އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ވަރިކޮށްފަ ގެއިން ނެރެލުމުން ނުކުތީ ކަރުނައަޅަމުންނެވެ! އެނބުރި ގެއަށްވަނީ ދެވަނަ ފިރިމީހާ ހަމައެގެ ގަނެދިނުމުންނެވެ!

ޙަޤީޤީ ޙާދިސާ: ވަރިކޮށްފަ ގެއިން ނެރެލުމުން ނުކުތީ ކަރުނައަޅަމުންނެވެ! އެނބުރި ގެއަށްވަނީ ދެވަނަ ފިރިމީހާ ހަމައެގެ ގަނެދިނުމުންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

އެހެން އަންހެނުން ފަދައިން އަހަރެންވެސް ކައިވެނިކުރީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އަހަރެން ދިރިއުޅުނު މައިންބަފައިންގެ ގެ ދޫކޮށްލާފައި ގޮސް ފިރިމީހާގެގެއަށްވަނީ ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. މައިންބަފައިންގެ ގެއަކީ ވަރަށް ފުރިހަމަގެއެކެވެ. ފިރިމީހާގެ ގެއަކީ ވަރަށް އާދައިގެ ގެއެކެވެ. ނަމަވެސް އެކަމަކަށް އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއްވެސް ނުވަމެވެ. އެއީ ދެމަފިރިން އެކުގައި މަސައްކަތްކުރުމުން ފިރިމީހާގެ ގެ ވެސް ފުރިހަމަވާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ. 

ކައިވެންޏަށް 8 އަހަރު ފުރުނުއިރު ފިރިމީހާގެ ގެއަކީވެސް ހަމަ ވަރަށް ފުރިހަމައަށްހުރި ގެއެކެވެ. 6 ފަންގިފިލާގެ ގެއެކެވެ. ދެމަފިރިންގެ މުސާރައިންނާއި 5 ފަންގިފިލާ ކުއްޔަށްދީގެން ގެއަޅަން ނެގި ލޯނުވެސް ވަނީ ދައްކައިނިމިފައެވެ. 5 ފަންގިފިލާގެ ކުއްޔަށް މަހަކު ލިބޭ 120،000 ރުފިޔާއަކީ ހަމަ ބޭނުން ކަމަކަށް ކަރަދުކުރަންހުރި ފައިސާއެވެ. 

މިކިޔައިދެނީ ކަންކަން ވަރަށް ކުރުކޮށްލައިގެންނެވެ. މިހިސާބަށް ދިރިއުޅުން ކުރިއަށްދިއަފަހުން ކައިވެނީގެ 9 ވަނަ އަހަރު އަހަރެންނަށް ޖެހުނީ ކަރުނައަޅަމުން ގެއިން ނުކުންނާށެވެ! އެނބުރި މައިންބަފައިންގެ ގެއަށް ދިއައިރު ގެންދަން ލިބުނީ ލިބިފައި ތިބި 3 ދަރިން އެކަންޏެވެ. 

އަހަރެންހައި ދުވަހު އެކަނި އިނުމަށްފަހު ބައްދަލުވި ފިރިހެނަކާއި ކައިވެނިކުރީމެވެ. އޭނާއަކީ ތަނަވަސްމީހެކެވެ. އަނބިމީހާ މަރުވުމުން އެކަނިވެރިވެފައި ހުރި މީހެކެވެ. ވަރަށް ބަސްމަދު މީހެކެވެ. ނަމަވެސް ވަރަށް ހެޔޮ މީހެކެވެ. ވަރަށް ތަޤްވާވެރި ފިރިހެނެކެވެ. 

އެއްދުވަހަކު ފޯމުތަކެއް ގެނެސްފައި ސޮއިކުރަން ބުންޏެވެ. އެއްވެސް ވަރަކަށް މައުލޫމާތު ފުރާފައެއްވެސް ނެތެވެ. ހަމައެކަނި އެނގުނު ވަރަކީ އަހަރެންގެ ނަމުގައި ގޯއްޗެއް ގަންނަން ފުރާފޯމުތަކެއް ކަމެވެ. 

އެއްވެސް އިތުރު ސުވާލެއް ނުކުރަމެވެ. ފިރިމީހާގެ ވަކީލުން ދެއްކި ތަންތަނުގައި ސޮއިކުރީއެވެ. އެކަންކުރިތާ 6 އަކަމަސް ފާއިތުވީފަހުން ފިރިމީހާ ބުނީ އޭނާގެ ގެ ތަޅާލައި އަލުން ޢިމާރާތްކުރަން ތައްޔާރީތައްކޮށް ނިމިއްޖެ ކަމަށާއި ޢިމާރާތްކޮށް ނިމެންދެން އަހަރެންގެ ނަމުގައި ގަތް ގެއަށް ބަދަލުވާންވެއްޖެ ކަމަށެވެ. 

ކޮންމެއަކަސް ފިރިމީހާ އަހަރެން ގެންގޮސް ވެއްދީ އަލަތު ފިރިމީހާއާއިއެކުގައި އަހަރެން ދިރިއުޅުނު އޭނާގެ ގެއަށެވެ. ގެއަށް ހުރީ ބައެއް ކުދި ބަދަލުތައްވެސް ގެނެސްފައެވެ. 

ބަދަލުވި ދުވަހުގެ ރޭ ކައިނިމިގެން ގޭގެރަޖިސްޓްރީ އާއި އެހެން ލިޔުންތައް އަހަރެންނާއި ހަވާލުކުރުމުން "މިގޭގެ ވެރިމީހާ ގެ ވިއްކައިލީ ކީއްވެގެންތޯ؟" ސުވާލުކުރީމެވެ. ޖަވާބުގައި ބުނީ އޭނާ މަސައްކަތްކުރި އޮފީހުން ބޮޑު ޚިޔާނާތެއް ވެގެން އެކަން ފަޅާއެރުމުން ސަލާމަތްވާން ގެ ވިއްކައިލީ ކަމަށެވެ. އެފައިސާ ނުދެއްކިނަމަ މަތިމައްޗަށް 25 އަހަރުގެ ދެ ޙުކުމް އަންނާނެ ކަމަށާއި މިހާރު ގެންދަނީ 3 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ކަމަށެވެ. 

ކޮންމެއަކަސް ކިޔުންތެރިންގެ ގާތު ބުނެލަން ބޭނުންވަނީ ކައިވެނި ރޫޅެން އުޅޭކަން އެނގުމުން، ގެއިން ނުކުނަން ޖެހިދާނެކަން އެނގުމުން އެޙާލަތުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކުރީމެވެ. ކޮންމެ ރެއަކުވެސް ދަމުނަމާދުކުރުމަށްފަހު ފަތިސްވަންދެން މުސައްލަ މަތީގައި އިނދެ އެކަމަށް ދުޢާކުރީމެވެ. ނަމަވެސް ޖެހުނީ ކަރުނައަޅަމުން ގެއިން ނުކުންނާށެވެ! 

އެކަމަށް އެހައިވަރަށް ދުޢާކުރެވުނީ ގެއަޅަން ލޯނުނަގަން ބޭންކުގައި ރަހުނުކުރި ފައިސާއަކީ ހަމަ އަހަރެންގެ މަސައްކަތުން އެއްކޮށް އަހަރެންގެ އެކައުންޓަށް ޖަމާކޮށްފައިހުރި ފައިސާކަމުގައިވުމުންނެވެ. އެގެއިން ދުވަހަކުވެސް ނުކުންނަން ޖެހިދާނެކަން ހުވަފެނުގައިވެސް ފެނިފައި ނެތުމުންނެވެ. 

ގެއިން ނުކުތަ ވަގުތުގައިވެސް ހިތުގައި ވަރަށް ބޮޑު ޔަޤީންކަމެއް އޮތެވެ! މިއަށްވުރެ މާއުފާވެރި މާފުރިހަމަ ދިރިއުޅުމެއް އަހަރެންނަށް ދެއްވަވާނެ ކަމަށެވެ. 

އެހެންކަމުން ކަންކަން ބަދަލުވެގެން މިދިއަ ގޮތުން ފެނިގެންދިއައީ އަހަރެން އެދުނު ގޮތަށް ކަންކަން ފަހިވެގެންދިއަތަނެވެ. ފޮރުވިފައިވާ ސިއްރު ނުއެނގޭތީ އެ ދުވަހު ވަރަށް ގިނައިން ކަރުނަ އެޅީމެވެ. 

ކިޔުންތެރިންގެ ގާތު ބުނެލަން ބޭނުންވަނީ ފިރިމީހާވެސް އަދި އަނބިމީހާވެސް ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެއެވެ. ނަމަވެސް ޙައްޤު ގޮތުގައި ހުރި ކަމަކަށްވެސް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން އަހަރެންނާއިމެދު ކަންކަން ހިނގައި މިދިއަ ގޮތުންވެސް ޔަޤީންވާ ކަމަށެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް