އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫގެ ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫގެ ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

އުރީދޫގެ ހިއްސާއަކަށް 3.27 ރުފިޔާ ބަހަން  އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ.

ސެންޓްރަލް ޕާކްގައި ރޭ އޮތް ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ.

ރޭޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފައެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620ރ. ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެއެވެ. މިއޫ ކުރީ އަހަރުގެ އަދަދަށް ވުރެ 23 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2022 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.04ރ. އެވެ. އެކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެ އެވެ.

އުރީދޫއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 125 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 560 މިލިއަން ރުފިޔާ އެވެ.

ރޭގެ ޖަލްސާގައި އާއްމު މެމްބަރުންގެ ތެރެއިން އުރީދޫ ބޯޑަށް ބޭފުޅަކު ވަނީ އައްޔަނު ކުރައްވާފަ އެވެ. އުރީދޫގެ ބޯޑަށް އާއްމު މެމްބަރުންގެ ފަރާތުން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ދެބޭފުޅުންގެ ތެރެއިން ހިއްސާދާރުންގެ 1053 ވޯޓާއެކު ބޯޑަށް އިންތިހާބުކުރީ ޝާހިދެވެ. މިހާރުވެސް ބޯޑުގައި އިންނަވާ ފަރީހާއަށް ލިބިލެއްވީ 698 ވޯޓެވެ.

އުރީދޫ މޯލްޑިވްސްގެ ޖުމްލަ ރައުސުލްމާލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު