އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު
ރަމަޟާން މަސް ފެށުމުން ތަފާތު ނަންނަމުގައި، ތަފާތު ތަންތަނުން ޤުރްއާން ކިޔެމުގެ މުބާރާތްތަކާއި މަދަޙަ ކިޔުމުގެ މުބާރާތްތްއް ބާއްވައެވެ. ވީމާ އެފަދަ މުބާރާތްތަކުގައި ދަރިން ބައިވެރިކުރުވުމުގެ ކުރިންނާއި އަދި ތިމާވެސް ބައިވެރިވުމުގެ ކުރިން މިކަންކަމަށް ވިސްނައިލާށެވެ!
މަދަހަ ކިޔުމާއި މަދަހަ އަޑުއެހުމަކީ އެންމެ ރަނގަޅުކަމެއްތޯ؟
އަދި މިޔުޒިކާއެކު ލަވަ މުބާރާތް ބާއްވާ ބަޔަކު ބާއްވާ މަދަހަ މުބާރާތެއްގައި ކުދިން ބައިވެރިކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
މަދަޙައިގެ އަސްލަކީ މާތްﷲ އަށާއި ކީރިތި ރަސޫލާއަށް ޘަނާކިޔާ ތަޢުރީފުކޮށްފަ ހުންނަ ޅެންތަކާއި ލަވައެވެ. ނަމަވެސް މިހާރަކަށް އައިސް ދީނީ ބަސްތަކާއި ވާހަކަ އެކުލެވެވޭ ގޮތަށް ވަޒަނަށް ފެތޭގޮތަށް ނުވަތަ ރާގަކަށް ފެތޭގޮތަށް ކިޔާފައި ހުންނަ ކޮންމެއެއްޗަކަށް މަދަޙައޭ ކިޔައެވެ. މީގެތެރެއިން އިސްވެދިޔަ ދެބާވަތަކީވެސް ޙުކުމުގެ ގޮތުން ބަލާއިރު އެއްޙުކުމެއް އެކުލެވޭ ދެބައެވެ. އެބަހީ ދީނީ ލަވަ ކަމުގައިވިޔަސް އަދި ﷲއާ ރަސޫލާގެ މަދަޙަ ކަމުގައިވިޔަސް މެއެވެ.
މިކަމުގައި ޢިލްމުވެރިން ޖުމްލަގޮތެއްގައި ދެބަޔަކަށް ބެހިގެންވެއެވެ. ފުރަތަމަބަޔަކީ އެފަދަ ލަވަ ނުވަތަ މަދަޙައެއީ މަކުރޫހައެއްޗެއް ކަމުގައި ދެކިލައްވާ ބޭފުޅުންނެވެ. ދެވަނަ ބަޔަކީ އެއީ ހުއްދައެއްޗެއްކަމުގައި ދެކެލައްވާ ބޭފުޅުންނެވެ. ގިނަ ޢިލްމުވެރިންގެ ރައުޔަކީ އެއީ ހުއްދަކަމެއް ކަމުގައި ދެކެލެއްވުމެވެ. އެއީ ކިޔުން ކަމުގައިވިޔަސް އަދި އަޑު އެހުން ކަމުގައިވިޔަސް މެއެވެ.
ނަމަވެސް މިދެބައިގައިވެސް ޝަރުޠުވެގެންވަނީ އޭގައި މިއުޒިކު ނުހިމެނުމާއި ހައްދުފަހަނައަޅާފައިވާ ބަސްތަކެއް ނުހިމެނުމެވެ. އެބަހީ ޚާއްޞަކޮށް ރަސޫލާ ﷺ ގެ ތަޢުރީފުގައި އެކަލޭގެފާނުގެ މަޤާމަށްވުރެ މަތިކޮށް ބަސްތައް ނުހިމެނުމެވެ. އޭގެމިސާލަކީ ޅެންވެރިޔަކު ވިދާޅުވެފައިވާފަދައިން " .... ނުވާނަމަ ތިބާ އާދެ ކަޢުބާ ނުވީހޭ " ނުވަތަ ކަލޭގެފާނު ނުވާނަމަ އުޑާއި ބިންވެސް ނުވީހޭ މިފަދަ ހައްދު ފަހަނައަޅާފައިވާ ބަސްތަކެވެ. އަދި އެއީ ޝިރުކަށް ވާޞިލުވެދާނޭފަދަ ބަސްތަކެވެ. މިއުޒިކާއި އެކު މަދަހަ މުބާރާތް ބާއްވާނަމަ އެފަދަ މުބާރާތެއްގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ.. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
19 މާޗް 2023