އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަހާދަތުގެ އެއްބައި ޤަބޫލުކޮށްގެން އިސްލާމްކަން ފުރިހަމައެއް ނުކުރެވޭނެ!: މުފްތީ މެންކް

ޝަހާދަތުގެ އެއްބައި ޤަބޫލުކޮށްގެން އިސްލާމްކަން ފުރިހަމައެއް ނުކުރެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

ޝަހާދަތުގެ އެއްބައި ޤަބޫލުކުރާ ބައަކު މުސްލިމުންގެ ތެރޭގައި އެބަ އުޅެއެވެ. އެމީހުންގެ އިސްލާމްކަން ފުރިހަމައެއް ނުވާނެއެވެ. އަދި އެފަދަ މީހުން ވާނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ޤަބޫލުކުރަން އިންކާރުކުރާ ބައަކަށެވެ. އެކަމުގެ ހެކި ކީރިތި ޤްރުއާނުން މިދައްކަނީއެވެ. 

ރަސޫލް ()ގެ ސުންނަތާއި ކުރައްވަވާފައިވާ ޙަދީޘްފުޅުތައް ޤަބޫލުކުރަން ބޭނުން ނުވާ އެއްވެސް މީހަކަށް އިސްލާމް ދީނަށް ޢަމަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމުގެ ހެކި ދެއްކެވުމުގެ ގޮތުން ހުރިހާ ޢިލްމުވެރިން ބަޔާން ކުރައްވަވާ އާޔަތެއް ކީރިތި ޤްރުއާނުގައިވެއެވެ. އެއީ ނިސާ ސޫރަތުގެ 65 އާޔަތެވެ. 

"އެއާޔަތުގައި ވަނީ މިފަދައިންނެވެ. "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީ ރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ." 

ރަސޫލް ()ގެ ސުންނަތަށާއި ޙަދީޘްފުޅުތަކަށް އަމަލުކުރަން އިންކާރުކުރާ މީހަކީ ޝަހާދަތުގެ އެއްބައަށް އީމާން ނުވާ މީހުންނެވެ. ޝަހާދަތް ފުރިހަމަވާނީ ރަސޫލް () ގެ ރަސޫލްކަން ޤަބޫލުކުރުމުންނެވެ. ރަސޫލް ()ގެ ރަސޫލުކަން ޤަބޫލުކުރުމަކީ ރަސޫލް () ޢަމަލު ކުރެއްވެވި ގޮތާއި ކުރައްވަވާފައިވާ ޙަދީޘްފުޅުތައް އެއްވެސް ޝައްކެއް ނެތި ޤަބޫލުކުރުމުންނެވެ. 

ކީރިތި ޤްރްއާނުން ފެންނަން ނެތް ކޮންމެ ކަމެއްގައި ބަލަން ޖެހޭނީ ރަސޫލް ()ގެ ސުންނަތަށެވެ. ޙަދީޘްފުޅުތަކަށެވެ. ބެލުމުން ފެންނަން އޮތް ގޮތުގައި ތިމާއަށް ގެއްލުމެއް ލިބެން އޮތް ނަމަވެސް ޖެހޭނީ އެއީ ޞައްޙަ ގޮތް ކަމަށް ޤަބޫލުކުރާށެވެ. އެގޮތަކަށް އަމަލުކުރާށެވެ! އެގޮތަށް އަމަލުކުރުމުން ތިމާ ބޭނުންވާ މަޤްޞަދު ޙާޞިލުވުމާއި ނުވުމަކީ މުޅިން ތަފާތު މައްސަލައެކެވެ. ބޭނުންވާ މަޤްޞަދު ޙާޞިލު ނުކުރެވުމަކީ ޙަދީޘް ޤަބޫލު ނުކުރަން ދެއްކޭނެ ޙުއްޖަތެއް ނޫނެވެ. 

މިބަސް އިތުރަށް ޔަޤީންކުރަން ބޭނުން ނަމަ ހަމަ ނިސާ ސޫރަތުގެ 80 ވަނަ އާޔަތް ބަލާށެވެ! "رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ." 

ދެން ބުނެވޭނީ ކީކޭ ހެއްޔެވެ؟ މިފަދަ މައްސަލަތައް ކުރިމަތިވަނީ ކީރިތި ޤްރުއާން ނުކިޔަވާތީއެވެ. ޚާއްޞަކޮށް މާނަ ނުކިޔާތީއެވެ. މާނަކިޔައި އާޔަތްތަކަށް ވިސްނާނަމަ އެފަދަ ބަސްތައް ނުބުނާނެއެވެ. އެކަން އެނގިގެންދަނީ ނިސާ ސޫރަތުގެ 82 ވަނަ އާޔަތުންނެވެ. "ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ." 

ތަޤޫވާވެރިކަން އިތުރުކުރަން ބޭނުންވާ މީހުން ކީރިތި ޤްރުއާނުގެ މާނަ ކިޔައި ވިސްނަން މިބުނަނީ އެހެންވެގެންނެވެ. މީސްތަކުންނޭވެ! އާޚިރަތް ދުވަހު ސަލާމަތްކަން އެދޭނަމަ ކީރިތި ޤްރުއާނާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ! އެގުޅުން ވެގެންދާނީ ތިބާ އާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ އެންމެ ގަދަ ބާރަށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް