އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ޙައްސާނު ބިން ޘާބިތު ރަޟިޔަﷲ ޢަންހަކީ ޞަޙާބީންގެ ތެރޭގައި ހުންނެވި ވަރަށް ކުޅަދާނަފުޅު ޅެންވެރިއެކެވެ. އެކަލޭގެފާނަކީ ޢާއިޝަތުގެފާނާ ބެހޭގޮތުން ދެކެވުނު ދޮގު ވާހަކައިގައި ބައިވެރިވެވަޑައިގެންނެވި ބޭކަލެކެވެ.
އެއްފަހަރަކު ޢުރުވަތު، ޢާއިޝަތުގެފާނުގެ އަރިހުގައި ހުންނަވައިގެން ޙައްސާނަށް ބަދުބަސްތަކެއް ރައްދު ކުރެއްވިއެވެ. ޢާއިޝަތުގެފާނު އެކަލޭގެފާނަށް ވަރަށް ވަރުގަދައަށް އެކަން މަނާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [އޭނާއަށް ބަދުބަސް ނުވަތަ ދެރަބަހެއް ނުބުނާށެވެ. އެހެނީ އޭނާވަނީ އޭނާގެ ޅެންތަކުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދިފާއު ކުރައްވައިފައެވެ.] ޢުރުވަތު ވިދާޅުވެފައިވެއެވެ. [އެދުވަހު ތިމަން ޙައްސާނަށް ބަދުބަސް ރައްދުކުރީ އޭނާ ޢާއިޝަތުގެފާނާ ބެހޭގޮތުން ދެއްކި ދޮގު ވާހަކައިގައި ބައިވެރިވެފައިވާތީއެވެ.]
{صحيح البخاري، كتاب المناقب، باب مَنْ أَحَبَّ أَنْ لاَ يُسَبَّ نَسَبُهُ، ޙަދީޘް 3531}
މަސްރޫޤު ވިދާޅުވެފައިވެއެވެ. ޢާއިޝަތުގެފާނު ތިމަންގެ އަރިހުގައި ވިދާޅުވިއެވެ. [ޙައްސާނު މިގެއަށް އަތުވެއްޖެއެވެ.] ތިމަން ދެންނެވީމެވެ. [އެފަދަ މީހަކު މިގެއަށް ވަންނަން އިޒްނަދެއްވީ ކީއްވެގެންތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [އޭނާ ކުރިކަންތައްކުގެ ސަބަބުން ގަދަ ޢަޛާބެއްވަނީ މިހާރު ލިބިފައިނޫންހެއްޔެވެ؟] (މީގެ މުރާދަކީ އޭނާގެ ލޮލުގެ ފެނުން ގެއްލިފައިވާ ވާހަކައެވެ.) އެވަގުތު ޙައްސާނު އަންނަނިވި ޅެންބައިތު ކިޔަން ފައްޓަވައިފިއެވެ. [އެއްވެސް ޝައްކެއް ނުއުފެދޭފަދަ ޢިއްފަތްތެރި ކަނބަލެކެވެ. އެކަމަނާ ދުވަހަކުވެސް، ޢިއްފަތްތެރި ޣާފިލު (ފާފަކުރުމުގެ ޚިޔާލުނެތް) އަންހެނުން ނެތްތަންތަނުގައި އެބައިމީހުންގެ ޣީބައެއް ނުބުނެއެވެ.] މިޅެން ބައިތު އަޑުއްއައްސަވައި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެކަމު ޙައްސާން ތިޔައީ އެފަދަ މީހެއް ނޫނެވެ.]
{އިމާމް ބުޚާރީ، ޞަޙީޙުލް ބުޚާރީ، ޙަދީޘް ނަމްބަރު 4755}
ޢަލީގެފާނުގެ ޚިލާފަތުގައި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ކޮއްކޯފުޅު މުޙައްމަދު ބިން އަބީބަކުރު، މިޞްރުގައި ހުންނަވަނިކޮށް އެކަލޭގެފާނު ވަރަށް އިހާނެތިކޮށް ޤަތުލުކުރެވުނެވެ. އޭރު އެކަލޭގެފާނު ހުންނެވީ މިޞްރުގެ ގަވަރުނަރުކަމުގައެވެ. އެކަލޭގެފާނު ޤަތުލު ކުރެއްވީ އުމަވީ ވެރިއެއްކަމުގައިވާ މުޢާވިތު ބިން ޚުދައިޖެވެ. ޤަތުލުކުރުމަށްފަހު އެކަލޭގެފާނުގެ ހަށިކޮޅު ހިމާރެއްގެ ހަންގަނޑެއްގެ މައްޗަށްލައިފައި އަންދާލެވުނެވެ.
އެއްފަހަރަކު عبد الرحمن بن شماسة އެއްޗެއް އޮޅުން ފިލުއްވުމަށްޓަކައި ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަނާ ވިދާވިއެވެ. [ތިޔައި ކޮންތަނެއްގެ މީހެއް ހެއްޔެވެ؟] عبد الرحمن بن شماسة ދެންނެވިއެވެ. [މިޞްރު މީހެކެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެ ހަނގުރާމައިގައި ކަލޭމެންގެ ވެރިމީހާގެ އުޅުން ހުރީ ކިހިނެއް ހެއްޔެވެ؟] عبد الرحمن بن شماسة ދެންނެވިއެވެ. [އަހަރެމެންނަށް އޭނާގެ އެއްވެސް ގޯސްކަމެއް ނުފެނެއެވެ. މީހެއްގެ ޖަމަލު ގެއްލިއްޖެނަމަ އޭނާ އެމީހަކަށް ޖަމަލެއް ހޯދައިދެއްވައެވެ. މީހެއްގެ އަޅެއް ގެއްލިޖެނަމަ އޭނާ އެމީހަކަށް އަޅެއް ހޯދައިދެއްވައެވެ. މީހަކަށް ނަފަޤާތުގެ ބޭނުމެއް ޖެހިއްޖެނަމަ އެމީހަކަށް ނަފަޤާތް ދެއްވައެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އަހަރެންގެ ކޮއްކޮ މުޙައްމަދާމެދު ކަންތައް ކުރެވުނު ހިތާމަވެރި ގޮތް، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން އަހަރެން އެހި ބަސްފުޅު ކަލޭގެފާނަށް ދެންނެވުމަކަށް ހުރަހެއްނާޅައެވެ. މިގޭގައި ހުންނަވާ މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މިއަޅާ އުންމަތުގެ ތެރެއިން މީހަކު، ބައެއްގެ މައްޗަށް ވެރިކުރެވި އެމީހަކު އެވެރިކުރެވުނު ބައެއްގެ މައްޗަށް ހަރުކަށިވެއްޖެނަމަ އިބަރަސްކަލާނގެވެސް އެމީހަކަށް ހަރުކަށިވެވޮޑިގެންފާނދޭވެ. އަދި މިއަޅާ އުންމަތުގެ ތެރެއިން މީހަކު، ބައެއްގެ މައްޗަށް ވެރިކުރެވި އެމީހަކު އެވެރިކުރެވުނު ބައެއްގެ މައްޗަށް އޯގާވެރިވެއްޖެނަމަ އިބަރަސްކަލާނގެވެސް އެމީހަކަށް އޯގާވެރިވެވޮޑިގެންފާނދޭވެ.]
{ صحيح مسلم، كتاب الإمارة، ޙަދީޘް ނަންބަރު 1828}
Advertisement
25 މެއި 2023