އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 12 ސިކުންތު
ނަމާދަކީ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ﷲ ތަޢާލާ މުސްލިމުންނަށް ވާޖިބު ކުރައްވާފައިވާ އަޅުކަމެކެވެ. ﷲ ގެ ރަސޫލާ (މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއާ ވަކިވެވަޑައިގަތުމުގެ ކުރިން މި އުންމަތަށް ކުރެއްވި އެންމެ ފަހު ވަޞިއްޔަތްޕުޅު ވެސް ކުރައްވާފައިވަނީ ނަމާދުކުރުމުގެ މައްޗަށެވެ.
އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ.
عَنِ أَبي عبدِ الرَّحمنِ عبدِ اللهِ بْنِ عُمَرَ بن الخَطَّابِ رَضِيَ اللَّهُ عَنْهُمَا قَالَ: سَمِعتُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: " بنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ البَيتِ، وَصَوْمِ رَمَضَانَ".
މާނައީ، “ހަމަކަށަވަރުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އިސްލާމްދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. (އެ ފަސްކަމަކީ) ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ކުޅަދާނަ ވެގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާން މަހު ރޯދަ ހިފުމެވެ.”
شرح وترجمة حديث: بني الإسلام على خمس - موسوعة الأحاديث النبوية (hadeethenc.com)
ނަމާދު އެޅުމުގެ ނުބައިކަމާއި ބެހޭގޮތުން ބައެއް ޙަދީޘްތައް އައިސްފައިވެއެވެ. އެގޮތުން އެއް ޙަދީޘް ބަޔާން ކޮށްލާނަމެވެ.
އެދެބަފައިކަލުންނަށް ﷲ ރުއްސުންލެއްވި ޢަމްރުބުނުލް ޢާޞްގެ ދަރިކަލުން ޢަބުދުﷲ ގެފާނުގެ އަރިހުން ރިވާވެގެންވެ އެވެ. –
عن النبيِّ صلَّى اللهُ عليه وسلَّمَ أنَّه ذكَرَ الصلاةَ يَومًا فقال له: مَن حافَظَ عليها كانَتْ له نورًا وبُرْهانًا ونَجاةً يَومَ القيامةِ، ومَن لم يحافِظْ عليها لم يكُنْ له نورٌ ولا بُرْهانٌ ولا نَجاةٌ، وكان يَومَ القِيامةِ مع قارونَ وفِرْعونَ وهامانَ وأُبَيِّ بن خَلَفٍ. މާނައީ: ޢަބުދުﷲ ގެފާނު ވިދާޅުވި އެވެ. އެއްދުވަހަކު މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގެ ވާހަކަފުޅު ދެއްކެވި އެވެ. ފަހެ، އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ. {ނަމާދަށް ފަރުވާބަހައްޓައިފި މީހާ (ދަންނާށެވެ!) ޤިޔާމަތްދުވަހުން އޭނާއަށްޓަކައި އެކަންތައް އަލިކަމެއްކަމުގައްޔާއި ހެއްކެއް ކަމުގައްޔާއި ރައްކާތެރިކަމެއްކަމުގައި ވާހުއްޓެވެ. އަދި ނަމާދަށް ފަރުވާ ނުބަހައްޓައިފިމީހާ (ދަންނާށެވެ!) އޭނާއަށްޓަކައި އަލިކަމެއްވެސް އަދި ހެއްކެއްވެސް އަދި ރައްކާތެރިކަމެއްވެސް ނުވާހުއްޓެވެ. އަދި ޤިޔާމަތްދުވަހުން އޭނާ ވާހުށީ ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އުބައްޔުބުނު ޚަލަފާ އެކުގަ އެވެ.}''
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
އެގޮތުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ނަމާދު އޭގެ ވަގުތުގައި އަދާކުރުމުގެ މާތްކަމުގެ މައްޗަށެވެ.
· ﷲ ތަޢާލާ ލޯބިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް: ނަމާދަށް ރައްކާތެރިވެ އޭގެ ވަގުތުގައި އަދާކުރުމަކީ އެމީހަކަށް ﷲ ތަޢާލާގެ ލޯބި ލިބިގެންދާނެ ޢަމަލެކެވެ. ވަގުތުން ނަމާދުކުރުމަކީ މާތްالله އަށް އެންމެ ލޯބިވާ އެއް އަމަލަކަށް ވާތީ، މުސްލިމުންވެސް އެކަމަށް ލޯބިކޮށް ﷲ ތަޢާލާ ލޯބިވޮޑިގަންނަވާ ކަންކަންކޮށް އެކަންކަމުގައި ކުރިއަރައި ދިޔުމަކީ މާތްالله އެމީހަކުދެކެ ލޯބިވެވޮޑިގަންނަވާނެ ސަބަބެކެވެ.
އެގޮތުން ޢަބްދު ﷲ މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
سَأَلْتُ النبيَّ صَلَّى اللهُ عليه وسلَّمَ: أيُّ العَمَلِ أحَبُّ إلى اللَّهِ؟ قالَ: الصَّلاةُ علَى وقْتِها، قالَ: ثُمَّ أيٌّ؟ قالَ: ثُمَّ برُّ الوالِدَيْنِ، قالَ: ثُمَّ أيٌّ؟ قالَ: الجِهادُ في سَبيلِ اللَّهِ، قالَ: حدَّثَني بهِنَّ، ولَوِ اسْتَزَدْتُهُ لَزادَنِي.
ތިމަންކަލޭގެފާނު ރަސޫލާގެ އަރިހުގައި ސުވާލު ދެންނެވީމެވެ.މާތްالله ގެ ޙަޟްރަތުގައި އެންމެ ލޯބިވޮޑިގަންނަވާނެ ޢަމަލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. އެހިނދު ތިމަންކަލޭގެފާނު އެއްސެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ތިމަންކަލޭގެފާނު އެއްސެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމެވެ. ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އަހަރެން އިތުރަށް އެހިނަމަ އިތުރުކުރިނަމަ، އެކަލޭގެފާނު އިތުރުކުރައްވާނެއެވެ.
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· ޘަވާބު ދެގުނައަށް އިތުރުވެގެންދާނެ ސަބަބެއް: އިސްލާމީ ޝަރީޢަތުގައި ސާބިތުވާ ގޮތުގައި ވަގުތުން ނަމާދު ކުރުން ދެމެހެއްޓުމަކީ މުސްލިމެއްގެ ހެޔޮ ޢަމަލުތައް ދެގުނައަށް އިތުރުވާ ސަބަބެކެވެ.
· ﷲ ތަޢާލާގެ އަމުރުފުޅު ތަންފީޒުކުރުމައްޓަކައި: ޢިލްމުވެރިން ދަލީލުކުރެއްވި ގޮތުގައި ނަމާދު ވަގުތުގެ ކުރީކޮޅުގައި ނަމާދު ކުރުމަށް އަވަސްވުމަކީ ﷲ ތަޢާލާގެ އަމުރުފުޅަށް ތަބާވުމެވެ.
ﷲ ތަޢާލާ އިސްރާ ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ) މާނައީ: "އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ!"
މީގެ އިތުރުން ބަޤަރާ ސޫރަތުގެ 238 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ ﴿٢٣٨﴾ މާނައީ: " ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!"
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ގެ ސުންނަތައް ތަބަޢަވުމަށްޓަކައި: ރަސޫލާ މުޙައްމަދު ޞައްްލަ ﷲ ޢަލައިހި ވަަސައްލަމް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި، ނަމާދު އޭގެ ވަގުތަށްވުރެ ލަސްކުރައްވާފައި ނުވެއެވެ. އަދި ރަސޫލާ ފަރުޟު ނަމާދުތައް އޭގެ ކުރީގެ ވަގުތުގައި އަދާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ. އެހެންކަމުން އެކަލޭގެފާނު ނަމޫނާއަކަށް ބެލުމަށްފަހު މުސްލިމުން ވެސް ނަމާދު އޭގެ ކުރީކޮޅުގައި އަދާކުރުމަކީ ވަރަަށް މުހިއްމު ކަމެކެވެ.
· ނަމާދު ލަސްކުރުމުން ލިބޭ ޢުޤޫބާތުން ސަލާމަތްވުން: ﷲ ތަޢާލާ އެކަލާނގެ އަޅުންނަށް ނަމާދު އޭގެ ވަގުތުގައި ކުރުމަށް އަމުރުކުރައްވާފައިވެއެވެ. ނަމާދު ޝަރުޢީ މަޤްބޫލް ޢުޛުރެއްނެތި ދޫކޮށްލި މީހަކު ފާފަވެރިވާނެއެވެ. އަދި އެގޮތަށް ދޫކޮށްލައިފިނަމަ އެކަމަށް ތައުބާވާން ޖެހޭނެއެވެ.
Advertisement
27 ޖުލައި 2023