އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު
ކުޑަކުދިން ގޮވައިގެން މިސްކިތަށް ގޮސްއުޅޭ ބައްޕައިން އެކުދިން ގޮވައިގެން ގޮސް އުޅޭއިރު މިސްކިތަށް ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސް ކޮށްދެވޭތޯ ބަލާށެވެ! އެއީ ވެއްޓިފައި އޮންނަ ކުނިކޮޅެއް ނެގުން، ބޮޑަށް ކިލާވެފައި ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ އެތަނެއް ސާފުކޮށްލުން ފަދަ ކިތަންމެ އާދައިގެ ކަމެއް ނަމަވެސްމެއެވެ.
އެވަރުގެ ކުޑަކުޑަކަމެއްވެސް ބަދަލުވެގެންދާނީ ވަރަށް ފައިދާހުރި، ވަރަށް ބޮޑު ކަމަކަށެވެ. އެހެނީ އެއީ ދަރިފުޅަށް ނަގައިދެވޭ އެންމެ އަގުހުރި ފިލާވަޅެވެ. ދަރިންނަށް ދައްކައިދެވޭ އެންމެ ފައިދާކުރާނެ ނަމޫނާއެވެ.
މިސްކިތްތައް ބަލަހައްޓަން ރަސްމީކޮށް ވަކިބައަކާއި ޙަވާލުކުރެވިފައިވީނަމަވެސް މިސްކިތަކަށް ކިތަންމެ ކުޑަކުޑަ ޚިދުމަތެއް ކޮށްދިނަސް އެކަމުގެ ފައިދާ އެމީހަކަށްކުރާނެއެވެ. އެކަމަށް ޘަވާބުދެއްވަވާނެތީއެވެ! ވީމާ ހަމައެކަނި ދަރިން މިސްކިތަށް ގެންދިއުމުގެ ބަދަލުގައި މިސްކިތްތަކަށް ޚިދުމަތްކުރަން ލޯބިޖެހިފައިވާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރަންވެސް މަސައްކަތްކުރާށެވެ! އެކަން ކުރެވޭނީ އެކަމުގެ ނަމޫނާ މައިންބަފައިން ދައްކައިދިނީމައެވެ.
މިސްކިތްތަކުގެ ޙުރުމަތް ކަނޑައި ބޭނުންހައި ކަންކަން ކުރަމުން އެގެންދަނީ މިސްކިތްތަކަށް ދަރިންގެ ހިތްތަކުގައި ލޯބި ޖެއްސުވިފައި ނެތުމުންނެވެ.
އެކަން ފާހަގަކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށްދެއްވައި ކުޑަކުދީންނާއި ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ވަރުގަދަ ޤައުމީ ކެމްޕޭނެއް ހިންގުމަށް ރާއްޖޭގެ ކައުންސުލްތަކާއި ސޯޝަލްމީޑިއާ އެކްޓްވިސްޓުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިންނާއި ނޫސްތަކާއި ޗެނަލްތަކުގެ ކިބައިންއެދިވަޑައިގެންފައެވެ.
"މިސްކިތްތަކަކީ ﷲގެ މަތިން ހަނދުމަކުރުމަކުރުމަށާއި އަޅުކަންކުރުމަށްޓަކައި މި ބިންމަތީގައި ލައްވާފައިވާ ﷲ ގެ ގެކޮޅުތަކެވެ. އެތަންތަނުގެ ޙުރުމަތާއި ޤަދަރު ކޮންމެ މުސްލިމަކު ދަމަހައްޓަންޖެހޭއެވެ.
މިސްކިތްތަކުގައި މާރާމާރީ ހިންގައި މަސްތުވާތަކެތި ބޭނުންކޮށް މުންކަރާތްތަކާއި ނޭދެވޭ ޢަމަލުތައް ހިންގުމަކީ އެއްވެސް މުސްލިމަކުކޮށްގެންވާނެ ކަމެއްނޫނެވެ.
މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް ކުޑަކުދީންނާއި ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ވަރުގަދަ ކެމްޕޭނެއް ހިންގުމަށް ރާއްޖޭގެ ކައުންސުލްތަކާއި ސޯޝަލްމީޑިއާ އެކްޓްވިސްޓުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިންނާއި ނޫސްތަކާއި ޗެނަލްތަކުގެ ކިބައިން އެދެމެވެ!"
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
Advertisement
26 ސެޕްޓެމްބަރ 2023