އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުކަންތައް ޤަބޫލުކުރެއްވުމުގެ ދެ ޝަރުޠު!

އަޅުކަންތައް ޤަބޫލުކުރެއްވުމުގެ ދެ ޝަރުޠު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ޝަފީޢު ޢަބްދުﷲ

 

އަޅުކަންތައް ޤަބޫލުކުރެއްވުމުގައި ދެ ޝަރުޠެއްވެއެވެ. އެއީ: މާތް ﷲއަށް ހިތް ނިޔަތް ޚާލިޞްކުރާ ޙާލު އެ އަޅުކަމެއް ކުރުމާއި، މާތް ނަބިއްޔާ صلى الله عليه وسلم ދަސްކޮށްދެއްވި ގޮތަށް އެ އަޅުކަމެއް ކުރުމެވެ.

އިޚްލާޞްތެރިކަން ނެތިއްޖެ ޢަމަލަކީ މަންފާއެއް ނެތް ހުސް ޙަރަކާތްތަކެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. މާނައީ: " ބާޠިލުމަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނައަކީ އެއީއެވެ."

ދެއްކުންތެރިކަމަކީ އަޅާގެ ޢަމަލުތައް ބަރުބާދުކޮށްލާ ކަމެކެވެ. ދެމީހެއްގެ ވާހަކަ ތަޞައްވަރުކޮށްލައްވާށެވެ. ދެ މީހުން ވެސް ދިޔައީ ނަމާދަށް މިސްކިތަށެވެ. އެއްގަޑިއެއްގައެވެ. ގަމަތް ދިނުމާ އެކު ދެ މީހުން ވެސް ހުއްޓުނީ އިމާމާ އެންމެ ކައިރީގައެވެ. ނަމާދުކޮށް ނިމިއްޖެއެވެ. ނަމަވެސް، އެކެއްގެ އަޖުރު އެތައް ހާސް ގުނައަކަށް އިތުރުވިއިރު އަނެކެއްގެ އެކައުންޓަށް ޖަމާވީ ސުމެއް ކަމަށް ވެދާނެއެވެ. ސުވާލަކީ މިހެންވާންވީ ކީއްވެގެންތޯއެވެ؟ ދެ މީހުން ވެސް ކުރީ އެއް ނަމާދެއް ނޫންތޯއެވެ؟ އެއް އިމާމެއްގެ ފަހަތުގައި ނޫންތޯއެވެ؟ ޖަވާބަކީ، ތަފާތުވީ ކުރި ޙަރަކާތްތަކެއް ނޫނެވެ. ތަފާތުވީ ހިތުގައި އޮތް އެއްޗެވެ. އަޖުރުގެ މީޒާނު ފުރިގެން ދިޔަ މީހާ ނަމާދު ކުރީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެންނެވެ. އެ އިލާހުގެ ރުއްސެވުން ލިބިގަތުމަށެވެ. ނަމަވެސް އަނެކާގެ ހިތުގައި އިޚްލާޞްތެރިކަމެއް ނެތެވެ. އޮތީ ދެއްކުންތެރިކަމެވެ. މީހުންގެ ދުލުން އޭނާއަކީ ނާމަދު ކުރާ، ޞާލިޙު ތަޤްވާވެރި އަޅެކޭ ބުނުމުގެ ނިޔަތެވެ. 

ދެވަނަ ޝަރުޠައް ބަލާއިރު، އަޅުކަންތައް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދަސްކޮށްދެއްވި ގޮތަށް ކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މާތް ﷲ ވަނީ މި ދީން ފުރިހަމަ ކޮށްދެއްވާފައެވެ. އަދި މި ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އުއްމަތަށް ފޯރުކޮށްދެއްވާފައެވެ. އެކަލޭގެފާނު އެކަންކަން ބަޔާންކޮށްދެއްވީ ބަސްފުޅާއި ޢަމަލުފުޅުންނެވެ. ނަމާދު ކުރާނެ ގޮތް އެކަލޭގެފާނު ވަނީ އުއްމަތަށް ދަސްކޮށްދެއްވާފައެވެ. ޙަދީޘްކުރެއްވިއެވެ. "ތިމަން ކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާ ހުށިކަމެވެ." (البخاري) ޙައްޖުވެވަޑައިގަތުމާ އެކު ޙައްޖު ކުރާނެ ގޮތް ދަސްކޮށްދެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. " ތިމަން ކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުން ޙައްޖުގެ އަޅުކަން ދަސްކުރާށެވެ." (مسلم) އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ގެ ވަޒީފާއަކީ އުއްމަތަށް ޤުރުއާން ފޯރުކޮށްދިނުމާ އެކު، އެ ޤުރުއާން މީސްތަކުންނަށް ބަޔާންކޮށްދެއްވުން ވެސް މެއެވެ. އަޅުގަނޑުމެން މައްޗަށްވާ ވާޖިބަކީ އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް އަޅުކަންތައް އަދާކުރުމެވެ. މާތް ނަބިއްޔާ  صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. " އަހަރެމެންގެ ދީނުގައި ވާގޮތާ ޚިލާފަށް ޢަމަލުކޮށްފި މީހެއްގެ ޢަމަލުތައް ވަނީ އެމީހަކަށް ރައްދުކުރެވިގެންނެވެ." (مسلم)

ދުޢާއަކީ، މާތް ﷲ، އަޅުގަނޑުމެންނަކީ އިޚްލާޞްތެރީން ކަމުގައި ލައްވަވައި، މާތް ނަބިއްޔާ صلى الله عليه وسلم ދަސްކޮށްދެއްވި މަގުން އުޅޭ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން!

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު