސް ކާރިއަސްއަށް ހެދުނު ގޯހެއްގެ އެހީގައި ކާމިޔާބުކުރެވުނު ލަނޑެކެވެ. ކުރިއަށް ނަގައިދިން ހުރަހެއްގައި ބެންޒީމާ ބޯޅަ ހޯދަން ދަނިކޮށް ކީޕަރު ކުރިން އައިސް ބޯޅަ ހޯދިއެވެ. ނަމަވެސް އެއަށްފަހު ރަނގަޅަށް ބަލާ ނުލައި ކީޕަރު އެއްލި ބޯޅަ ގޮސް ބެންޒީމާގެ ފައިގެ ޖެހިފައި ވަނީ ގޯލްގެ ތެރެއަށެވެ. އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލްގެ ސާޑިއޯ މާނޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލަށް ކުޅެން އެރުވި ގެރެތް ބޭލް ވަނީ ކުޅެން އަރައި ތިން މިނެޓު ވެސް ނުވަނީ ރެއާލަށް މެޗުގެ ލީޑު އަލުން ހޯދައިފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ބޭލް އެ ލަނޑު ކާމިޔާބުކުރީ މާސެލޯ ހުރަސްކޮށްދިން ބޯޅައެއްގައި އޯވާހެޑް ކިކަކުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިގެންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ބޭލެވެ. އަދި މި ލަނޑު ވެސް ކާމިޔާބުވީ ލިވަޕޫލްގެ ކީޕަރު ކާރިއަސް ހެދި ބޮޑު ގޯހެއްގެ ސަބަބުންނެވެ. ޕެނަލްޓީ އޭރިއާ ވެސް ބޭރުން ވަރަށް ދުރުން ލިވަޕޫލްގެ ގޯލަށް ބޭލް އަމާޒުކޮށްލި ބޯޅަ ގޯލްގެ ތެރެއަށް ވަދެގެން ދިޔައީ ކީޕަރު ބޯޅަ ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިގެން ގޮސްފައެވެ.

މި މެޗުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މާ ބޮޑު ތަފާތެއް ދެއްކިފައެއް ނުވެއެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ވެސް އެދެވޭ ގޮތުގައި ރޮނާލްޑޯއަށް ހިފިފައެއް ނެތެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް ރޮނާލްޑޯ ގޯލަށް ޖަހަން އުޅެނިކޮށް ދަނޑު މައްޗަށް ބައެއް ސަޕޯޓަރުން އެރުމުން މެޗުގެ ރެފްރީ ވަނީ ކަށިގަނޑު ފުމެ ކުޅުން ހުއްޓުވައިފައެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފަސް ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އެންމެ ފުރަތަމަ ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2008 ވަނަ އަހަރުގައި މެންޗެސްޓާ ޔުނައިޓެޑާއެކުގައެވެ. އެއަށްފަހުގައި ރިއާލް މެޑްރިޑާއެކު ރޮނާލްޑޯ ވަނީ 2014، 2016، 2017، އަދި މި އަހަރުގައި މި މުބާރާތް ކާމިޔާބުކޮށްފައެވެ.
ރެއާލްއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރިއިރު، މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް ރެއާލްއިންނެވެ. ރެއާލްއިން ވަނީ 13 ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް