އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާދަމްގެފާނު ވާހަކަ: ސުވަރުގޭގައި ވަޒަންވެރި ކުރުވުން

އާދަމްގެފާނު ވާހަކަ: ސުވަރުގޭގައި ވަޒަންވެރި ކުރުވުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 20 މިނެޓް, 58 ސިކުންތު

ޙައްވާގެފާނު ހެއްދެވުމަށްފަހު، އޭގެ ދެކަނބަލުން ދިރިއުޅުއްވާނެ ތަނެއްކަމުގައި، މާތްالله سبحانه وتعالى، ހަމަޖައްސަވައިފައިވަނީ ސުވަރުގެއެވެ. އެތަނުގެ ނިޢުމަތްތަކުން އެދެކަނބަލުން އުފާ ޙާޞިލު ކުރެއްވެވުމަށްޓަކައެވެ. ނަމަވެސް އެދެބޭކަނބަލުންނަށް ވަކި ވައްތަރެއްގެ ގަހަކުން ފަރީކުޅުއްވުން މަނާ ކުރެއްވެވިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލް އަޢުރާފު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴿١٩

މާނައީ: "އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ." 

ދެން، އިބިލީސް ހިންމަތާއި މިންނަތް ކުރަންފެށީ، އެދެބޭކަނބަލުންނަށް މާތްالله سبحانه وتعالى، ފަރީއްކުޅުއްވުން މަނާކުރެއްވި ގަހުން، އެދެބޭކަނބަލުން ފަރީކުޅުއްވާތޯ އެކި ގޮތްގޮތުން މަސައްކަތްކުރުމެވެ. އެކިއެކި ބަހަނާތައް ދައްކައިގެން އެދެބޭކަނބަލުން އޭނާގެ މަކަރުވެރި ކަމުގެ ދަލުގައި ޖައްސައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން އެދެބޭކަނބަލުން އިބިލީހުގެ ވަސްވާހުގައި ޖެހިވަޑައިގެން އެގަހުން ފަރީއްކުޅުއްވިއެވެ. މިކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ޤުރްއާނުގެ އަލް އަޢުރާފު ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ ﴿٢٠﴾ وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ﴿٢١﴾فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴿٢٢ 

މާނައީ: "ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ.އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟" 

آدم عليه السّلام އާއި ޙައްވާގެފާނަށް އެބޭކަނބަލުންނަށް ކުރެއްވުނު ކުށުގެ ބޮޑުކަން އެނގިވަޑައިގެން ތައުބާވެވަޑައިގެންނެވިއެވެ. ދެން، މާތްالله سبحانه وتعالى، އެދެބޭކަނބަލުންނަށް ތައުބާލައްވައި ދުނިޔޭގެ ބިމަށްބޭލުއްވިއެވެ. މިކަމަށް އިޝާރާތްކުރައްވައި އަލް އަޢުރާފު ސޫރަތުގެ 23 ވަނަ އާޔަތާއި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾ قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٢٤ 

މާނައީ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ." 

ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި آدم عليه السّلام އާއި ޙައްވާގެފާނު ސުވަރުގެއިން ބޭރުކުރައްވައި ދުނިޔޭގެ ބިމަށް ފޮނުއްވީ ހުކުރު ދުވަހެއްގައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

" خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا "{صحيح مسلم/ كتاب الجمعة/ باب فَضْلِ يَوْمِ الْجُمُعَةِ/ ޙަދީޘް ނަންބަރު 854} 

މާނައީ: "އެދުވަހެއްގައި އިރުއެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމުގެފާނު ޚަލްޤުކުރެވުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެ ވެއްދުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ." 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

" لَوْلاَ بَنُو إِسْرَائِيلَ لَمْ يَخْنَزِ اللَّحْمُ، وَلَوْلاَ حَوَّاءُ لَمْ تَخُنْ أُنْثَى زَوْجَهَا "‏‏ { صحيح البخاري/كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ ޙަދީޘް ނަންބަރު 3330} 

މާނައީ: "ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނުވާނަމަ މަސް ކުންޏެއް ނުވީހެވެ. ޙައްވާގެފާނު ވެވަޑައިގެންނުވާނަމަ އެއްވެސް އަންހެނަކު އޭނާގެ ފިރިއަކަށް ޚިޔާނާތެއްނުވީހެވެ." 

މި ޙަދީޘް ޝަރަޙަ ކުރައްވަމުން އިބްނު ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. މި ޙަދީޘްގައި ޚިޔާނާތޭ އޮތީ ފާޙިޝް ޢަމަލުކުރުމަކަށްނޫނެވެ. މި ޙަދީޘުގައި ޙައްވާގެފާނަށް ނިސްބަތްކުރެވިފައިވާ ޚިޔާނާތަކީ، މަނާކުރައްވައިފައިވާ ގަހުން މޭވާ ފަރީއްކުޅުއްވުމަށް آدم عليه السّلام އަށް ބާރުއެޅުއްވުމަށެވެ. މިޙަދީޘުގައި އިޝާރާތްކުރެވިފައިއެވަނީ، އަންހެނުންނަށް އެކަނބަލުންގެ މަންމައަށް ކުރެވުނުފަދަ ކަމެއް ކުރެވިދާނެކަމެވެ. އެއީ އެފަދަ ކަންތައްތަކަކީ އެކަނބަލުންގެ ޠަބިއްޔަތާ ގުޅިފައިވާ ކަންތައްތަކަށްވާތީއެވެ. މަދުންނަމަވެސް އެކަނބަލުންގެ ފަރާތުން މިފަދަ ކަމެއްފެނިއްޖެނަމަ، އެކަނބަލުންނަށް ވިސްނައިދީ ހެޔޮމަގަށް އެޅުވުން ހުއްޓެވެ.

ބަނީ އިސްރާއީލުބާގައިގެ މީހުންނަށްވަނީ، އެބައިމީހުންގެ މައްޗަށް މަންނައާއި ސަލްވާ ބާވައިލެއްވިދުވަސްވަރު، ސަލްވާގެ މަސް ފޮރުވައިފައި ބެހެއްޓުން މަނާކުރައްވައިފައެވެ. ނަމަވެސް އެބައިމީހުން މާތްﷲ ގެ އަމުރުފުޅާ ޚިލާފުވެ ސަލްވާގެ މަސް ފޮރުވަންފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްކުނިވާ އެއްޗެއް ކަމުގައި ލެއްވިއެވެ.

{އިބްނު ޙަޖަރު،ފަތުޙުލްބާރީ، އަދި ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ކީރިތި ޤުރްއާނުގެ ތަފްސީރު، ދަރުމަ މަޖައްލާ މެއި 2006} 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން  އިމާމު މުސްލިމު ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

" احْتَجَّ آدَمُ وَمُوسَى فَقَالَ مُوسَى يَا آدَمُ أَنْتَ أَبُونَا خَيَّبْتَنَا وَأَخْرَجْتَنَا مِنَ الْجَنَّةِ فَقَالَ لَهُ آدَمُ أَنْتَ مُوسَى اصْطَفَاكَ اللَّهُ بِكَلاَمِهِ وَخَطَّ لَكَ بِيَدِهِ أَتَلُومُنِي عَلَى أَمْرٍ قَدَّرَهُ اللَّهُ عَلَىَّ قَبْلَ أَنْ يَخْلُقَنِي بِأَرْبَعِينَ سَنَةً " . فَقَالَ النَّبِيُّ صلى الله عليه وسلم " فَحَجَّ آدَمُ مُوسَى فَحَجَّ آدَمُ مُوسَى " {صحيح مسلم/ كتاب القدر/ باب حِجَاجِ آدَمَ وَمُوسَى عَلَيْهِمَا السَّلاَمُ‏/ ޙަދީޘް ނަންބަރު 2652} 

މާނައީ: "މޫސާގެފާނާއި އާދަމުގެފާނު އެއްބޭކަލަކު އަނެއްބޭކަލަކާ ޚިލާފަށް ވާހަކަފުޅު ދެއްކެވިއެވެ. މޫސާގެފާނު ވިދާޅުވިއެވެ. އޭ އާދަމުގެފާނެވެ.! ކަލޭގެފާނަކީ އަޅުގަނޑުމެންގެ ބައްޕާފުޅެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް ގެއްލުންދެއްވައި އަޅުގަނޑުމެން ސުވަރުގެއިން ނެރުއްވައިފީމެވެ. އެހިނދު އާދަމުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަކީ މޫސާގެފާނެވެ. އެއްވެސް މެދުވެރިއެއްނެތި ބަސްވަޙީ ކުރެއްވުމުން އެކަލާނގެ ކަލޭގެފާނު ހޮއްވަވައި ޚިޔާރު ކުރެއްވިއެވެ. އަދި ކަލޭގެފާނަށްޓަކައި އެކަލާނގެ ތައުރާތު ލިޔުއްވައިދެއްވިއެވެ. ތިމަންކަލޭގެފާނު ހެއްދެވުމުގެ ސާޅީސް އަހަރު ކުރީން މާތްﷲ ތަޤުދީރުގައި ނިންމަވައިފައިވާ ކަމަކާމެދު ކަލޭގެފާނު ތިމަންކަލޭގެފާނަށް މަލާމާތްކޮށް ތުހުމަތު ކުރައްވަނީތޯއެވެ؟ ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. މި އިޙްތިޖާޖުގައި އާދަމުގެފާނު، މޫސާގެފާނުގެ މައްޗަށް ކުރި ހޯއްދެވިއެވެ." 

- ޢަލީ އިޙްޞާން ފިރާޤް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު