އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ނޯކިރީކުރަންޖެހުމުން ކިޔެވޭނެ ގޮތެއް ނެތް ޙާލުގަ ނަމާދާ ރޭއަޅުކަންކޮށް ދުޢާކުރުމުގަ ސާބިތުވި އަންހެންކުއްޖަކަށް ޕީއެޗްޑީ ހެދި ހީވެސްނުކުރެވޭފަދަ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ނޯކިރީކުރަންޖެހުމުން ކިޔެވޭނެ ގޮތެއް ނެތް ޙާލުގަ ނަމާދާ ރޭއަޅުކަންކޮށް ދުޢާކުރުމުގަ ސާބިތުވި އަންހެންކުއްޖަކަށް ޕީއެޗްޑީ ހެދި ހީވެސްނުކުރެވޭފަދަ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 54 ސިކުންތު

ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ރޭއަޅުކަން ކުރާނަމަ އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާކަން އެއީ އަބަދުވެސް ފެންނަމުން އަންނަ ކަމެކެވެ. ރޭއަޅުކަމާއި ދުރުހެލިވެވިފައި ތިބިވަރުން އެކަންކަމަށް ނުވިސްނެނީއެވެ. ދަރިންނަށް ދަސްކޮށްދީ އާދަނުކުރެވެނީއެވެ.  ރޭއަޅުކަމަކީ ވަކި ޢުމުރަކަށް އެޅުމުން ކުރަން އޮތް ކަމެއް ނޫންކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑަކީވެސް ވަރަށް ނިކަމެތި ޙާލުގައި މާލޭގައި އުޅެމުން އައި އަންހެނަކީމެވެ. އުމުރުން 12 އަހަރުގައި މާލެ ގެނެސް ބައްޕަގެ ވަރަށް ގާތް ރަހްމަތްތެރި ޢާއިލާއަކާއި އަޅުގަނޑު ޙަވާލުކުރީ ވަރަށް ފޮނި އުންމީދުތައް ކުރަމުންނެވެ. ކިޔަވައިދީ މޮޅު ދަރިއަކަށް ހެދުމުގެ އުންމީދުގައެވެ.  

އެކަމުގެ އަގަކަށް އެމީހުން ކަނޑައެޅި މަހު ފީވެސް ބައްޕަ ގެންދިއައީ ދައްކަމުންނެވެ. ކޮންމެ މަހަކުވެސް ފައިސާދެމުންނެވެ. ނަމަވެސް އަޅުގަނޑާއިމެދު ގެއިން ކަންކަން ކުރީ ރަނގަޅަށް ކަމަކަށް ނުބުނެވޭނެއެވެ. އެއީ ޢުމުރާއި ނުގުޅޭވަރުގެ ބުރަ މަސައްކަތް ކުރުވީތީއެވެ. ގިނަ ދުވަސްދުވަހު ފިލާވަޅުތައް ދަސްކުރަންވެސް ވަގުތު ނުދޭތީއެވެ.  

ކޮންމެ ދުވަހަކީ އެކަންކަމާއިހުރެ ކަރުނައަޅާ ރޯންޖެހުނު ދުވަހެއް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް ހިތްވަރުކުރީމެވެ. ބައްޕަމެން އުންމީދުކުރިފަދަ ދަރިއަކަށްވާން މަސައްކަތްކުރީމެވެ. ނަތީޖާއެއްގެ ގޮތުން އޭލެވެލް އިމްތިޙާނުގައިވެސް ރަނގަޅު ނަތީޖާއެއްވެސް ލިބުނެވެ.  

އަޅުގަނޑަށް ހިތްވަރާއި ސާބިތުކަން ލިބުނީ ގްރޭޑް 9 ގައި އެކުގައި އުޅުނު ކުއްޖެއްގެ މައިންބަފައިންގެ ކިބައިންނެވެ. އެއީ ވރަށް ތަޤްވާވެރި ދެމަފިރިންނެވެ. އެދެމަފިރިންނަށް އަޅުގަނޑަށް ވިސްނައިދިނީ އެއުމުރުގައިވެސް ވަގުތުގައި ފަރުޟު 5 ނަމާދުކޮށް ދަމުނަމާދުކޮށް ދުޢާކުރާނަމަ އެމީހަކު އެދޭ ކަންކަން ހިންމަވައި ދެއްވަވާނެ ކަމެވެ. އަޅުގަނޑު އައީ އެކަންކުރަމުންނެވެ. އެދެމަފިރިންނާއި ބައްދަލުވި ފަހުން އަޅުގަނޑު އެންމެ ނަމާދެއްވެސް ނާޅަމެވެ. ކަމެއް ދިމާވެގެން ހާލަކުން ފަހަރަކު ވަގުގައި ނުކުރެވުނު ނަމަވެސް ޤަޟާކުރަމެވެ.  

ދެން މިކިޔައިދެނީ އެކަމުގެ ނަތީޖާ ފެނުނު ގޮތެވެ. އޭލެވެލް ނަތީޖާ ލިބުމުން ފުރަތަމަ ދިއައީ ރަށަށެވެ. ރަށުގައި ހުއްޓާ އަޅުގަނޑުގެ ރައްޓެހި އަންހެން ކުއްޖާ ގުޅާފައި ބުނީ މެލޭސިޔާގައި ޑިގްރީއަށް ކިޔަވަން ވިލާ ފައުންޑޭޝަނުން ފުރުޞަތު ދޭންފަށައިފިކަމަށާއި އެކަމަށް ކުރިމަތިލުން ރަނގަޅު ކަމަށެވެ.  

އެއިރު އެފަދަ ފުރުޞަތެއްދޭ އަމިއްލަ ފަރާތަކީ ހަމައެކަނި ވިލާކަމަށްވުމުން އިތުރަކަށް ނުވެސް ވިސްނަމެވެ. އަޅުގަނޑު ކުރިމަތިލީމެވެ. ފުރުޞަތުވެސް ލިބުނެވެ. ކިޔަވަން ހުއްޓާ ބައްދަލުވި މެލޭސިޔާ ޒުވާނަކާއި ގާތް ގުޅުމެއް އުފެދި އެ ގުޅުމުގެ ތެރެއިން ކައިވެނިވެސް ކުރެވުނެވެ. ކައިވެނީގައި މިހާރު ވަނީ 3 ދަރިންވެސް ލިބިފައެވެ. ދިރިއުޅެމުން މިދަނީ މެލޭސިޔާގައެވެ. މަންމަ އާއި ބައްޕަވެސް މިއުޅެނީ މެލޭސިޔާއަށް ގެނެސްގެންނެވެ.  

ފިރިމީހާގެ ޢާއިލާއަކީ އެންމެ މުއްސަނދި ޢާއިލާއެއް ނޫންނަމަވެސް އުޅެލެވޭވަރުގެ ތަނަވަސް ޢާއިލާއެކެވެ. އެމީހުންގެ އެހީތެރިކަމާ ނުލައިވެސް އުޅެވޭނެވަރަށް ދެމަފިރިންގެ މަސައްކަތުން އާމްދަނީވެސް ލިބެއެވެ. އިން ޝާ ﷲ  

އަޅުގަނޑަށް ޕީއެޗްޑީ ޙާޞިލުކުރެވުނީ މަންމަ އާއި ބައްޕަ މެލޭސިޔާއަށް ގެނައިފަހުންނެވެ. އެރޭ ބައްޕައާއި މަންމައަށް ބުނެވުނެވެ. "ތިއަ އެރުނީ އަހަރެމެންނަށް އުންމީދުވެސް ނުކުރެވޭ ހިސާބަށެވެ. ހުވަފެނުންވެސް ނުފެންނަ ހިސާކަށެވެ. އެންމެ ބޮޑު ހިތާމައަކީ ދަރިފުޅަށް އެކަށީގެންވާވަރުގެ ހަދިޔާއެއް ގަނެދެވެން ނެތްކަމެވެ. މަސް ދޯނި ވިއްކާލާފަވެސް ހަދިޔާއެއް ދޭނަމެވެ."  

އަޅުގަނޑު ބުނީމެވެ. "ހަދިޔާދޭންޖެހޭނީ އަޅުގަނޑަށެވެ. ލިބުނު ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީވެސް މާތް ﷲ ގެ ރަޙްމަތްފުޅާއި މަންމައާއި ބައްޕަގެ ހެޔޮ ދުޢާއެވެ." އެހެން ބުނުމުން ދެމަފިރިން އެކުގައި ރޯންފެށިއެވެ.  

ރޮނީ ކީއްވެގެންތޯ ފިރިމީހާ ސުވާލުކުރުމުން ދެކެވުނު ވާހަކަތައް އަޑުއަހާފައި ފިރިމީހާ ގޮސް އޭނާގެ ފޯނު ނަގައިގެން އިރުކޮޅަކު އުޅެފައި އައިސް މަންމަމެންނަށް ދައްކައިލިއެވެ. އޮތީ ރަނގަޅު އަދަދަކުން މަންމަ ޢާއި ބައްޕަގެ ނަމުގައި މިސްކިތަކަށް ޞަދަޤާތްކޮށްފައެވެ. އަދި ބުންޏެވެ. "މަންމަ އާއި ބައްޕަ ކޮށްދޭންވީ ކަމަކީ އަހަރެމެން ދެދަރިންނަށްޓަކައި ހެޔޮދުޢާކޮށްދިނުމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއަދުނޫހުގައި ކިޔުންތެރިން ޙިއްޞާކުރަމުން ގެންދާ ޙަޤީޤީ ޙާދިސާގެ ސީރީޒް އަޅުގަނޑުވެސް ކިޔަމެވެ. ބުނެލަން ބޭނުމީ ކިތަންމެ ދަތިޙާލުގައި އުލެންޖެހުނު ނަމަވެސް ހިތްވަރުކުރާށެވެ. ނަމާދު ޤާއިމުކުރާށެވެ! ދަމުނަމާދުކޮށް ދުޢާކުރާށެވެ! ދެން އޮތްބައި އެކަލާނގެއަށް ވަކީލްކުރާށެވެ! ރަހްމަތް ލައްވަވާނެ ގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ  

އަދި އެއްވާހަކަ ބުނެލާނަމެވެ. މިއަދާއި ހަމައަށްވެސް މިހުރީ ފަރުޟު ނަމާދުތަކާއި ދަމުނަމާދުކުރުމުގައި ސާބިތުވެއެވެ. ކައިވެނިކުރީންސުރެ ދަމުނަމާދުކުރަނީ ދެމަފިރިން އެކުގައެވެ. މިވާހަކަ މިބުނީ އެންމެ މަޤްޞަދެއްގައެވެ. ކިޔުންތެރިންނަށް ހިތްވަރު ދިނުމަށެވެ.  

- ސަމީރާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް