އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޞާޞްގެ ޙުކުމާ ދެކޮޅު ހެދުމަކީ މިއްލަތުން ބޭރުވެދާނެ ކަމެއް!

ޤިޞާޞްގެ ޙުކުމާ ދެކޮޅު ހެދުމަކީ މިއްލަތުން ބޭރުވެދާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

الشَّيْخ شَفِيْعُ عَبْدُ الله

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ

. ‎﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى﴾ (البقرة: ١٧٨) 

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލު ކުރެވޭ މީހުންނާމެދު ޤިޞާޞު ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ".

އިސްލާމްދީނުގައި ޤަޠުޢީކޮށް (ޤުރުއާނުގެ އާޔަތަކުން ނުވަތަ ޞައްޙަ ޙަދީޘަކުން ނުވަތަ އިޖުމާޢުން ޔަޤީން މިންވަރަށް) ބަޔާންވެފައިވާ އެއްވެސް ޙުކުމްފުޅަކަށް، (އެއީ ދީނުގައި އެ ޙުކުމްފުޅެއް އޮތްގޮތްކަން ޝައްކެއްނެތް މިންވަރަށް އެ މީހަކަށް އެނގުމަށްފަހު) އިންކާރު ކުރުމަކީ އެ މީހަކު މިއްލަތުން ބޭރުވެ ކާފަރުވާނެ ކަމެކެވެ. މިއީ މިކަމާމެދު އެއްވެސް ޢިލްމުވެރިއަކު ދެބަސްވެވަޑައިނުގަންނަވާނެ އިޖުމާޢުލް ޤަޠުޢީ ކަމެކެވެ.

ޤިޞާޞްގެ ޙައްދު ނުވަތަ މަރަށް މަރުހިފުމުގެ ޙައްދަށް ބަލާއިރު، އެއީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަރީޙަ ޙަދީޘްފުޅުން ފެންނަން އޮތް ޤަޠުޢީ ޙުކުމެކެވެ. އެއާމެދު އިންކާރު ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަ ވެގެންވާނޭ ކަމެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއީ ކުރިން ދެންނެވުނު ފަދައިން އެ މީހަކު މިއްލަތުން ބޭރުވެ ކުފުރުގެ ދާއިރާއަށް ހިނގައިދާނެ ކަމެކެވެ.

ޙުރުމަތްތެރިވެގެންވާ ފުރާނައެއް ދުއްވައިލާ މީހަކީ، ހަމައެކަނި އެންމެ ފުރާނައެއް ދުއްވައިލި މީހެއް ނޫނެވެ. އެއީ އެތަކެއް ފުރާނެއް ދުއްވައިލި މީހެކެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވަނީ މީހެއްގެ ފުރާނަ ނެތިކޮށްފި މީހަކީ ހުރިހާ އިންސާނުންގެ ފުރާނަ ނެތިކޮށްފި މީހެއް ކަމުގައެވެ. އަދި މީހެއްގެ ފުރާނަ ސަލާމަތްކޮށްފި މީހަކީ ހުރިހާ އިންސާނުން ދިރުވައިފި މީހެއް ކަމުގައެވެ. މިއީ ދީނުގައި އެކަން ކަނޑައަޅުއްވާފައިވާ ގޮތެވެ.

ނިކަން ވިސްނަވާށެވެ. އެ ޤާތިލުކަލޭގެ އެ މަރައިލީ މީހެއްގެ ދަރިއެކެވެ. މީހެއްގެ ފިރިއެކެވެ. ނުވަތަ އަނތްބެކެވެ. މީހެއްގެ ބޭބެއެކެވެ. ނުވަތަ ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. މީހެއްގެ ގާތް އެކުވެރިއެކެވެ. ތިމާގެ މީހެކެވެ. ދިރިތިއްބާ އޭނާ އެ މަރައިލަނީ މި އެންމެނެވެ. ދެން އޭނާ އަށް ކޮން ރަޙްމެއް، ކޮން ހަމްދަރުދީއެއްތޯއެވެ؟ ރަޙްމާއި ހަމްދަރުދީ ވުން އޮތީ މި ދެންނެވި މީހުންނަށް ނޫންތޯއެވެ. ޢުމުރަށް ދެން އެކަމުގައި ހިތާމަ ކުރާނެ މީހުންނަށް ނޫންތޯއެވެ.

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ޤިޞާޞްގެ ޙުކުމުގައި ބައިވަރު ޙިކުމަތްތައް ހިމެނެއެވެ. އިސްލާމީ މުޖުތަމަޢެއްގައި، ރަނގަޅަށް ޤިޞާޞްގެ ޙުކުމް ތަންފީޒުކުރެވޭ ތަނެއްގައި، ފުރާނަ އަށް ޙުރުމަތް ލިބިގެން ވާނެއެވެ. އަމާންއޮމާންކަން ލިބިގެން ވާނެއެވެ. ޤިޞާޞް ހިފުމުގައި ދިރުމެއް ވެއެވެ. މިއީ ކީރިތި ޤުރުއާނުގައިވާ އިލާހީ އިޢުލާނެކެވެ. ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ މަތިވެރި އިލާހުގެ އެންގެވުމެކެވެ. 

 

- ޝައިޚް ޝަފީޢު ޢަބްދިﷲ

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް