އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާހަކަ: ވަފާތެރި މަވީމޭ ‍‍ 2 ވަނަބައި

ވާހަކަ: ވަފާތެރި މަވީމޭ ‍‍ 2 ވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 20 ސިކުންތު

ލިޔުނީ: ޝައިން

އޭނާގެ ދަރިފުޅު ކައިވެނިކުރަން އުޅޭތީ ޚުދު އޭނާވެސް ކަންބޮޑުވެއެވެ. އޭނާގެ ދަރިފުޅުގެ މުސްތަޤުބަލާމެދު ފިކުރު ކުރެވެއެވެ. ކައިވެނީގެ ދަތުރުގައި އޭނާކުރިފަދަ ތަޖުރިބާއެއް އޭނާގެ ލޯބިވާ ދަރިފުޅު ކުރާކަށް އޭނާ ނޭދެއެވެ. އެފަދަ ދުވަހެއް އެދަރިފުޅަށް ނުދައްކަވާތޯ ތާއަބަދު އޭނާ ދުޢާކުރެވެ.

" ކޮބާ އަދިވެސް ސައިހެދޭކަށް ނޫޅޭތަ؟..." ޝާނީގެ ދޮށީ ފިރިހެން ދަރިފުޅު ޖައިލަމް ބަދިގެޔަށް ބޯދިއްކޮށްލަމުން ސުވާލުކޮށްލިއެވެ.

" ނޫނޭ މިނިމުނީ....ދަރިފުޅުދޭބަލަ ޖުމާން ގޮވައިގެން އަންނަން..." ޖައިލަމްއަށް ބަލާލަމުން ޝާނީ އެދުނެވެ.

" ޖުމާން ވަރަށް ޝައުޤުވެރިކަމާއެކު ކޮންމެވެސް އެއްޗެއް ކުރަހަން އެބައިން....ހިޔެއްނުވޭ ބުންޏަސް އަންނާނެއް..." މޭޒުކައިރިން ގޮނޑިއެއްދަމާލާފައި އިށީއްނަމުން ޖައިލަމް ބުންޏެވެ.

" ދެން ގޮސްބަލާލީމައެއްނު އެނގޭނީ....ދޮންބެ ނައިސްގެން އަބަދު ހުންނަމީހެއްނު އެއީ..." ޖިއާވެސް ބުނެލިއެވެ. އެންމެފަހުން ޖައިލަމް ތެދުވެގެން ގޮސް ޖުމާންގެ ކޮޓަރިއަށްވަނެވެ. އޭރުވެސް ޖުމާން ކޮމްޕިއުޓަރ ކައިރީގައި ވަރަށް ގަޔާވެގެން ކުރަހަން އިނެވެ. ޖައިލަމް ގޮސް ކޮނޑުގައި ކޮއްޓާލުމުންވެސް އަޅާނުލާ އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ދެވަނަ ފަހަރަށް ކޮށްޓާލުމުންވެސް އަޅާނުލުމުން، ޖައިލަމް ޖުމާންގެ ގިލިގިލި ކޮށްޓަން ފެށިއެވެ. އެއާއެކު ތެޅިގެންފައި ޖުމާން ގޮނޑިން ފުމާލައިގެން ދުވެގޮސް ޖައިލަމްއަށް އަތުނުޖެހި ކޮޓަރިން ނުކުތެވެ.

" ކޮބާ ހީވޭކަމެއްހެން....މަބުނީމެއްނު ދޮންބެދާއިރަށް އަންނާނޭ..." ހަލުވިކޮށް ދުވެފައި އައި ޖުމާން ފެނުމާއެކީ ޖިއާ ބުނެލިއެވެ. ޖުމާން އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީއްނަމުން ޝާނީއަށް އިޝާރާތުން ބަނޑުހައިވިކަން އަންގާލިއެވެ. ޝާނީވެސް  ހިނިތުންވެލާފައި ކާންތައްރުވަނީ ކަމުގައި އިޝާރާތުން ބުނެލިއެވެ. ޖުމާންއަކީ އުމުރުން ސޯޅަ އަހަރުވެފައިވާ ބޮޑުކުއްޖެއް ނަމަވެސް، އޭނާއަކީ އަޑުއިވުމުންނާއި ވާހަކަދެއްކުމުން މަހުރޫމުވެފައިވާ މަންމަން ކުއްޖެކެވެ. އެހެންކަމުން އޭނާއާ އެންމެންވެސް ވާހަކަދައްކަނީ ނުހަނު ލޯބިން އަދި ހަމައެހާމެ ކެތްތެރިކަމާއެކުގައެވެ. ޖުމާންއާ ވާހާކަދައްކަން އާއިލާގެ އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ޖުމާންއަށް އެންމެ ފަސޭހައީ އޭނާގެ މަންމައާ ވާހަކަދައްކާށެވެ. އޭނާގެ މަންމަ އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އަނެއް ދެކުދިންނަށްވުރެވެސް ބޮޑަށް އޭނާދެކެ ލޯބިވާކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.

ޖުމާން ތައްޓަށް ކާއެއްޗެހި އަޅައި ކާން ތައްޔާރުކޮށްލި ވަގުތު ހަމްޒާ އައިސް އޭނާގެ ގާތުގައިހުރި ގޮނޑީގައި އިށީނުމާއެކު ޖުމާން އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ. އަދި ބިރުގެންފައި ހަމްޒާގެ މޫނަށް ބަލާލިއެވެ.

" ދަރިފުޅު އިށީނދޭ! " އަތުގެ އިޝާރާތުން ގޮނޑިއަށް އިޝާރާތްކުރަމުން ހަމްޒާ ބުންޏެވެ. ސިހިފައިހުރި ޖުމާން މަޑުމަޑުން ގޮނޑީގައި އިށީންއިރު އޭނާހުރީ އަދިވެސް ހަމްޒާދެކެ ބިރުންނެވެ. ހަމްޒާ އޭނާއާމެދު ކުޑައިރުއްސުރެ ކަންތައް ކުރާގޮތުން ޖުމާން އަބަދުވެސް ހަމްޒާދެކެ ބިރުގަނެވެ.

 ޖުމާންގެ މިޒާޖް ހުންނަގޮތުން ކާގަޑިތަކުގައިވެސް ވަރަށްގިނައިން ބޮޑާހާކާ ރޮއެހަދައެވެ. އެހެންކަމުން ކުޑައިރުންފެށިގެން ހަމްޒާވަނީ އޭނާއާ އެއްވަގުތެއްގައި ޖުމާން ކާމޭޒުދޮށަށް އެރުވުން މަނާކޮށްފައެވެ. ހަމައެކަނި ކެއުމެއްނޫނެވެ. ހަމްޒާ ފެންނަ ހިސާބަށް ޖުމާން ގެނައުންވެސް އޭނާ އޮންނަނީ މަނާކޮށްފައެވެ. ޖުމާން ފެނުނަސް އޭނާ ރުޅިއާދެއެވެ. އަނެއް ދެކުދިންނާ ޖުމާންއާ ހުރިހާ ގޮތަކުންވެސް އޭނާ ތަފާތުކުރެއެވެ. ބައްޕަ ޖުމާންދެކެ ނަފްރަތުކުރަނީ އެއީ ނުކުޅެދޭ ކުއްޖަކަށް ވީތީ ކަމުގައި އެމީހުނަށް ހީވިޔަސް، ޝާނީއަށް ވަރަށް ރަނގަޅަށް އެކަމުގެ ސަބަބު އެނގެއެވެ. އެހެންކަމުން ހަމްޒާ ޖުމާންއަށް ކުރާ ނަފްރަތުގެ ދެގުނަ ޝާނީ ޖުމާންދެކެ ލޯބިވެއެވެ.

ޖައިލަމްއާއި ޖިއާ ކުޑައިރު، ބައްޕަ ޖުމާންއާ މެދު ކަންތައް ކުރާގޮތާމެދު އެކުދިން މާބޮޑު އަޅާލުމެއް ނުބެހެއްޓިނަމަވެސް އެކުދިން ބޮޑުވަމުން އައިވަރަކަށް ޖުމާންއާމެދު ބައްޕަ ކަންތައްކުރަނީ ރަނގަޅަށް ނޫންކަން އެނގުނެވެ. އަދި ޖުމާންއަކީ އެހެންމީހުންގެ ލޯތްބާއި އަޅާލުން އިތުރަށް ބޭނުންވާ ތަފާތު ކުއްޖެއްކަން އެކުދިން ގަބޫލުކުރިއެވެ. މަންމަ ކޮއްކޮދެކެ ލޯބިވާ ފަދައިން އެކުދިންވެސް ކޮއްކޮދެކެ ލޯބިވާން ދަސްކުރިއެވެ. ކޮއްކޮގެ ނުކުޅެދުންތެރިކަމާއެކުވެސް ކޮއްކޮއާއެކު ވަގުތު ހޭދަކުރަން ދަސްކުރިއެވެ. ކޮއްކޮއާއެކު މަޖާކޮށް ކުޅެން ދަސްކުރިއެވެ. މަންމަގެ އެހީގައި ކޮއްކޮއާ މުއާމަލާތުކުރަން ދަސްކުރިއެވެ. އަދި ޖުމާންއާއެކު އޭނާ ކާގަޑީގައި މޭޒުދޮށަށް އަރަންފެށިއެވެ. އެހެންކަމުން ފަހުން އެކަނިކާން ޖެހުނީ ޖަލީލަށެވެ. އެކުދިން އެގޮތަށް އަމަލުތައް ބަހައްޓަން ފެށުމުން ކުރީކޮޅުގައި ހަމްޒާ އެކުދިންދެކެ ރުޅިވެސް އައެވެ. ނަމަވެސް ފަހުން އެއީ މާބޮޑުކަމަކަށް ނުހަދައެވެ.

ހެނދުނުގެ ނާސްތާގެ ވަގުތުގައި ކުރިޔަށް ދިޔައީ ޖިއާގެ ކައިވެނީގެ ކަންކަން ކަމާ ގުޅޭ ވާހަކައެވެ. ޖިއާގެ މޫނުގައިވި އުޖާލާ ހިނިތުންވުން ފެނިފައި ޝާނީގެ ހިތަށް ފިނިކަން ލިބުނެވެ. ރޭގެ ދަމުނަމާދުގައިވެސް އޭނާ އެންމެގިނައިން ކުރި ދުޢާއަކީ އޭނާގެ ދަރިފުޅުގެ ޙަޔާތް ބާއްޖަވެރިވެ އުފާވެރިވޭތޯއެވެ. ހަމްޒާވެސް އޭނާގެ ދަރިފުޅުގެ ކައިވެނީގެ ކަންކަން ކުރުމުގައި އަތުކުރި އޮޅާލާފައިވަނީ އެންމެ ފުރިހަމަ ގޮތުގައި އެކައިވެނީގެ ކަންކަން ކުރުމަށެވެ. އޭނާގެ ދަރިންނަށް ދުނިޔޭގެ އުފާވެރިކަން ހޯދައިދޭން އޭނާ ބޭނުންވެއެވެ. ޚާއްސަކޮށް ޖިއާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ޖިއާގެ ސޫރައަކީ ޝާނީގެ ނަކަލެކެވެ. ޖިއާ ފެނުމުން ޝާނީގެ ޒުވާން ދުވަސްވަރުގެ ހަނދާން އޭނާއަށް އާވެއެވެ.

 ******

ދެހަފްތާފަހެވެ. ރެއަކީ ޖިއާގެ ކައިވެނީގެ ހަފްލާ ބޭއްވޭ އުފާވެރި ރެއެވެ. އޯޝަންވިއު ހޮޓެލްގެ ލޮބީވަނީ ނުހަނު ފުރިހަމަ ޒީނަތްތެރި ކުރެވިފައެވެ. ޖިއާގެ ދެމަފިރިން އެމީހުންނަށް ޚާއްސަކުރެވިފައިވާ މަސަންދުގައި އިށީނދެލައިގެން ތިބިއިރު، ދެފަރާތުގެ އާއިލާގެ މީހުން އެމީހުންގެ ދެފަރާތުގައި މެހެމާނުންނަށް މަރުޙަބާ ކިޔުމުގައި އަވަދިނެތި އުޅެއެވެ. ކުލަކުލައިގެ ހެދުންތަކުން ޖަރީވެގެން ތިބި މެހެމާނުންގެ މޫނުތަކުން ފެންނަނީ އުފާވެރިކަމެވެ. އެންމެ ޒަމާނީ ގޮތަށް ތައްޔާރުކުރެވިފައިވާ ކައިވެނީގެ މާޙައުލުގައި ތަފާތު ވައްތަރުތަކާއި ރަހަތަކުގެ މީރު ކެއުންތަކާއި ބުއިންތަކުންވަނީ އެމެހެފިލްގެ ފުރިހަމަކަން އިތުރުކޮށްދީފައެވެ. ބައިބަޔަށާއި ޖޯޑުޖޯޑަށް މޭޒުތަކުގެ ދޮށުގައި ތިބެގެން މެހެމާނުންތައް ކެއުމަށް އިންސާފުކުރަމުން ދިޔައެވެ.

" މަންމާ! މަންމަވެސް ދެން ތާކު އިށީނދެލަންވީނު....ތިހެން ހުރެހުރެ މިހާރު ފައިވާޅުވެފައެއްނު ހުންނާނީ" ޖައިލަމް އައިސް ޝާނީގެ ގާތަށް ހުއްޓެމުން ބުނެލިއެވެ.

" ނޫނޭ....އިހަށް މަޑުކޮށްލާނީ...ޖުމާން އައީމަ ދާނަން...." ޝާނީ ޖަވާބުދިނެވެ. އޭރު ތަންކޮޅެއް ދުރުގައި ޖުމާންހުރީ އޭނާގެ އެކުވެރިންތަކަކާއެކު ސެލްފީނެގުމުގައި މަޝްޢޫލުވެގެންނެވެ. ޖުމާންގެ މޫނުމަތިންވެސް މިރޭ އާދަޔާ ޚިލާފު އުފާވެރިކަމެއް ފާޅުވެއެވެ.

" ޕާޓީ ނިމޭއިރުވެސް ޖުމާން ސެލްފީނަގައެއް ނުނިމޭނެ..." ޖުމާންއާ ދިމާ ބަލާލާފައި ދެފަރާތަކަށް ބޯހޫރާލަމުން ޖައިލަމް ބުނެލިއެވެ.

ޝާނީ އެހެން ހުންނަތާ އިރުތަކެއްފަހުން ޖުމާން އައިސް ޝާނީގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ރައްޓެހިންގެ ގާތަށް ހުއްޓުނެވެ. އަދި އަތުގެ އިޝާރާތުން އޭނާގެ ރައްޓެހިންނާއެކު ޝާނީ ފޮޓޯނެގުމަށް އެދުނެވެ. ޝާނީވެސް ހިނިތުންވެލާފައި އެކުދިންނާގެ ސެލްފީއަކަށް ހުއްޓުނެވެ. ޖުމާން ހީހީފައި ޝާނީއާއި އެކު ސެލްފީނަގައި އުޅޭމަންޒަރުބަލަން ދުރުގައިހުރި ހަމްޒާގެ ހިތަށް އަސަރުކުރިއެވެ. ޖުމާން ދުވަހަކުވެސް އޭނާއާ އެހައި ގާތްކޮށް ނޫޅެއެވެ. އޭނާގެ ކުރިމަތީގައި ހީހީފައި މަޖަލެއްވެސް ނުކުރެއެވެ. ޖުމާންގެ ރައްޓެހިންނަކަށް އޭނާ ތަޢާރަފެއްވެސް ނުކޮށްދެއެވެ. އެކަމުގައި ޖުމާންގެ އެއްވެސް ކުށެއްނެތެވެ. އޭނާގެ މައްޗަށް ޖުމާންގެ ހައްޤެއް ނެތްކަމުގައި ޖުމާންއަށް އިހުސާސްކޮށްދިން މީހަކީ ޚުދު އޭނާއެވެ.

ޖުމާންއަކީ މަންމަން ކުއްޖެއްކަން އެނގުނު ހިސާބުން ފެށިގެން އޭނާ ޖުމާންއަށް ނަފްރަތުކުރިއެވެ. އޭރު ޖުމާންގެ އުމުރުން އެންމެ ދެއަހަރެވެ. އެމައުސޫމު ކުއްޖާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނާ ބައްޕަގެ ލޯތްބާއި އަޅާލުމަށް އެންމެ ބޭނުންވި ދުވަހު އެކުއްޖާއަށް އޭނާގެ ފަރާތުން ލިބުނީ ހަމައެކަނި ނަފްރަތާއި ރުޅިވެރި ކަމެވެ. ޖުމާންގެ ކުރިމަތީގައި ޖިއާއާއި ޖައިލަމްއާއި ލޯބިން ވާހަކަދައްކައި ހަދިޔާދީ ހެދިއިރު އެކުއްޖާގެ ހިތަށް ކުރާނެ އަސަރު ވިސްނާކަށްވެސް އެދުވަހު އޭނާ ބޭނުމެއްނުވިއެވެ. ނަމަވެސް މިއަދު، އޭނާއަކީ ދަންނަ މީހަކު ކަމަށްވެސް ހަދާނުލައި ޖުމާން އޭނާގެ މަންމައާއެކު މަޖާކޮށް އުޅޭ މަންޒަރު ފެނުމުން ހަމްޒާގެ ހިތަށް ނުހަނު އަސަރުކޮށްފިއެވެ.

ޖުމާން ހިތްހަމަޖެހޭވަރަށް ސެލްފީ ނެގުމުން ޝާނީ ގޮވައިގެން އައިސް މޭޒެއްގެ ކައިރީގައި އިށީނެވެ. އަދި ޝާނީއަށް އޭނާގެ ނެގި ފޮޓޯތައް ދައްކަން ފެށިއެވެ. އެދެމައިން ހެވިފައި ފޮޓޯބަލަން ތިއްބައި ހަމްޒާ އައިސް އެމީހުންގެ ގާތުގައި އިށީނެވެ. އެމަންޒަރު ފެނުމާއެކު ޖުމާންގެ މޫނުގައިހުރި އުފާވެރި ހިނިތުންވުން ވަގުތުން ފަނޑުވިއެވެ. އަދި އޭނާ ފޯނުބާއްވައި ހިމޭންވިއެވެ. ހަމައެފަދައިން ޝާނީގެ މޫނުންވެސް ކަންބޮޑުވުމުގެ އަސަރު ފާޅުވެގެން ދިޔައެވެ.

" ކޮބާ...އެއްޗެއް ކާކަށްނުވޭތަ؟..." ހަމަހިމޭންކަން ނަގާލަމުން ހަމްޒާއެހިއެވެ.

" ނޫނޭ...އެބައަންނަން ކާއެއްޗެހި ހިފައިގެން..." ގޮނޑިން ތެދުވަމުން ޝާނީ ބުނެލިއެވެ.

" ބައްޕައަށް ދައްކާލަބަލަ ފޮޓޯތަށް..." ޝާނީ ދިއުމުން ޖުމާންގެ ފޯނަށް އިޝާރާތްކުރަމުން ހަމްޒާ އެދުނެވެ. ޖުމާން ޖެހިލުންވެ އިނދެ ފޯނު ހުޅުވާލުމަށްފަހު ފޮޓޯތައް ދައްކަންފެށިއެވެ.

" ބައްޕައާއެކު ސެލްފީއެއް ނުނަގާނަންތަ؟..." ޖުމާންއަށް ބަލާލަމުން އިޝާރާތުން ހަމްޒާ އެހިއެވެ. ހަމްޒާ ބުނި އެއްޗެއް ދޭހަވީ ނަމަވެސް ހައިރާންކަން އެކުލެވިގެން ވީ ނަޒަރަކުން ބަލަހައްޓައިގެން ޖުމާން އިނެވެ. ދެފަހަރަކު އެހެން ބުނުމުން ޖުމާން ހީލާފައި ހަމްޒާއާއެކު ފޮޓޯއެއްނަގަން ތައްޔާރުވިއެވެ. އެވަގުތު ހަމްޒާ ޖުމާންގެ ކޮނޑުގައި އަތް ބާއްވާލަމުން ގާތްކޮށްލިއެވެ. ޖުމާންގެ ހިތް އަވަސްވެ ބިރުގަނެފައި އިނދެގެން ސެލްފީނެގިއެވެ. އޭނާގެ ބައްޕަ މިނޫނީ މިހާ ގާތްކޮށް ދުވަހަކުވެސް އުޅެފައި ނުވާތީ އޭނާއަށް ބައްޕަގެ އެގާތްކަން ބަލައިގަންނަން އުނދަގޫވިއެވެ.

" ވަރަށް ރީތި..." ފޮޓޯއަށް ބަލާލަމުން ހީލާފައި ހަމްޒާ ބުނެލިއެވެ.

ޝާނީ ކާއެއްޗެހި އަޅަގައިގެން އައި ވަގުތު ދެބަފައިން ފޮޓޯ ނަގާ މަންޒަރު ފެނުމުން ހައިރާންވެފައި ދުރުގައި ބަލަން ހުރެވުނެވެ. މިހާރަކަށް އައިސް ހަމްޒާގެ ކިބައިން ފެންނަނީ އެހެންޏާ ދުވަހަކުވެސް ނުފެންނަހައި ގާތްކަމާއި އޯގާތެރިކަމެވެ. ޚާއްސަކޮށް ޖުމާންއާމެދު އޭނާ އަމަލުކުރާގޮތް މުޅިން ބަދަލު ވެއްޖެއެވެ. ދާދި މިދާކަށް ދުވަހާ ޖެހޭންދެން ޖުމާންއަށް ކުރަމުން އައި ނަފްރަތުވެސް މިހާރު ނެތި ދިޔަފަދައެވެ. މިކަމުގެ ފަހަތުގައިވާ ސަބަބެއް ނޭނގުނު ނަމަވެސް ހަމްޒާއަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެކަން ޝާނީއަށް އެނގެއެވެ.

" ވަރަށް ނުފެންނަ މަންޒަރެއް މިހާރު މިފެންނަނީ..." ހަމްޒާމެން ތިބި މޭޒަށް ބަލާލަމުން އަރުހަމްގެ ގާތުގައި ޖިއާ ބުންޏެވެ.

" އެކީއްވެ ތިހެން ތިބުނީ؟..." އަރްހަމް އެހިއެވެ.

" އެނގެއެއްނު ބައްޕަ ޖުމާންއާމެދު ކަންތައްކުރާގޮތް....މިހާރަކަށް އައިސް ބައްޕަ ވަރަށް ތަފާތު....ކުރީގަ ހުން ރުންކުރު ހަރުކަށި ގޮތެއްވެސް ނުކުރޭ....ޖުމާންއާވެސް ވަރަށް ލޯބިން ވާހަކަ ދައްކަނީ...." ޖިއާ އޮޅުން ފިލުވައިދިނެވެ.

" ދެން އެއްވެސް މީހަކު އަބަދު އެއްގޮތަކަށް ނޫޅޭނެއްނު...ކޮންމެވެސް ދުވަހަކުން ބަދަލުވެސް ވާނެއްނު...ޖައިލަމްވެސް ބުނޭ ބައްޕަ މިހާރު ވަރަށް ބަދަލު ތަފާތޭ....ބައްޕައަށް ހެޔޮ ވިސްނިއްޖެއްޔާ ކިހާ ރަނގަޅު..." އަރުހަމް ބުނެލިއެވެ.

" އާނ...ކިތަންމެހައިވެސް ރަނގަޅު...މަންމައާ ބައްޕަގެ މެދުގަވެސް އެޖެހޭ މައްސަލައަކީ ޖުމާންގެ މައްސަލަ....މަންމަ ޖުމާންދެކެ އިންތިހާއަށް ލޯބިވޭ....ބައްޕަ އޭގެ އިދިކޮޅު...ކުރިން އަހަރެމެންވެސް ހީކުރަނީ ކޮއްކޮ ބަސްނާހާތީ ބައްޕަ ރުޅިއަންނަނީކަމަށް....އެކަމު ބޮޑުވެ ހެޔޮ ވިސްނެންފެށިމަ އެނގުނު އެއީ ކޮއްކޮގެ މައްސަލައެއްނޫންކަން...ބައްޕައަށް ނުވިސްނެނީކަން..." ޖިއާ ދެރަވެލާފައި ބުނެލިއެވެ.

" ޖައިލަމްއާއެކު ތިގެއަށްދާއިރު އަހަރެންނަށްވެސް ބައެއްފަހަރު ވަރަށް ހިތްހަމަ ނުޖެހޭ މަންޒަރުތައް ފެނިފަ އެބަހުރި....އަހަރެން ވަރަށް ހައިރާންވެސްވި....ޖުމާންއަށް ވާހަކަ ނުދެއްކުނެއްކަމަކު އެއީ ވަރަށް ވިސްނުން ރަނގަޅު އަދި ކިޔަމަންތެރިވެސް ކުއްޖެއް....ދެން ކީއްވެބާއޭ އަހަރެން ހިތަށްއަރަނީ ބައްޕަ އެހާ ރުޅިއެއް އަންނަނީ.....ނުކުޅެދުންތެރިކަމެއް ހުއްޓެއްކަމަކު ދަރިޔަކުދެކެ އެވަރަށް ނަފްތަރު ކުރާތީ ހަމަ އަޖައިބުވޭ..." އަރުހަމް އޭނާގެ ވިސްނުން ހާމަކުރިއެވެ.

" ނޭނގެ....އަހަރެންވެސް ވަރަށް ހިތަށް އަރާ އެއްޗެއް އެއީ....ކޮއްކޮ ކުޑައިރު މަންމަ ވަރަށް ގިނައިން ރޯތީ އަހަރެންދެކެން....އަހަރެން ސުވާލުކުރާއިރަށް ބުނާނެ ކަމެއް ނުވެޔޭ..." މާޒީގެ ބައެއް ދުވަސް ހަނދާންވުމުން ދެރަވެލާފައި ޖިއާ ބުންޏެވެ.

" ދެން ތި ވާހަކަ ބާއްވާ....މިރޭ ވިސްނަންވީ މާޒީއަކާ މެދަކުނޫން....އަހަރެމެންގެ މުސްތަޤުބަލާމެދު....ކުޑަމިނުން މިރެޔާމެދު ވިސްނާލަބަލަ!" ޖިއާ ދެރަވެފައި އިނުމުން، އޭނާގެ ވިސްނުން އެހެން ދިމާއަކަށް ގެންދިއުމަށްޓަކައި ގަސްތުގައި އަރްހަމް މައުލޫއު ބަދަލުކޮށްލިއެވެ. އަރްހަމް ބުނި އެއްޗެއް ވިސްނުމާއެކު ޖިއާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ.

ހަފްލާ ނިމުމުން އާއިލާއާއި އެކު ފޮޓޯނެގުން ކުރިޔަށް ދިޔަ ވަގުތުވެސް ހަމްޒާބެލީ ވީހާވެސް ބޮޑަށް ޝާނީއާއި ޖުމާންއާއި ގާތުގައި ހުރެވޭތޯއެވެ. ޖުމާންއާއި ޝާނީއާއި ދެމީހުންގެ މެދުގައި ހުރެ، ޖުމާންގެ ކޮނޑުގައި އެއްއަތް ބާއްވާލަމުން ޝާނީގެ އުނަގަނޑުގައި އަނެއްއަތުން ހިފަހައްޓާލިއެވެ. ހަމްޒާގެ އެގާތްކަމުން ޝާނީއަށް އުނދަގޫކަމެއް އިހުސާސްކުރެވުނުއިރު، ޖުމާންވެސްހުރީ ކަންބޮޑުވެފައެވެ. ބައްޕަގެ ލޯތްބާއި އަޅާލުން ލިބެން ޖުމާންގެ ހިތް އެދުނު ނަމަވެސް، ހަމަ ކުއްލިއަކަށް ބައްޕަ އޭނާއަށް ހެޔޮވުމުން އޭނާއަށް އެކަން ބަލައިގަންނަން އުނދަގޫވަނީއެވެ. ބައްޕަދެކެ ބިރުގަތް ނަމަވެސް، ބައްޕަގެ ލޯތްބަށް އިންކާރު ކުރާހައި ހިތްވަރެއްވެސް އޭނަގެ ނެތެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ގޭގެ ކާމޭޒުދޮށުގައި އާއިލާގެ އެންމެން ތިބީ ހަވީރުގެ ސަޔަށް އިންސާފުކުރާށެވެ.

" ކޮންތާކަށް ހަނީމޫނަށް ދަނީ؟..." ސައިތަށިން ކޯވަރެއް ބޯލަމުން ޖައިލަމްއަހާލިއެވެ.

" ހަނީމޫނޭ؟..." ޖައިލަމަށް ފާޑަކަށް ބަލާލަމުން އަރްހަމް އަހާލިއެވެ.

" އާނ ކައިވެނިކުރީމަ ދެންދާނީ ހަނީމޫނަކަށްނު...." ހީލަމުން ޖައިލަމް ބުނެލިއެވެ. ޖައިލަމްގެ ޖަވާބު އިވިފައި ޖިއާ ލަދުގަންނަގޮތްވިއެވެ.

" ދެން ބުނެބަލަ ކޮންތާކަށްތަ ދަނީ؟..." ސީރިއަސްވެލާފައި ޖައިލަމް އަހާލިއެވެ.

" ޖިއާއަށް އެނގޭނީ ދާނެތަނެއް..." އަރްހަމަ ޖަވާބުދިނެވެ.

" އަޅުގަނޑު ބޭނުމީ ރަށަށްދާން.." އާދޭހުގެ ރާގަކަށް ޖިއާ ޖަވާބުދިނެވެ. ޖިއާގެ ޖަވާބު އިވިފައި ޝާނީއާ ޖައިލަމަށް ހަމްޒާގެ މޫނަށް ބަލާލެވުނީ ހަމްޒާ އެކަމާ ނުރުހޭނެވަރު ހިތަށް އަރާފައެވެ. މީގެކުރިންވެސް އެތައް ފަހަރަކު ރަށަށް ދިއުމަށް އާއިލާގެ އެންމެންވެސް އެދި އާދޭސްކުރިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ހަމްޒާކުރީ އިންކާރެވެ.

- ނުނިމޭ -

އާރޓިކަލް ރޭޓްކުރައްވާ


37%
ވ.ރަނގަޅު
9%
ރަނގަޅު
31%
އޯކޭ
21%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް