އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޫޠުގެފާނުގެ ވާހަކަ- 4: ޤައުމުގެ މީސްތަކުންގެ ޖަވާބު

ލޫޠުގެފާނުގެ ވާހަކަ- 4: ޤައުމުގެ މީސްތަކުންގެ ޖަވާބު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 0 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޤައުމުގެ މީސްތަކުންގެ ޖަވާބު:

މިދެންނެވި (3 ވަނަ ބައިގާ) ފަދައިން لوط عليه السّلام ގެ ބަލާޣާތްތެރި ފަސޭހަދޫފުޅުން ޤައުމުގެ މީސްތަކުންނަށް ދެއްވި ނަސޭހަތަށް އެބައިމީހުން ވަރަށް ވަރުގަދައަށް އިންކާރު ކުރިއެވެ. ދުނިޔޭގެ އަރާމާއި ޒީނަތުގައި އެބައިމީހުން ހައްޔަރުވެފައިވާލެއް ބޮޑުކަމުން އެބައިމީހުންނަކަށް لوط عليه السّلام ގެ ދީނީ ދަޢުވަތު މުހިއްމެއް ނުވިއެވެ. އެބައިމީހުންނަށް މުހިއްމުވީ އެބައިމީހުން ކުރަމުންގެންދިޔަ  ފާފަތަކުން ލިބެމުން ދިޔަ ވަގުތީ ލައްޒަތެވެ. 

لوط عليه السّلام ގެ ހެޔޮބަސްފުޅުތަކާއި، ސަދޫމުގެ މީސްތަކުން ކުރަމުންގެންދިޔަ ނުބައި ފާޙިޝް އަމަލުތަކަށް އެކަލޭގެފާނު ފާޅުގައި ނުރުހުންފާޅު ކުރަންފެށުމުން އެބައިމީހުން ބޭނުންވީ އެކަލޭގެފާނު އެ ޤައުމުން ބޭރުކޮށްލުމަށެވެ. މިކަމަށް އިޝާރާތްކުރައްވައި ސޫރަތުލް އަޢުރާފުގެ 82 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

"وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴿٨٢﴾"

މާނައީ: "އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوط ގެފާނާއި، އެކަލޭގެފާނަށް إيمان ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهر ވެގަންނަ ބަޔެކެވެ." 

މިވާހަކަ ސޫރަތުއް ނަމްލުގެ 56 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ. 

"فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوا آلَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴿٥٦﴾"

މާނައީ: "ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން لوط ގެފާނާއި، އެކަލޭގެފާނަށް تبع ވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ طاهر ވެ ތިބޭބަޔެކެވެ." 

ކުރިން ދެންނެވުނު ސޫރަތުލް އަޢުރާފުގެ 82 ވަނަ އާޔަތް ތަފްސީރު ކުރައްވަމުން މައުލާނާ ސައްޔިދު އަބުލް އަޢުލާ މައުދޫދީ ވިދާޅުވެފައިވެއެވެ. ސަދޫމުގެ މީސްތަކުން ހަމައެކަނި ފަސާދަކޮށް ފާފަކުރުމުގައި ޙައްދު ފަހަނަ އަޅައި ދިޔައީއެއްނޫނެވެ. ރަނގަޅު ޞާލިޙު ހެޔޮލަފާ މީހުން އެބައިމީހުންގެ ގާތުގައި ތިބުމުން އެކަންވެސް އެބައިމީހުނަށްވީ ތަހައްމަލު ކުރަން އުނދަގޫ ކަމަކަށެވެ. އެބައިމީހުންގެ އަދަބު އަޚްލާޤު ދަށްވެފައިވުމުގެ ނަތީޖާއަކީ، އެބައިމީހުންގެ ތެރޭގައި ރަނގަޅުގޮތް ފަތުރަން އުޅޭ އެއްވެސް ބަޔަކަށް އެބައިމީހުންގެ ތެރެއަކު ފުރްޞަތެއް ނެތްކަމެވެ. ރީތި އަޚްލާޤުގެ ކުނޑި ފުކެއްގެ މިންވަރުވެސް، އެބައިމީހުންނަށްވީ ބޮޑު ތުރާލަކަށެވެ. އެބައިމީހުން ބޭނުންވީ މުޖުތަމަޢުގެ އެންމެހައި މީސްތަކުން، އެބައިމީހުން ކުރަމުން ގެންދިޔަ ފާޙިޝްކަންތައްތަކުގައި ބައިވެރިވުމަށެވެ.

{ސައްޔިދު އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން} 

لوط عليه السّلام ވަރަށް ގިނަ މުއްދަތެއްވަންދެން، މާތްالله سبحانه وتعالى ގެ އެއްކައުވަންތަ ދީނަށް ދަޢުވަތު ދެއްވުމުގައި ދެމިހުންނެވިއެވެ. މާތްالله سبحانه وتعالى ޙަރާމް ކުރެއްވި އެންމެހައި ފާފަތަކުން ދުރުހެލިވުމަށް އަމަރުކުރަވަމުން ގެންދެވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ދަޢުވަތަށް ސަދޫމުގެ އެންމެހައި މީސްތަކުން ކަހަލަ ގޮތަކަށް ކާފަރުވިއެވެ. އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅު ޤަބޫލުފުޅު ކުރައްވަމުން ގެންދެވީ އިނގިލިތަކުން ގުނާލެވޭހައި މަދު ޢަދަދެއްގެ ބައެކެވެ. 

ދުވަހެއް ދުވަހަކަށް ސަދޫމުގެ މީސްތަކުންގެ ބޯހަރުކަން ދިޔައީ އިތުރު ކުރަމުންނެވެ. އިންސާނީ ކަރާމާތާއި ޝަރާފާތާއި ދެކޮޅު ޢަމަލުތަށް އިތުރު ކުރަމުންނެވެ. لوط عليه السّلام އަށް ތަފާތު ގޮތްގޮތުން ދުއްތުރާކޮށް އެކަލޭގެފާނަށް އަނިޔާ ދެމުންނެވެ.  

މާތްالله سبحانه وتعالى އަށް އީމާންނުވާ ބަޔަކަށް އެކަލާނގެ ގަދަފަދަ ޢަޛާބު ދެއްވާނެކަމުގެ ބިރުވެރި އިންޒާރު لوط عليه السّلام އެބައިމީހުންނަށް ދެއްވިއެވެ. ކުރިން ޢަޛާބު ދެއްވައި ހަލާކުކުރެއްވި އުއްމަތްތަކުގެ މީސްތަކުން ފަދައިން ސަދޫމުގެ މީސްތަކުންގެ ޖަވާބުވެސް އައީ ދާދި އެއްގޮތަކަށެވެ. އެބައިމީހުން لوط عليه السّلام އަށް ދެންނެވީ އެކަލޭގެފާނު އެބައިމީހުންނަށް އިންޒާރު ކުރައްވަމުން ގެންދަވާ ޢަޛާބު އަވަހަށް އެބައިމީހުންނަށް ގެނެސްދެއްވުމަށެވެ. 

މިބައިމީހުންގެ މިވާހަކައަށް އިޝާރާތް ކުރައްވައި ސޫރަތުލް އަންކަބޫތުގެ 29 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

"فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا ائْتِنَا بِعَذَابِ اللَّـهِ إِن كُنتَ مِنَ الصَّادِقِينَ ﴿٢٩﴾"

މާނައީ: "ފަހެ، އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) اللَّه ގެ عذاب ނިކަންގެނެސްދެއްވައި ބައްލަވާށެވެ!" 

ސަދޫމުގެ މީސްތަކުންގެ ނުބައިކަން މިދެންނެވި ފަދައިން އޭގެ އިންތައް ފަހަނަ އަޅައިދިޔުމުން މާތްالله سبحانه وتعالى އިރާދަކުރެއްވީ އެބައިމީހުންނަށް ވަރުގަދަ ޢަޛާބެއް ފޮނުއްވުމަށެވެ. ފަހު ތިބީންނަށް ޢިބްރަތަކަށް ވާފަދަ ޢަޛާބެއް ފޮނުއްވައި އެ ޤައުމުގެ އެންމެހައި މުޖުރިމުން ހަލާކުކުރެއްވުމަށެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް