އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ އަލިފާނުން ދޮންވެގެން ވިރިވިރި ހުންނަ އަލިފާނުގެ ޗޭނު އަމިއްލަ ގައިގަ އޮޅައި ތިއަ ބަނދެވެނީ އަމިއްލައަށެވެ!: މުޙައްމަދު ހޮބްލޮސް

ނަރަކައިގެ އަލިފާނުން ދޮންވެގެން ވިރިވިރި ހުންނަ އަލިފާނުގެ ޗޭނު އަމިއްލަ ގައިގަ އޮޅައި ތިއަ ބަނދެވެނީ އަމިއްލައަށެވެ!: މުޙައްމަދު ހޮބްލޮސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

ނަރަކައިގެ ހޫނު ގަދަ އަލިފާނުން ދޮންވެގެން ވިރިވިރި ހުންނަ އަލިފާނުގެ ޗޭނު ދުނިޔޭގައި ހުރެ އަމިއްލަ ގައިގައި އޮޅައި ތިއަ ބަނދެވެނީ އަމިއްލައަށެވެ! އެހެން މީހެއްގެ ސަބަބަކުން ނޫނެވެ. ނަރަކައިގެ ބިރުވެރިކަމަށް ވިސްނައި އެބިރުވެރިކަމުން ސަލާމަތްވުމަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުން މިއަދު ތިއަ ހިފަނީ އަމިއްލައަށް ނަރަކައަށް ވަނުމަށެވެ.

މީސްތަކުންނޭވެ! މިއަދު އަހަރެމެން މިވަނީ ވަރަށް ބޮޑު ނުރައްކަލުގައެވެ. ނަރަކައިގެ ތުންފަތްމަތީގައެވެ. އަހަރެމެންނަށް މި ޤަބޫލުކުރެވެނީ އަހަރެމެން ދަމައި ނަރަކައަށް ގެންދަން މަސައްކަތްކުރާ ޝައިޠާނާގެ ބަހެވެ. ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އިންޒާރުތަކާއި ޝައިޠާނާގެ ބަސް ޤަބޫލު ނުކުރުމަށް ކުރައްވަވާފައިވާ އިންޒާރުތަކަށް ވިސްނައެއް ނުލެވެއެވެ. ޝައިޠާނާއަކީ މީސްތަކުންގެ އެންމެ ބޮޑު ދުޝްމިނުކަމަށް އަނގްވާފައިވާ އެންގެވުން ޤަބޫލެއް ނުކުރެވެއެވެ.

އަހަރެމެންނަށް (ދީނީ ޢިލްމްވެރިންނަށް) ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަރަކައިގެ ބިރުވެރިކަން ބަޔާންކޮށްދިނުމެވެ. ނަރައިން ސަލާމަތްވެ ތިބުމަށް ނަޞޭޙަތްދީ ގަދައަޅައި ވަޞިއްޔަތް ކުރުމެވެ. ނަރަކައިން ސަލާމަތްވުމާއި ނުވުން އޮތީ އެމީހާގެ އަތްމަތީގައެވެ.

ނަރަކައަށް ދާން ޖެހިދާނެ ކަމަށް ބުނުމުން ބައެއް މީހުންގެ ހިތަށް އެއްވެސް އެއްޗެއް އަރާ ކަމަކަށް ނުވެއެވެ. އެމީހުންނަށް ހީވަނީ މިދައްކަނީ ދުނިޔޭގައި މިފެންނަ ޖަލު ފަދަ ތަނަކަށް ދިއުމުގެ ވާހަކަހެންނެވެ. އެހެންކަމުން ނަރަކައަށް ދާން ޖެހުމަކީ އެއްވެސް މައްސަލައެއް ވެސް ނޫން ކަމަށެވެ.

މީސްތަކުންނޭވެ އެއީ ބިރުހުރިކަމެކެވެ. އަރާމުކޮށްލާނެ އެންމެ ސިކުންތެއްވެސް ނުލިބޭނެއެވެ. އަބަދވެސް ހުންނާނީ މުޅި ގައިގާ ނަރަކައިގެ އެ ހޫނު ގަދަ އަލިފާން ހިފައި އަނދައަނދައެވެ. ޝަކުވާ ކުރަން ބުނާނެ މީހަކާއި ބައްދަލެއް ނުވާނެއެވެ. ނަރަކައިގައި އެމީހެއްގެ ގަހަނާއަކީ އެމީހެއްގެ ގައިގާ ޗޭނުތަކެވެ. ކޮން ކަހަ ޗޭނެއް ކަމަށް ހެއްޔެވެ؟ ދޮންވެގެން ވިރިވިރި ހުންނަ ދަގަނޑު ބޮޅުތަކުން ގުޅައިލެވިފައިވާ ޗޭނެވެ.

ނަރަކައި އޮންނައިރު އަބަދުވެސް އޮންނަން ޖެހޭނީ ބަނޑުހައިވެގެންނެވެ. ކެއުމަކަށް ލިބޭނީ ޒައްޤޫމެވެ. ޒައްޤޫމެވެ މިކަޔަނީ ނަރަކައިގެ ބުޑުން ފަޅައިގެން ހެދިފައި ހުންނަ ގަހެއްގައި އަޅާ އެއްޗަކަށެވެ. ޒައްޤޫމް އުފެދިފައި ހުންނާނީ މީސްތަކުންގެ ގައިން ނަރަކައަށް ވިރިގެން ފައިބާ ކުނި މަހާއި ކުނި ދޮހާއި ކުނިހަން ފަދަ ތަކެތިންނެވެ. ހަމައެއާއެކު އަބަދުވެސް ހުންނާނީ އިންތިހާއަށް ފެންބޮވައިގެންފައެވެ. ބުއިމަކަށް ލިބޭނީ އިންތިހާއަށް އެގަދަ ހޫނުން ކެކިކެކި ހުންނަ ހޫނު ބުއިމެވެ.

އެ ހާލުގައި ބަނޑުވަތަށް އަބަދު އޮންނަން ޖެހޭއިރު ލިބެމުންދާ ގަދަފަދަ ޢަޛާބަށް ލުއި ކަމެއް ލިބޭ ހަމަ އެންމެ ސިކުންތެއްވެސް ނުއަންނާނެއެވެ. ނިދުމެއް އެފަދަ އެއްވެސް ކަމެއް ނުވެއެވެ. އޮތީ އަބަދުމެ އެ ގަދަފަދަ ޢަޛާބުގައި ދެމިއޮތުމެވެ.

ނަރަކަ ބަލަހައްޓަވަން 19 މަލާއިތުން ތިއްބަވާނެއެވެ. އެކަމަށް ޚާއްޞަ ކުރައްވައިގެން ﷲ ތަޢާލާ އުފައްދަލާފައިވާ މަލާއިކަތުންނެވެ. މިއިން އެއްވެސް މަލާއިކަތަކީ ޢަޛާބު ދެއްވެވުން ނޫން ދެވަނަ އެއްވެސް ކަމެއް ކުރައްވަވާނެ ބޭކަލުންނެއް ނޫނެވެ. އެއްވެސް މަލާއިކަތެއްގެ ހިތްޕުޅުގައި ރަޙުމާއި ކުލުނުގެ ޛައްރެއްގެ މިންވަރުވެސް ނުވާނެއެވެ. އެންމެ އިސް މަލާއިކަތަކީ މާލިކްގެފާނެވެ. މާލިކްގެފާނަކީ ﷲ ތަޢަލާ އުފެއްދެވީންސުރެ ދުވަހަކުވެސް ހިނިތުންވެވަޑައިގެންނެވި ބޭކަލެއް ނޫނެވެ. ވީއިރު ނަރަކައަށް އަމިއްލައަށް ތިއަ ވަދެގަންނަނީ ކާކުގެ އޯގާތެރިކަން ލިބޭނެ ކަމަށް ހެއްޔެވެ؟ ކާކުގެ ކިބައިން ސަލާމަތްކަން ލިބޭނެ ކަމަށް ހެއްޔެވެ؟

ﷲ ތަޢާލާ އެއްވެސް މީހަކު ނަރަކައަކަށް ނުލައްވަވަތެވެ! އެންމެންވެސް ނަރަކައަށް ވަންނަނީ އަމިއްލައަށެވެ. ނިންމާލަމުން ވެސް އެދޭނީ ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ނަރަކައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް