އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު
ސަރީކާއަކީ އެކަނިވެރި މަންމައެކެވެ. އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލީ 3 ދަރިން ލިބިފައިވަނިކޮށެވެ. ހަގުކުއްޖާގެ ޢުމުރަކީ އެންމެ 3 އަހަރެވެ. ވަރިކުރުމަށްފަހު ދަރިންގެ ޚަރަދަށް އެއްވެސް ފައިސާއެއް ނުދޭއިރު އެއްވެސް ޚަބަރެއްވެސް ނުވެއެވެ.
ސަރީކާއަކީ ތަޤްވާވެރި އަންހެނެކެވެ. ދަތިޙާލުގައި ދިރިއުޅެން ޖެހުމުން ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރިއެވެ. ރޭއަޅުކަންކުރުންވެސް އިތުރުކޮށް ދުޢާކުރަމުން ގެންދިއައެވެ.
ދަރިންނަށް ކާންބޯންދެވޭނެ ގޮތެއް ނެތިގެން އަތުގައި ހުރި ގަހަނާކޮޅު ވިއްކަމުން ގޮސް ހުސްވުމުން ދެން ހަދާނެ ގޮތަކާއިމެދު އިންތިހާއަށް ކަންބޮޑުވާންޖެހުނުއިރުވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކު ނޭދެއެވެ. އޭނާ ޔަޤީންކޮށްގެން ހުންނަނީ މާތް ﷲ އޭނާއަށް ކޮންމެވެސް މަގެއް ދައްކަވާނެ ކަމަށެވެ.
ވަރަށް ވިސްނާފައި ގޭގެ ދޮރުފަތުގައި ލިޔުމެއް ހަރުކުރިއެވެ. "ރޭގަނޑުގެ ވަގުތުތަކުގައި ކުދިން ބަލައިދެން".
އެގޮތަށް ލިޔުނީ ދުވާލުގެ ވަގުތުތަކުގައި އަމިއްލަ ދަރިން ބަލަމުން އިތުރު މަސައްކަތެއް ނުކުރެވޭނެތީއެވެ. ސަރީކާގެ ވިސްނުމަކީ ރޭގަނޑު ދަރިން ނިދަން ބައިތިއްބާފައި އަވަށްޓެރި ގޭގެއަށް ގޮސް ކުދިން ބަލައިދިނުމެވެ.
ކޮންމެއަކަސް މިލިޔުންވީ ގިނަ ބައަކު ވަރަށް އަލައިގަތް ލިޔުމަކަށެވެ. ސަބަބަކީ މީހުން ޢާންމުކޮށް މަސައްކަތްކުރަނީ ދުވާލުއެވެ. ރޭގަނޑު މިފަދަ މަސައްކަތެއް ކުރަން ބޭނުންވާ މީހުން މަދުކަމުންނެވެ. ޚާއްޞަކޮށް ސަރީކާއަކީ 3 ދަރިންގެ މަންމައަކުކަން އަވަށްޓެރިންނަށް އެނގޭތީއެވެ.
މިލިޔުން ފެނުމުން ތަނަވަސް ދެމަފިރިއަކު ގޮސް އިތުރު ތަފްޞީލް ހޯދަން ސުވާލުކުރުމުން އޭނާގެ ޙާލު ކިޔައިދިނެވެ. އަދި ކޮންމެ ދުވަހަކު އެއް އިރު ކައިގެން ކުދިން ތިބޭތާ މަސްދުވަސްވެއްޖެ ކަމަށާއި އޭނާ ހުންނަނީ ގޯތިތެރެއިން ލިބޭ ފަތްޕިލާވެލި ކައިގެންކަމަށް ވެސް ބުންޏެވެ.
"އެހައި ނިކަމެތި ޙާލަތުގައި އުޅޭއިރު އަވަށްޓެރިންގެ އެހީތެރިކަމަށް ނޭދެނީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ބުނީ ސއެއްއިރު ކާނެ މިންވަރު ހުރިނަމަވެސް ސަލާން ޖެހުން ދީނުގައި ހުއްދަ ނޫންކަމަށެވެ.
އެޖަވާބާއިއެކު ދެމަފިރިން ދިއައީ ސިހިގެންނެވެ. ތަޤްވާވެރިކަމުގައި ސަރީކާ ކުރިއަރާފައިވާ މިންވަރު ފެނުމުންނެވެ. އެވަގުތު ދެމަފަރިންނަށްވެސް އަނެކާގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. އެއީ އެދެމަފިރިން ހީކޮށްގެން ތިބެނީ އެމީހުން ތިބީ ތަޤްވާވެރިކަމުގެ އެންމެ ކުރީގައި ކަމަށެވެ. ސަރީކާ ހުރީ މާކުރީގައިކަން އެނގުމުން ބަސްހުއްޓުނީއެވެ.
ދެމަފިރިންނަށް އެކުގައިހެން ބުނެވުނެވެ. "މިވަގުތުން ފެށިގެން ތިއައީ ހަމަ އަހަރެމެންގެ އުޚުތެކެވެ. އަހަރެމެންގެ ދެ ުޚުތުންނަށްވެސް ކޮންމެ މަހަކު ޞަދަޤާތް ކުރަމެވެ. ސަރިޚާއަށްވެސް ކުރާނަމެވެ. އިން ޝާ ﷲ. އިތުރަށް ކަމެއް ބޭނުންވި ނަމަވެސް ބުނާށެވެ! ލަދުނުގަންނާށެވެ! މިވަގުތުން ފެށިގެން ތިއައީ ހަަމ އަހަރެމެންގެ އުޚުތެކެވެ." ބުނެފައި ދިއައީ 10،000 ރިޔާލަ ދީފައެވެ. އަދި އެއިގެ ފަހުން ކޮންމެ މަހަކު އެވަރަށް ފައިސާދެއެވެ. އިތުރުން ކޮންމެ ދުވަހަކު ޒިޔާރަތްކޮށް ޙާލުބަލައެވެ. ބައެއް ދުވަސްދުވަހު ހަތަރު މައިން ގެންގޮސް އެގޭގައި ބައިތިއްބައެވެ.
މީސްތަކުންނޭވެ! މިފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ޢިބްރަތް ޙާޞިލުކުރަން ބޭނުން ކޮންމެ މީހަކަށް މިފަދަ ވާހަކަތަކުގައި އެތައް ބައިވަރު ޢިބްރަތްތަކެއްވެއެވެ. ނަމަވެސް ފައިދާކުރާނީ ޙާޞިލްކުރި މީހަކަށެވެ.
ކިތަންމެ ދަތިޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ސާބިތުވާށެވެ. ﷲ ތަޢާލާ ކަންކަން ހިންމަވައިދެއްވަވާނެ ކަމުގެ ޔަޤީންކަން ދޫކޮށްނުލާށެވެ! ރަޙްމަތްފުޅު މިންވަރުކުރައްވަވާނީ ކޮން ދުވަހަކު ކޮން ގޮތަކަށްކަމެއްވެސް ނުއެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
10 އޮކްޓޯބަރ 2021