އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު
އާދެ! ޢަބްދުﷲ ބިން އައްބާސް ރަޟިޔަﷲ ޢަންހުމާގެ ފަރާތުން ވަރިދުވެފައިވާ ރިވާޔަތެއްގައިވޭ --- " މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭކަލަކީ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމައޭ" --- " އެކަލޭގެފާނު އަދި އެންމެ ދީލަތިވެ ވަޑައިގަންނަވާ ދުވަސްވަރަކީ ރަމަޟާންމަހުގެ ދުވަސްތަކުގައެވެ. އެއީ ރަމަޟާންމަހުގެ ޖިބްރީލް އަލައިހިއް ސަލާމް އެކަލޭގެފާނާ ބައްދަލުވެވަޑައިގަންނަވާ ދުވަސްތަކުގައޭ. (ރަމަޟާން މަހުގެ) ކޮންމެ ރެއެއްގަ ޖިބްރީލް ޢަލައިހިއް ސަލާމް އެކަލޭގެފާނާ ބައްދަލުވެވަޑައިގަންނަވައެވެ.
- " އެހެނީ އެ ދެބޭކަލުން ޤުރުއާން ވިދާޅުވެ އެއްބޭކަލަކު އަނެއް ބޭކަލަކަށް ޤުރުއާން މުޠާލިޔާ ކުރައްވައެވެ."
--- " މަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީލަތިކަން ޖެހޭ ވައިރޯޅިއަކަށްވުރެވެސް ހަލުވި ވެގެން ވެއެވެ." މާނައަކީ މަތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީލަތިކަން ރަމަޟާން މަހުގަ އިތުރުވެގެންވެއެވެ.
ބައެއް ރިވާޔަތްތަކުގައި މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ އެކަލޭގެފާނަށް އުޙުދު ފަރުބަދަ އެއީ ރަނުގެ ގޮތުގައި ލިބިވަޑައިގެންނެވި ކަމުގައިވިޔަސް އެ ހުރިހާ އެއްޗެއް އެކަލޭގެފާނު 3 ދުވަސް ތެރޭގައި ބައްސަވާލައްވާނެކަމަށް. އޭގެތެރެއިން އެކަލޭގެފާނުގެ ދަރަނި އަދާކުރެއްވެވުމުގެ ގޮތުން ބަހައްޓަވާ އެއްޗެއް މެނުވީ.
އެހެންމެ މީ އެކަލޭގެފާނުގެ ދީލަތިކަން އައިއްސަވާ މިންވަރު. މާތް ނިބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތްފުޅުން އަޅުގަނޑުމެން ޢިބްރަތް ޙަޞިލް ކުރަންވީ. އަދި އެކަލޭގެފާނަކީ އަޅުގަނޑުމެންނަށްވާ މަތިވެރި ނަމޫނާއެކެވެ.
އެހެންކަމުން މި ރަމަޞާންމަހުގަ ނިކަމެތިންނަށް ފަޤީރުންނަށް އަޅުގަނޑުމެންނަށް ވެވުނު އެހީއެއް ވާންވީ. އަޅުގަނޑުމެން އެބަޖެހޭ ދަތިޙާލުގައިވާ މީހުންނަށް އެއްޗެއް ދިއްކޮށްލަން. ރޯދަވީއްލުން ދޭން. އަޅުގަނޑުމެންނަށް ދެވުނު އެއްޗެއް ދޭން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތަށް އެދިގެން.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް އަޅުގަނޑުމެންނަށް ތަނަވަސް ވެގެން ދާނީ އަޅުގަނޑުމެން މިއަދު އެ ނިކަމެތިންނަށް އެހީވާ އެހީވުމުގެ މައްޗަށް.
- ޝައިޚް ޝަފީޢު ޢަބްދުﷲ
Advertisement
3 އޭޕްރީލް 2024