އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑާ ގުޅިގެން ޖަޕާނުން ރާއްޖެއަށް ދިން އެހީ ފަންސާސް މިލިއަން ޑޮލަރަށްވުރެ މަތީގަ!

ކޮވިޑާ ގުޅިގެން ޖަޕާނުން ރާއްޖެއަށް ދިން އެހީ ފަންސާސް މިލިއަން ޑޮލަރަށްވުރެ މަތީގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

ކޮވިޑް-19 ގެ ސަބަބުން  ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގައި ޖަޕާނު ސަރުކާރުން ދަނީ ވަރަށް ބޮޑު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނީއްސުރެ، ޖަޕާނުންވަނީ ދިވެހިރާއްޖެއަށް ގާތްގަނޑަކަށް 8.5 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީވެފައެވެ. މީގެ ތެރޭގައި އަތޮޅުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ސިއްޙީ ފަރުވާގެ ފެންވަރު ފުޅާކުރުމަށާއި ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ދަނޑުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އިމިއުނައިޒޭޝަން ސަޕްލައި ޗެއިންއެއް ބިނާކުރުމަށް އެ ސަރުކާރުން ވަނީ ފާހަގަކޮށްލެވޭ އެހީތަކެއްވެދީފައެވެ. 

މީގެ އިތުރުން 'ދަ ކޮވިޑް-19 ކްރައިސިސް ރެސްޕޮންސް އިމާޖެންސީ ސަޕޯރޓް ލޯން' ގެ ނަމުގައި ޖަޕާނު ސަރުކާރުންވަނީ ދިވެހިރާއްޖެއަށް 47.5 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީއެއް ލޯނުގެ ގޮތުގައި ދީފައެވެ. އަދި ޖަޕާނުގެ 'ލާސްޓް ވަން މައިލް ސަޕޯރޓް' ގެ ދަށުން އެ ޤައުމުންވަނީ 'ކޯވެކްސް' ފެސިލިޓީގެ ޒަރިއްޔާއިން އެ ޤައުމުގައި އުފައްދާ އެސްޓްރާޒެނެކާ ވެކްސިންގެ 112,000 ޑޯޒް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ.  

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސަލެންސީ ކެއިކޯ ޔަނާއި ވިދާޅުވީ:  

"ކޮވިޑް-19  ގެ މިދިގުދެމިގެންދާ ބަލިމަޑުކަން ވަނީ ދުނިޔޭގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާއި، ހުރި އުނދަގޫތައް އަދި ކާބޯތަކެތީގެ ހަމަހަމަކަން ނެތްވަރު ހާމަކޮށްދީފައެވެ. މިގޮތުން ކޮވިޑް-19 ވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައިވެސް ޑައިވާރސިފިކޭޝަން އަދި އަމިއްލަ އުފެއްދުންތެރިކަމަށް ބަރޯސާވުމުގެ މުހިންމުކަމާއި އިޤްތިސާދު، މުޖްތަމަޢު އަދި ތިމާވެއްޓާއި ގުޅޭ އެކި ކަންކަމުގައި ދެމެހެއްޓެނިވި ޚިޔާލު ގެންގުޅުމުގެ ބޭނުން ހާމަކޮށްދީފައެވެ. އެހެންކަމުން މިހުޅުމާލޭގަ ފެށި ދަނޑުވެރިކަމުގެ ޕްރޮޖެކްޓް ފެށިގެން މިދިއައީ ދިވެހިރާއްޖެފަދަ ޤައުމަކަށް އެންމެ އެކަށޭނަ ވަގުތުގައި ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ."  

މީގެ އިތުރުން އެކަމަނާގެ އުންމީދަކީ މި ޕްރޮޖެކްޓްގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްރޫއުތަކުގައި އެއްބާރުލުންދީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ކާބޯތަކެތި ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރުންކަމަށްވެސް ވިދާޅުވިއެވެ. 

"މިއަދު މި ސޮއިކުރެވުނު އެއްބަސްވުމަކީ އަޅުގަނޑުމެންގެ 'ބިލްޑް ފޯވާރޑް ބެޓާރ' ގެ ޝިޔާރުގެ ދަށުން އެޅުނު ވަރަށް މުހިންމު ފަޔަވަޅެކެވެ. މިގޮތުން ފޭސް 1 ސީޑްސް ޕްރޮޖެކްޓްގައި ވަނީ މިކަމުގެ އޮށް އިންދިފައެވެ. ނަމަވެސް ކޯވިޑް-19 އަކީ އެއް ކާރިސާއެއް ނޫނެވެ. މިއީ މުސްތަޤްބަލަށް ދެމިގެންދާނެ އަދި ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްކުރަން ޖެހޭ ކްރައިސިސްއެކެވެ. މިގޮތުން މި ސޮއިކުރެވުނު ޕްރޮޖެކްޓެގެ ސަބަބުން ދަނޑުވެރިކަމުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކާއި މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ގިނަ ގުނަ ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި މިކަން ފަށައިގަނެ މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްވެސް ފަސޭހަވެގެންދާނެއެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރާނެއެވެ. އަދި އިޤްތިސާދީ ރައްކާތެރިކަން ޔަޤީންވެގެންދާނެއެވެ. ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓަލް އީކޯސިސްޓެމް ކުރިއަރުވާ ފުޅާކޮށް، ޤައުމުގެ ވެލިއު ޗެއިންސް ފުރިހަމަކުރުމަށް މަސައްކަތް ކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ މިތިބީ – އަޅުގަނޑުމެންގެ ޕާރޓްނަރުންނާއިއެކެ – އަތުކުރި އޮޅާލައިގެންނެވެ. މިގޮތުން ޔޫ.އެން.ޑީ.ޕީގެ އަމާޒަކީ  ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަވަސް މުސްތަޤްބަލެއްގައި ހާސިލްކުރުމެވެ." ޔޫ.އެން.ޑީ.ޕީގެ ރެސިޑަންޓް ރެޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާ ވިދާޅުވިއެވެ. 

'ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) ކުރިއަށް ގެންދިޔުމުގައި ޔޫ.އެން.ޑީ.ޕީ އާއި އެކު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްއާއި އެކުގައި އެގްރޯ ނޭޝަނަލް ކޯޕޮރޭޝަން (އެގްރޯނެޓް)، ބިޒްނަސް ސެންޓަރ ކޯޕޮރޭޝަން (ބީ.ސީ.ސީ) އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ވެސް ބައިވެރިވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު