އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 30 ސިކުންތު
ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާ (ﷺ) ގެ ސުންނަތުގައި ބުއްދީގެ މުހިއްމުކަން ބަޔާން ކުރައްވައި، ހެޔޮ ގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތަޢުރީފު ކުރައްވާފައި ވެއެވެ. ނަމަވެސް އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮގެން ނުވަތަ މި ޒަމާނުގެ ސައިންސުގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ކަންކަމެއް ނޫނެވެ.
الله ތަޢާލާ އެ ކަލާނގެ ނަބީންނާއި، ރަސޫލުންނަށް ދެއްވި ބައެއް މުޢުޖިޒާތަކީ މި މާއްދީ ދުނިޔޭގައި الله ލައްވާފައިވާ ޤުދްރަތީ އާދަ ފޫވައްޓާލައިފަނިވި ކަންކަމެވެ. އެ ފަދަ އެއްވެސް ކަމެއްގެ ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއް ނުކުރެވޭނެ އެވެ. ހަމަ އެއާއެކު ޝަރީޢަތުގެ ބައެއް ޙުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫނެވެ.
މިގޮތުން ކީރިތި ޤުރްއާނާއި ރަސޫލު (ﷺ) ގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެގޮތަށް ޤަބޫލުކޮށް، ޢަމަލުކުރަން ޖެހޭ ކަންކަމެވެ. އެބޭކަލަކަށް މާތް الله ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވެފައިވާ މަޝްހޫރު ބަސްފުޅެއްގައި ވެއެވެ. "ދީނުގެ ކަންކަން ބިނާވެގެން ވަނީ ބުއްދީގެ މައްޗަށް ކަމުގައި ވީނަމަ، ޚުއްފުގެ ދަށުގައި ފެން ފުހުން އޭގެ މަތީގައި ފެން ފުހުމަށް ވުރެ އައުލާކަން ބޮޑުވީހެވެ."[1] މާތް الله އަޅުގަނޑަށާއި، ތިޔަ އެންމެ ކަލުންނަށް އިސްލާމް ދީނުގެ ސީދާ މަގަށް ތައުފީޤު ދެއްވާށިއެވެ! އާމީން!
މުސްލިމް އަޚުންނޭވެ! ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާމީހުންނަށް ތަޢުރީފުގެ ބަސްފުޅުތައް ކީރިތި ޤުރްއާނުގައި މާތް الله ވަޙީކުރައްވާފައި ވެއެވެ.
އައްޒުމަރު ސޫރަތުގެ 18 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"އެއުރެންނީ، ބުނެވޭ ބަސް އަޑުއަހައި، އޭގެތެރެއިން އެންމެ ރަނގަޅު ތަކެއްޗަށް ތަބާވާ މީހުންނެވެ. އެއުރެންނަށް الله ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ އަހުލުވެރިންނަކީ ވެސް، ހަމަ އެއުރެންނެވެ." އަދި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހުންނަށް ހުރި ނަތީޖާގެ ވާހަކަ ވެސް މާތް الله ބަޔާންކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
އަލްއަޢްރާފް ސޫރަތުގެ 179 ވަނަ އާޔަތުގެ މާނައިގައވެއެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބައަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ. އެ ހިތްތަކުން (ޙައްޤު ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ލޯތަކުން (ޙައްޤު މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށް ވެއެވެ. އަދި އެ ކަންފަތްތަކުން (ޙައްޤު އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށް ވެއެވެ. އެއުރެން ގެރިބަކަރި ޖަމަލު ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެ ވެސް އެއުރެން މަގުފުރެދުން ބޮޑެވެ. އެއުރެންނީ ހަމަ ޣާފިލުވެގެންވާ ބަޔެކެވެ."
މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައްޔާއި މިގޮތަށް މާތް الله ގެ ބަސްފުޅުތައް ވަޙީކުރައްވާފައި ވެއެވެ. ވީމާ، މިފަދަ އާޔަތްތައް ކިޔައި، އެއާ މެދު ވިސްނައި ފިކުރުކޮށް އެއިން ޢިބްރަތް ލިބިގަނެ، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި ހިދާޔަތުގެ މަގުގައި ސާބިތުވެ ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި، ތިއަ އެންމެ ކަލުންނަށް ނަސޭހަތްތެރިވަމެވެ.
- މިއަދުގެ ޚުޠުބާ
Advertisement
27 ސެޕްޓެމްބަރ 2023