އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ނިޔާވުމުން އެމީހުންނަށްޓަކާ އެކަމެއް ކުރުމުން ފައިދާކުރާނެ ކަންކަން-

މައިންބަފައިން ނިޔާވުމުން އެމީހުންނަށްޓަކާ އެކަމެއް ކުރުމުން ފައިދާކުރާނެ ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 17 ސިކުންތު

އަޅުގަނޑުގެ ބައްޕައާއި މަންމައަށްޓަކާ ސަހަރާއަށްގޮސް ކުރެވިދާނެ ރަނގަޅުދުޢާއެއް ނުވަތަ ޞަލަވާތެއް ވިދާޅުވެދެއްވަފާނަންތޯ؟ 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މައްޔިތާ އަށްޓަކައި ކޮށްދޭންވީ ކަންތައްތައް: 

މައްޔިތާ މަރުވުމަށްފަހުގައި އޭނާއަށް ފައިދާ ކުރާނެ ކަންތަކުގެ ތެރޭގައި އޭނާއަށްޓަކައި ކޮށްދެވޭ ހެޔޮ ދުޢާ، ޞަދަގާތް އަދި އޭނާގެ މަތިންވެވޭ ޙައްޖުހިމެނިގެންވެއެވެ.

މައްޔިތާ އަށް ކޮށްދޭހެޔޮ ދުޢާގެ ފައިދާ ކުރާނެކަމުގެ ދަލީލަކީ ކީރިތި ގުރްއާނުގެ ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތެވެ. މާތްވަޙީ ކުރައްވާފައިވެއެވެ. 

(والذين جاؤوا من بعدهم يقولون ربنا اغفر لنا ولإخواننا الذين سبقونا بالإيمان) 

މާނައަކީ: "އަދި އެއުރެންގެ ފަހަތުންއަންނަ މީހުން ބުނެތެވެ.  އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފާފަފުއްސަވައި، މަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންނަށްވުރެ ކުރީންއީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚްތަކުންނަށްވެސް ފާފަފުއްސަވައިމަޣްފިރަތު ދެއްވާފާންދޭވެ. އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެމީސްތަކުންނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަ ނުދެއްވާފާންދޭވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ނުހަނު އޯގާވެރި،ރަޙީމުވަންތަ، އިލާހެވެ".

މައްތިޔަކު ވަޅުލާ ނިމުނު ތަނުން ކީރިތިރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (استغفروا لأخيكم واسألوا له التثبيت فإنه الآن يسأل) 

މާނާއަކީ: "ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއި ސުވާލު ކުރެވޭނެއެވެ". އަދިވެސް ޙަދީޘް ކުރެއްވިއެވެ. ( 

إذا صليتم على الميت فأخلصوا له الدعاء) މާނައަކީ: "ތިޔަބައިމީހުންމައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ".
މައްޔިތާއަށްފައިދާ ކުރާނެ ދެވަނަ ކަމަކީ އޭނާގެ މަތިން ކުރެވޭ ޞަދަގާތެވެ. އޭގެދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިންރިވާވެގެންވެއެވެ. 

(أن رجلا قال للنبي صلى الله عليه وسلم إن أمي افتلتت نفسها ولم توصي وأظنها لو تكلمت تصدقت أفلها أجر إن تصدقت عليها فقال النبي صلى الله عليه وسلم : نعم ) 

މާނައަކީ: " މީހަކު އައިސް ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. އަޅުގަޑުގެ މަންމަ ވަޞިއްޔަތެއް ނުކޮށް ނިޔާވެއްޖެއެވެ. މަންމާ ވާހަކަ ދެއްކި ނަމަ ޞަދަގާތްކުރުމަށް ވަޞިއްޔަތް ކުރާނެކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ދެންފަހުމަންމަގެ މަތިން އަޅުގަޑު ޞަދަގާތްކޮށްފިނަމަ އޭގެ އަޖްރު (ޘަވާބު) މަންމައަށް ލިބޭނެހެއްޔެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. "އާއެކެވެ".

މާތް ﷲ ރުއްސުންލެއްވި ސަޢުދު ބިންޢުބާދާ ގެ ކިބައިން ރިވާވެގެންވެއެވެ. 

(أن أمه توفيت وهو غائب فقال : يا رسول الله إن أمي ماتت وأنا غائب فهل ينفعها إن تصدقت عنها فقال : نعم، فقال : أشهدك أن حائطي المخراف صدقة عنها ) 

"މާނައަކީ: އެކަލޭގެފާނުރަށުގައި ނޫޅުއްވަނީސް މަންމާފުޅު ދުނިޔެ ދޫކުރައްވައިފިއެވެ. ދެންއެކަލޭގެފާނު މިޚަބަރު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްދެއްވައި ވިދާޅުވިއެވެ. ތިމަންނާގެ މަންމަގެ މަތިން ޞަދަގާތްކޮށްފިނަމަމަންމަ އަށް އޭގެ ފައިދާ ކުރާނެތޯއެވެ. ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ"، އެހިނދު ސަޢުދު ވިދާޅުވިއެވެ. "ކަލޭގެފާނު ހެކިކުރައްވާ ވިދާޅުވަމެވެ. "މިޚްރާފް" އޭ ކިޔާ ތަނުގައިވާ ދެކަދުރު ދަނޑު މަންމަގެ ނަމުގައިޞަދަގާތްކޮށްފީމެވެ".

މައްޔިތާއަށް ފައިދާ ކުރާނެ ތިންވަނަ ކަމަކީއޭނާގެ މަތިން ޙައްޖުވުމެވެ. މިކަމުގެ ދަލީލަކީ ޞަޙާބީއަކު މަރުވެފައިވާމަންމަގެ މަތިން ޙައްޖު ވުމާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- އާއި ސުވާލު ކުރުމުން ޙަދީޘް ކުރެއްވިއެވެ. 

(أرأيت لو كان على أمك دين أكنت قاضيته ، قالت : نعم قال : فدين الله أحق بالقضاء) 

މާނައަކީ: "ތިބާގެ މަންމަގެ ދަރަންޔެއް އޮތްނަމަ އަދާކުރާނަން ހެއްޔެވެ؟ ޞަޙާބީދެންނެވިއެވެ. "އާދޭހެވެ"، ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މައްޗަށްވާ ދަރަނިއަދާކުރުން މާ ޙައްގުކަން ބޮޑެވެ".

އަލްއިމާމުއް ނަވަވީ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތަންބޭނުން މީހާ އެމީހުންގެނަމުގައި ޞަދަގާތް ކުރާހުށިކަމެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހުންގެނަމުގައި ކުރާ ޞަދަގާތުގެ ޘަވާބު އެބައިމީހުންނަށް ލިބޭނެކަމާއި މެދުގައިމުސްލިމުންގެ މެދުގައި ޚިލާފެއްނެތެވެ.

މައްޔިތާގެ މަތިން ނަމާދުކުރުމާއި ރޯދަ ހިފުމާއި ބެހޭގޮތުން ޝާފިޢީ މަޛްހަބު ގެ ޢިލްމުވެރިންނާއިއެހެނިހެން މަޛްހަބު ތަކުގެ ގިނަ ޢިލްމުވެރިން ދެކިލައްވަނީ އެކަމުގެސަބަބުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެ ކަމަށެވެ. ނަމަވެސްމައްޔިތާގެ މައްޗަށް ވާޖިބުވެފައިވާ ރޯދައެއް ނުހިފި ވާނަމަ ހިފުމަކުންމައްސަލައެއް ނެތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.

މައްޔިތާގެމައްޗަށް ގުރްއާން ކިޔެވުމުގެ މައްސަލާގައި ބައެއް ޢިލްމުވެރިންދެކިލައްވަނީ އެކަމުން މައްޔިތާ އަށް ޘަވާބު ލިބޭނެ ކަމަށެވެ. އަނެއްބައިޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ފައިދާ އެއްނުކުރާނެކަމަށެވެ. ނަމަވެސް މިކަމުގައި ހަނދާން ކުރަން ޖެހޭނެ ކަމަކީރާއްޖޭގެ ޢާދަކާދާގައިވާ ފަދައިން ބަޔަކުމީހުންނަށް އަގުދީގެން ގުރްއާންކިޔެވުމަކުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެއެވެ. ސަބަބަކީއެބައިމީހުން ކިޔަވާނީ އިޚްލާޞްތެރިކަމާއި އެކުގައި ނޫންކަމަށްވާތީވެއެވެ. އެބައިމީހުންނަށް ލިބޭ ފައިސާގެ ބޭނުމުގައި ކަމަށްވާތީވެއެވެ. މައްޔިތާއަށްދުޢާކޮށް ދިނުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރައްވަމުން ޙަދީޘް ކުރެއްވިއެވެ. 

(إذا صليتم على الميت فأخلصوا له الدعاء) 

މާނައަކީ: "ތިޔަބައިމީހުން މައްޔިތާ އަށް ޓަކައި އިޚްލާޞްތެރިކަމާއިއެކު ދުޢާ ކޮށްދޭށެވެ". އެހެންކަމުން އިޚްލާޞްތެރިކަމެއްނެތި ކޮށްފި ކަމަކުން ފައިދާ އެއް ނެތެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހުރިހާ އަޅުކަމަކުންވެސް މައްޔިތާ އަށްފައިދާ ކޮށްދެވޭނެއެވެ. އެއީ ނަމާދު ކުރުންކަމުގައިވީނަމަވެސް، ރޯދަހިފުން ކަމުގައިވީނަމަވެސް ނުވަތަ ގުރްއާން ކިޔެވުން ކަމުގައިވީނަމަވެސް އެވެ. ނަމަވެސް މިކަންތަކަކީ ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުރި ކަންތަކެވެ. ޚިލާފެއްނެތި ދަންނަބޭކަލުން ގެ އިޖްމާޢުން މައްޔިތާ އަށް ފައިދާ ކުރާނެކަންތަކަކަކީ ހެޔޮ ދުޢާ އާއި ޞަދަގާތް އަދި ޙައްޖުވުމެވެ.


މައްޔިތާއަށް ޓަކައި ކޮށްދެވޭނެ އެންމެ ހެޔޮކަމަކީ ގިނަ ގިނައިން ހެޔޮ ދުޢާކޮށްދިނުމެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَقُلْ رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا) މާނައަކީ: "އަދި ބުނާށެވެ. ހައްދަވާގެންގުޅުއްވާ އިލާހެވެ. ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންވީ ދުވަހުތިމަންގެ ޙާލު ބަލައި ބޮޑުކުޅަފަދައިން، އެދެމީހުންނަށް ރަޙްމަތްލައްވައިފާންދޭވެ".
(ސޫރަތުލް އިސްރާގެ 24 ވަނަ އާޔަތް)
ރަސޫލު ﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. 

(إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلا مِنْ ثَلاثَةٍ إِلا مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ) މާނައަކީ: "އިންސާނާ  މަރުވެއްޖެނަމަ ތިންކަމަކުން މެނުވީއޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ނުވަތަފައިދާ ކުރަނިވި ޢިލްމެއް ނުވަތަ ދުޢާކޮށްދޭނެ ޞާލިޙް ދަރިއެކެވެ".

ސުރުޚީގައިވާ ސުވާލުގެ ޖަވާބުގެ ޚުލާޞާ އެއްގެ ގޮތުގައި ދަންނަވަމެވެ. މައްޔިތާ އަށް ދުޢާ ކޮށް ދިނުމަށް ގަބުރުސްތާނަށް ދިޔުމާއި، ވަކި ބަހަކުން ދުޢާ ކުރުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫނެވެ. ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ބަހަކުން ވެސް ދުޢާ ކޮށް ދެވިދާނެއެވެ. ބޭނުންނަމަ ގަބުރުސްތާނަށް ގޮސްވެސް ދުޢާ ކުރެވިދާނެއެވެ. އަދި ދިވެހި ބަހުން ނުވަތަ އެމީހަކަށް ފަސޭހަ ބަހަކުން ދުޢާ ކުރެވިދާނެއެވެ. މައްޔިތާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާ، ކައްވަޅު އަލިކޮށްދެއްވާ، ކައްވަޅާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި ދުޢާ ކުރައްވާށެވެ.ހަމަކަށަވަރުން، ﷲ އީ އެކަލާންގެ އަޅުތަކުންގެ ދުޢާ އައްސަވާ އިޖާބަ ކުރައްވާ އިލާހެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
16%
ރަނގަޅު
16%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް