އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު
ގިނަ އަންހެނުންނަކީ ދައްކަން ނުޖެހޭ ބޭކާރު ވާހަކަތައް ދައްކަން ވަރަށް ބޮޑަށް އާދަވެފައި ތިބޭ ބައެކެވެ. ގޭތެރޭގައި ކިތަންމެ ކުޑަކަމެއް ހިނގި ނަމަވެސް އަދި ފިރިމީހާގެ ކިބައިން ކިތަންމެ ކުޑަކުޑަކަމެއް ފެނުނު ނަމަވެސް ވީހައި ގިނަ ބައަކަށް އެކަމެއް ހިއްޞާކުރުމުގެ އާދަ ހިފާފައި ތިބޭ ބައެކެވެ.
މިއީ ވަރަށް ނުބައި އާދައެކެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން ގިނަފަހަރަށް ލިބެނީ ބޮޑެތި ގެއްލުމެވެ. ގޭތެރޭގެ މައްސަލަތައް އެނގެން ނުޖެހޭ ބައަކަށް އެނގުމުން ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އެވާހަކަ އިތުރަށް ފެތުރުމުން ފިތުނައަކަށްވެގެންދެއެވެ. ގޭތެރޭގައި ހަމަނުޖެހުން އިތުރުވެއެވެ. އަދި އެއީ ފިރިމީހާގެ ރަނގަޅު ކަމުގެ ވާހަކައެއް ނަމަ ހަސަދަ އާއި އެސްފީނާގެ މައްސަލަތައް ކުރިމަތިވެއެވެ.
މީގެ އިތުރުން ދަރިންނަށް އަޑު އިވޭ ގޮތަށް މިފަދަ ވާހަކަތައް ދެއްކުމުން ދަރިންގެ ކިބައިގައިވެސް މިނުބައި އާދަ އަށަގަނެއެވެ. ދަރިންނަށް ފެންނަފަށުގައި ސިއްރުން ވާހަކަ ދައްކާނަމަ ދަރިންގެ ހިތުގައި ނުބައި ޝައްކުތައްވެސް އުފެދެއެވެ. މިއިން ކޮންމެ ކަމަކީވެސް ވަރަށް ނުރަނގަޅު ކަންތައްތަކެވެ. ދަރިން އެކަނި ދިރިއުޅެންޖެހޭ ދުވަހަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެކެވެ!
މީގެ އިތުރުން މައިމީހާގެ ކިބައިން މިފަދަ ވާހަކަތައްކުގެ އަޑުއިވޭނަމަ ދަރިންވެސް އެފަދަ ވާހަކަތައް އެކުދިންގެ ރައްޓެހިންނާއި ހިއްޞާކުރުމުގެ ނުބައި އާދައަށަގަނެއެވެ. ވީމާ މިފަދަ ބޭކާރު ވާހަކަތައް ދެއްކުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ބޮޑަށް ގެއްލުންހުރި ކަމެކެވެ.
ކޮންމެ މައަކުވެސް މިފަދަ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ! ޢާއިލާ ދިރިއުޅުމަށް ފައިދާކުރާނީ މިފަދަ ވާހަކަތައް ނުދެއްކުމުންނެވެ. އަދި ދަރިންނަށްވެސް އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ. ވީމާ އެކުވެރިންނާއި ދައްކަންވާނީ ދެމީހުންގެ ދިރިއުޅުމަށްވެސް ފައިދާކުރާނެ ކަންކަމުގެ ވާހަކައެވެ. ދީނީ ގޮތުން ކުރިއެރުން ލިބޭނެ ވާހަކަތަކެވެ!
- ޑރ. އިސްމާޢީލް ހާނިމް ޝަރީފް
Advertisement
7 އޭޕްރީލް 2021