އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުއްމުލް މުއުމިނީން އުއްމުޙަބީބާ 5: އަމިއްލަ އަދުންފުޅުގެ ކުރިއަށް އުޚުތުންގެ ހިތްހަމަޖެހުން ނެރުއްވެވުމާ ކައިވެނީގެ މުހިންމު ބައެއް ޙުކުމްތައް

އުއްމުލް މުއުމިނީން އުއްމުޙަބީބާ 5: އަމިއްލަ އަދުންފުޅުގެ ކުރިއަށް އުޚުތުންގެ ހިތްހަމަޖެހުން ނެރުއްވެވުމާ ކައިވެނީގެ މުހިންމު ބައެއް ޙުކުމްތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 33 ސިކުންތު

ޢަލީ އިޙްސާން ފިރާޤު 

 

ކާވެނިފުޅުގެ ޚަބަރު އަބޫސުފްޔާނަށް

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ގެ ކައިވެނިފުޅު މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ކުރެވުނުއިރު، އަބޫސުފްޔާނު ދިރިއުޅުއްވަމުން ގެންދެވީ މައްކާގައެވެ. އޭރުވެސް އޭނާ ގެންދެވީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم އާ ހަނގުރާމަ ކުރައްވަމުންނެވެ. މުސްލިމުން ދެރަކޮށް ނިކަމެތިކޮށްލާނެ ގޮތަކާމެދު ވިސްނަވާ ފިކުރު ކުރައްވަމުންނެވެ. އަބޫސުފްޔާނަށް އޭނާގެ ދަރިކަނބަލުންގެ ކާވެނިފުޅުގެ ޚަބަރު ލިބިވަޑައިގެންނެވުމުން ވިދާޅުވިއެވެ.

[މުޙައްމަދަކީ (އަހަރެންގެ ދަރިފުޅަށް އެންމެ އެކަށީގެންވާ) ރަނގަޅު ފަރާތެވެ. އޭނާއަކީ އެހެން ފިރިހެނުންނާ އަޅާކިޔޭ ވަރަށް ވުރެ ރަނގަޅު ޝަޚްޞިއްޔަތެކެވެ]

އަބޫސުފްޔާނު އިސްލާމްދީނުގެ އަދުއްވެއްގެ ގޮތުގައި ހުރި ކަމުގައި ވިޔަސް އޭނާ އެ ވަނީ ތަޢައްޞުބުން އެއްކިބާވެވަޑައިގެން، ޙައްޤު ބަސް ވިދާޅުވެފައެވެ. {މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު صلّى اللّـه عليه وسلّم، ޞަފްޙާ 192}

މާތް ރަސޫލާ صلّى اللّـه عليه وسلّم އުއްމުޙަބީބާއާ ކާވެނިބެއްލެވިފަހުން އަބޫސުފްޔާނު މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އޭގެ ދުވަސްކޮޅެއްފަހުން އަބޫސުފްޔާނު އިސްލާމްވެވަޑައިގެންނެވިއެވެ. އަބޫސުފްޔާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު ވެވަޑައިގެންނެވީ އިސްލާމްދީނަށް ނަޞްރު ދެއްވުމުގައި ސާބިތުވެވަޑައިގެން ހުންނެވި ބޭކަލެއްކަމުގައެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އުއްމުޙަބީބާގެ ދިރިއުޅުއްވުމުން

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މަދީނާއަށް ވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގެ ފަހުންނެވެ. ހިޖުރައިން 7 ވަނަ އަހަރުގައެވެ. އެކަމަނާ އާއިއެކު ޙަބަޝާގައި އޭރު ތިއްބެވި ޞަޙާބީބޭކަލުންވެސް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޖަޢުފަރުގެފާނުވެސް ހިމެނިވަޑައިގަންނަވައެވެ. ޙަބަޝާއިންގެ ވަޑައިގެންނެވި މުސްލިމުންނާ ބައްދަލުވެވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ނުހަނު ބޮޑަށް އުފާފުޅު ކުރެއްވިއެވެ.

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މަދީނާއަށް ވަޑައިގެންނެވި އިރު މާތް ރަސޫލާ صلّى اللّـه عليه وسلّم ވަނީ އެކަމަނާއަށް ޚާއްޞަ ކޮޓަރިކޮޅެއް ބިނާކޮށްދެއްވައިފައެވެ. އެކަމަނާގެ ތުއްޕުޅު ދަރިކަނބަލުން ޙަބީބާ ވެސް އުޅުއްވި އެކަމަނާގެ އަރިހުގައި އެ ކޮޓަރިކޮޅުގައެވެ.

އިބްނު ޢަސާކިރު ރަޙިމަހުﷲ، ތާރީޚު ދިމިޝްޤުގައި ރިވާކުރައްވައިފައިވެއެވެ. "އުއްމުޙަބީބާ މަދީނާއަށް ވަޑައިގެންނެވުމުން ބިލާލުގެފާނު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަމުރުފުޅަށް އުއްމުޙަބީބާއަށް އެކަމަނާގެ ކޮޓަރިކޮޅު ދެއްކެވިއެވެ. އެކަމަނާ އެކޮޓަރިކޮޅަށް ވަޑައިގެން ކުނިކަށްސަވައި އެކޮޓަރިކޮޅު ސާފުކުރެއްވިއެވެ. އެކޮޓަރިކޮޅުގައި ދޫލައެއް ފެތުރެއްވިއެވެ. އެ އެކޮޓަރިކޮޅުގައި ހުވަނދުވަސް ދުއްވައިލެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކޮޓަރިކޮޅަށް ވަޑައިގެން ޤުރައިޝުވަންހައިގެ އަންހެނުންގެ ގެވެހި ދިރިއުޅުއްވުމަށް ތާރީފު ކުރެއްވިއެވެ." {އިބްނު ޢަސާކިރު، ތާރީޚު މަދީނަތު ދިމިޝްޤު، ޞަފްޙާ 87}

ޤުރައިޝުން، މުސްލިމުންނާއެކު ވެފައިވާ ޞުލްޙުލް ޙުދައިބިއްޔާގެ އެއްބަސްވުން އަލުން އާ ކުރުމަށްޓަކައި، އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ ބަފައިކަލުން އަބޫސުފްޔާނު މަދީނާއަށް ވަޑައިގެންނެވިއެވެ. އޭނާ މަދީނާއަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތީ އޭނާގެ ދަރިކަނބަލުން އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާގެ ގެކޮޅަށެވެ.

އޭނާވަޑައިގެން ސަލާމް ގޮވައިލެއްވުމުން، އެކަމަނާ ދޮރުކޮޅު ހުޅުއްވެވުމުން އެތެރެއަށް ވަދެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އިށީންދެ ވަޑައިގަންނަވާ ދާންމަތިކޮޅުގައި އިށީންދެވަޑައިގެންވުމަށްޓަކައި، ވަޑައިގަތެވެ. ނަމަވެސް އުއްމުޙަބީބަތުގެފާނު އަވަސް އަވަހަށް ވަޑައިގެން އެދާންމަތިކޮޅު ފައްޖަހާލެއްވިއެވެ.

ދެން، އަބޫސުފްޔާނު އެތާނގެ ހުސްތަނެއްގައި އިށީންދެވަޑައިގެން ވިދާޅުވިއެވެ. [ދަރިފުޅާއެވެ. ދަރިފުޅު ތިޔަ ތަންމަތި ތިޔަ ނެގީ ބައްޕަ އެތަންމައްޗަށް ވުރެ މޮޅުވެގެން ހެއްޔެވެ؟ ނުވަތަ އެތަންމަތީގައި އިށީންދެވޭ ވަރަށްވުރެ ބައްޕަ ދެރެވެގެން ހެއްޔެވެ؟]

އުއްމުލް މުއުމިނީން އުއްމުޙަބީބާ ޖަވާބު ދެއްވިއެވެ. [އަޅުގަނޑު އެހެން ހެދީ ތިޔަ ވިދާޅުވި ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއްވެގެންނެއް ނޫނެވެ. ބައްޕާއަކީ، ނަޖިހުން ޠާހިރު ނުވާ މުޝްރިކަކުކަމުގައިވެފައި، އެ ދާންމަތިކޮޅަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އިށީންދެވަޑައިގެން، އޮށޯވެވަޑައިގެން ހައްދަވާ ދާންމަތިކޮޅުކަމުގައި ވާތީއެވެ.] އަބޫސުފްޔާނު ވަރަށް ހިތްޕުޅާ ހަމަ ނުކުރައްވާ އޭނާގެ ދަރިކަނބަލުނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ދަރިފުޅު ބައްޕަޔާ ވަކިވި ފަހުން، ލައްކަ ނުބައި ވެއްޖެތާއެވެ.] {ޙުސައިން ޞަލާޙުއްދީން، ސީރަތުއް ނަބަވިއްޔާ، ތިންވަނަ ޖިލްދު}

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށް ވެވަޑައިގެންވިކަމަށްޓަކައި ނުހަނު އުފާފުޅު ކުރައްވައެވެ. އެކަމަނާ އެ އުފާފުޅުގައި އެކަމަނާގެ އެއްބައްޕާފުޅު އުޚުތުވެސް ބައިވެރި ކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވިއެވެ.

އެއްފަހަރަކު، އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު އަޅުގަނޑުގެ އެއްބައްޕާފުޅު އުޚްތާ ކާވެނި ބައްލަވައިގަންނަވަންވީ ނޫންތޯއެވެ؟] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އެގޮތާއި ރުހިވަޑައިގަންނަވަމުތޯއެވެ؟] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [އާދޭހެވެ. ކަލޭގެފާނާއި ކާވެނި ކުރެއްވުމުގެ ބަރަކާތްތެރިކަން އަޅުގަނޑު، އަޅުގަނޑުގެ އުޚްތާއި ޙިއްޞާކުރަން ބޭނުމެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ނަމަވެސް ކަމަނާގެ އުޚްތާއި ތިމަންކަލޭގެފާނުގެ ކާވެނިކުރުން ޙަރާމްވާނެއެވެ.]

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ ދެންނެވިއެވެ. [ކަލޭގެގެފާނު ދުއްރާ ބިންތު އަބީސަލަމާއާ ކާވެނި ބައްލަވަން އުޅުއްވާ ޚަބަރު އަޅުގަނޑުމެންނަށް ވަނީ އަޑުއިވިފައެވެ.] ޙަދީޘް ކުރެއްވިއެވެ. [އަބޫ ސަލަމަތުގެ ދަރިކަނބަލުންތޯއެވެ؟] އުއްމުލް މުއުމިނީން  ވިދާޅުވިއެވެ. [އާދޭހެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އެކަމަނާއަކީ ތިމަންކަލޭގެފާނުގެ ދޮންދަރިކަނބަލެކެވެ. ތިމަންކަލޭގެފާނުގެ ބެއްލެވުމުގެ ދަށުގައި ހުރި ކުއްޖެކެވެ. މިދެކަންތައް އެއްކިބާގައި ބާއްވާފައި، އެކަމަނާގެ ބައްޕާފުޅަކީ ތިމަންކަލޭގެފާނުގެ ކިރުގެ ގޮތުން އަޚެކެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެކަމަނާއާ ކާވެނި ބެއްލެވުން ޙަރާމްވާނެއެވެ. އެހެންކަމުން ކަމަނާގެ ދަރިކަނބަލުންނާއި އުޚްތުން ތިމަންކަލޭގެފާނު ކާވެނިބެއްލެވުމަށް ހުށަނާޅުއްވާށެވެ.]{صحيح مسلمكتاب الرضاع،باب تَحْرِيمِ الرَّبِيبَةِ وَأُخْتِ الْمَرْأَةِ ‏، ޙަދީޘް ނަންބަރު 1449}

އުއްމުލް މުއުމިނީން އުއްމުޙަބީބާ ރަޟިޔަﷲ ޢަންހާ މަދީނާއަށް ވަޑައިގެންނެވުމަށްފަހު، އެކަމަނާއަށް ޙަބަޝާއިން ފެނިވަޑައިގެން ބައެއް ކަންތައްތަކުގެ ވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެދެއްވައި ހައްދަވައެވެ. އެގޮތުން އެކަމަނާއަށް ޙަބަޝާއިން ފެނިވަޑައިގެން ކަނީސާއެއްގެ ވާހަކަ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ. އެ ކަނީސާއަކީ ވަރަށް ގިނަ ސޫރަތަކެއް ކުރަހައި ޒީނަތްތެރިކޮށްފައިވާ ތަނެކެވެ. އެވާހަކަ ވިދާޅުވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

[އެބައިމީހުންގެ ތެރެއިން ހެޔޮލަފާ ޞާލިހު މީހަކު މަރުވެއްޖެނަމަ، އޭނާ މަރުވުމުން ވަޅުލާތަނުގައ އެބައިމީހުން ކަނީސާ ނުވަތަ ފައްޅި ބިނާކުރެއެވެ. އެތަން އެބައިމީހުން ތަފާތު ކުރެހުންތަކާއި ސޫރަތަކުން ޒީނަތްތެރި ކުރެއެވެ. އެފަދަ މީހުންނަކީ، ޤިޔާމަތްދުވަހުން، މާތްﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިމީހުންނެވެ.]{مُتَّفَقٌ عَلَيْهِ}

 

Advertisement

ކޮމެންޓް ކުރެއްވުމަށް