އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 44 ސިކުންތު
ތިރީގައި މިވަނީ ރަމަޟާން މަހާއި އިސްތިގްބާލު ކުރާނީ ކިހިނެއްތޯ؟" މި މައުޟޫޢުގެދަށުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ފެށުމެވެ.
މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާއިމެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާއި ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާއި ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ. އަދި ރަމަޟާން މަސް ނިމިއްޖެނަމަ، އެމައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށްދެއްވުން އެދި ދުޢާ ކުރައްވައެވެ.
އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވައެވެ. އަދި ރޯދަ ބާޠިލްވެދާނެ ނުވަތަ އެރޯދައަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވައެވެ.
ބޭކާރުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ސަލާމަތްވެ ތިއްބަވައެވެ. އެމައްސަރުގެ ރޭގަޑުގެ ވަގުތުތައް ރޭއަޅުކަން ކުރުމާއި ގުރްއާން ކިޔެވުމުގައި ހޭދަކުރައްވާ އެމައްސަރުގެ ރޭތައް އިޙްޔާ ކުރައްވައެވެ.
ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، ކާންދީ، ޞަދަގާތް ކުރުން އިތުރު ކުރައްވައެވެ. ރޯދަވެރިންނަށް ރޯދަވިއްލާނެ އެއްޗެއް ދެވޭތޯ ބައްލަވައެވެ. ﷲ އަށް ކިޔަމަންތެރިވުމުގައި އެބޭކަލުންގެ އަމިއްލަ ނަފްސުތަކުން ޖިހާދު ކުރައްވައެވެ. އަދި ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނުގެ ޢަދާވާތްތެރިންނާއި ދެކޮޅަށް ޖިހާދު ކުރައްވައެވެ.
ރަމަޟާން މަހަކީ ކަންނެތް ކަމާއި ނިދުމުގެ މައްސަރެއް ނޫނެވެ! އެއީ ޖިހާދުކޮށް، ޢަމަލުތައް ގިނަކޮށް، އަޅުކަން އިތުރުކުރުމުގެ މައްސަރެވެ!
މުސްލިމުންގެ ޢަދުއްވުންގެ މައްޗަށް ބޮޑުވެގެންވާ ނަޞްރެއް ބަދުރު ހަނގުރާމާގައި ލިބިފައިވަނީ ރަމަޟާން މަހެއްގެ 17 ވަނަ ދުވަހުގައެވެ. މީސްތަކުން ﷲ ގެ ދީނަށް ފައުޖުތަކަށް ވަންނަން މެދުވެރިވި، އަދި މައްކާއަކީ އިސްލާމީ ދައުލަތެއްކަމުގައިގައި ވެގެންދިޔަ، މައްކާ ފަތަޙަ ކުރެއްވުމުގެ ހަނގުރާމަ ހިނގާފައިވަނީ ރަމަޟާން މަހެއްގެ 20 ވަނަ ދުވަހުއެވެ.
އެހެންކަމުން ބައެއް މީހުން ހީކުރާ ގޮތަށް ރަމަޟާން މަހަކީ ކަންނެތް ކަމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އަދިކިއެއްތަ، އެއީ ޖިހާދުކޮށް، ޢަމަލުތައް ގިނަކޮށް، އަޅުކަން އިތުރުކުރުމުގެ މައްސަރެވެ. އެހެންކަމުން ރަމަޟާން މަހާއި ބައްދަލު ކުރަން ޖެހޭނީ ހިތްހެޔޮކަމާއި އުފާވެރިކަމާއި ދީލަތި ކަމާއި ހިތްވަރާއި އެކުގައެވެ.
މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށްޓަކައި ބާވާލެއްވި މުސްލިމުންގެ ދުސްތޫރު ބާވާލައްވާފައިވަނީ ރަމަޟާން މަހެއްގައެވެ. އެމައްސަރެއްގައި ރޯދަ ހިފުން ލާޒިމު ކުރައްވާފައިވަނީ ރަމަޟާން މަހުގައެވެ. ފާފަތައް ފޮހެވި، ދަރަޖަ މަތިވެރިވެ، ހެޔޮކަންތައްތައް އިތުރުވެ، ޝައިޠާނުން ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މައްސަރަކީ ރަމަޟާން މަހެވެ.
ޢުމުރުގެ ޒުވާންކަމާއި، ހެޔޮޞިއްޙަތެއްގައިވީ ޙާލު މިފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންވާނެއެވެ. އެހެންކަމުން ހެޔޮޢަމަލުތައް ގިނަކޮށް، ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް، ފުރިހަމަ ތައުބާ އަކުން ތައުބާ ވާން ޖެހެއެވެ. ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވުމަށް ޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ.
ސޫރަތުއް ޝުޢަރާގެ 88 އަދި 89 ގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَوْمَ لا يَنْفَعُ مَالٌ وَلا بَنُونَ * إِلا مَنْ أَتَى اللهَ بِقَلْبٍ سَلِيمٍ) މާނައަކީ: "ގިޔާމަތް ދުވަހުން މުދަލަކުން ދަރިޔަކުން ފައިދާ އެއް ނުކުރާނެއެވެ. ހަމައެކަނި ސަލާމަތް ހިތަކާއިގެން މާތް ﷲ ގެ ޙަޟްރަތަށް އައިމީހަކު މެނުވީއެވެ". ސޫރަތުލް އަޙްޒާބުގެ 71 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَنْ يُطِعِ اللهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا) މާނައަކީ: "ﷲ އާއި ރަސޫލާ އަށް ކިޔަމަންތެރިވެއްޖެމީހާދަންނާށެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހަކަށް ކާމިޔާބު ލިބިއްޖެއެވެ". ރަމަޟާން މަހާއި އެހިނިހެން މަސްތަކުގައިވެސް ﷲ ވާޖިބު ކުރައްވާފައިވާ ކަންތަކާއި މުސްތަޙައްބު ކުރައްވާފައިވާ ކަންތަކަށް ރައްކައުތެރިވެ، ޙަރާމްކަންތައްތަކާއި މަކްރޫހަ ކަންތައް ދޫކޮށްލަން ޖެހެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
18 މާޗް 2023