އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާ:- ޚުލަފާއުއް ރާޝިދޫންގެ ދައުރުގައި-

ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާ:- ޚުލަފާއުއް ރާޝިދޫންގެ ދައުރުގައި-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޚުލަފާއުއް ރާޝިދޫންގެ ދައުރުގައި- 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ޚަލީފާވެރި ބޭކަލުން ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަށް ވަރަށް ކަމޭހިއްތެވިއެވެ. ހެޔޮފުޅުކޮށް ހިއްތެވިއެވެ.

އިބްނު އަބީ ޙާތިމު އާއި ބައިހަޤީ ރިވާކުރައްވައިފައިވެއެވެ. ޢުމަރުގެފާނުގެ ޚަލީފާކަމުގައި އެއްފަހަރަކު އެކަލޭގެފާނު ޞަޙާބީންނާއެކު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއާ ބައްދަލުވެވަޑައިގެންނެވިއެވެ. އެކަމަނާއަށް ޢުމަރުގެފާނު ފެނިވަޑައިގެން އެކަލޭގެފާނު ހުއްޓުވައި ވާހަކަފުޅު ދައްކަވަން ފެށިއެވެ. ޢުމަރުގެފާނުވެސް އެކަމަނާއަށް އިޙްތިރާމު ކުރެއްވުމުގެ ގޮތުން އިސްތަށިފުޅު ލަނބުވައި ވަރަށް ސަމާލުކަން ދެއްވައިގެން އެކަމަނާގެ ވާހަކަފުޅުތައް އަޑުއައްސަވަމުން ގެންދެވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިމިވަޑައިގަންނަވަންދެން މަޑުމަޑުން ހުންނެވިއެވެ. ޢުމަރުގެފާނުގެ އެކުވެރިންގެ ތެރެއިން މީހަކު ދެންނެވިއެވެ. [އޭ އަމީރުލް މުއުމިނީންއެވެ. ކަލޭގެފާނު ޤުރައިޝުންގެ ބޮޑެތި ބޮޑެތި މީހުންނާ ބައްދަލު ކުރެއްވުން ފަސްކޮށްލައްވައިފައި މި މުސްކުޅި ދައިތަގެ ވާހަކަފުޅު އަޑުއައްސަވަން މަޑުކުރައްވައިފީމުއެވެ.]

ޢުމަރުގެފާނު ވިދާޅުވިއެވެ. [ތިބާއަށް އެއީ ކާކުކަން އެނގޭ ހެއްޔެވެ؟ އޭނާއަކީ ޚައުލާ ބިންތި ޘަޢުލަބާއެވެ. އެއީ އެކަމަނާގެ ޝަކުވާތައް އަރަހުށި މާތްﷲ ހަތް އުޑުމަތިން އަޑުއައްސަވައި ވޮޑިގެންނެވި އަންހެން ސާހިބާއެވެ. މާތްﷲ ގަންދީ ބުނަމެވެ. އޭނާ އަހަރެންނާ ވާހަކަފުޅު ދައްކަވަން ރޭގަނޑުވަންދެން ހުންނެވި ނަމަވެސް އަހަރެން އޭނާގެ ވާހަކަތައް އަޑު އަހަން މަޑުކުރީމުހެވެ. ނަމާދު ވަގުތަކަށް ނޫނީ އެކަމަނާގެ ވާހަކަފުޅުތައް މެދުކަނޑައި ނުލާނެމެވެ.] {އަބުލް އައުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން}

ފާރޫޤީ ދައުރުގެ އެހެން ޙާދިޘާއެކެވެ. އެއްފަހަރަކު ޢުމަރުގެފާނު، ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާގެ ގާތުން ވަޑައިގަންނަވަން ފެށުމުން އެކަމަނާ އެކަލޭގެފާނު ހުއްޓުވައިފައި ދެންނެވިއެވެ. [އޭ ޢުމަރެވެ. އުކާޒުގެ ބާޒާރު މަތިން ކަލޭގެފާނު ދެކެނު ހަނދާން އަދިވެސް އަޅުގަނޑު އެބަހުއްޓެވެ. އޭރު ކަލޭގެފާނަށް މީހުން ކިޔަނީ ޢުމައިރުއެވެ. ކަލޭގެފާނު އޭރު އަސައެއް ހިއްޕަވައިގެން ބަކަރި ހުއިހައްޕަން އުޅުއްވީމުއެވެ. އޭގެ ދުވަސްކޮޅެއްފަހުން މީސްތަކުން ކަލޭގެފާނަށް ޢުމަރު އޭ ކިޔަން ފެށިއެވެ. ނަމަވެސް މިހާރު މީސްތަކުން ކަލޭގެފާނަށް މުޚާތަބު ކުރަނީ އަމީރުލް މުއުމިނީންގެ ލަޤަބުފުޅުނެވެ. ވީމާ ކަލޭގެފާނު ރައްޔިތުންގެ ޙައްޤުގައި މާތްﷲ އަށް ބިރުވެތިވެވަޑައިގަންނަވާށެވެ. މާތްﷲ ގެ ޢަޛާބާމެދު ބިރުވެތިވާ މީހާގެ ގާތުގައި އެންމެ ދުރުހިލޭ މީހާވެސް ވާހުށީ ގާތްތިމާގެ މީހެއް ފަދައިންނެވެ. މަރާމެދު ބިރުގަންނަ މީހާ ދަންނާށެވެ. އޭނާ އެންމެ ރައްކައުތެރި ކުރަން ބޭނުންވާ އެއްޗެހި އޭނާ އަތުން ގެއްލިގެން ދާނެއެވެ.[

މި ވާހަކަތައް އަޑު އަހައި ޢުމަރުގެފާނުގެ އަރިހުގައި ހުރި މީހަކު ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަށް ދެންނެވިއެވެ. [އޭ ދައިތާއެވެ. ކަލޭ މުއުމިނުތަކުންގެ އަމީރަށް އަދަބުކުޑަކޮށް ވާހަކަ ދައްކައިފީމުއެވެ.] އެވަގުތު ޢުމަރުގެފާނު ވިދާޅުވިއެވެ. [އޭނާ އެބުނަން ބޭނުންވާ އެއްޗެއް ބުނުމަށް ފުރުސަތު ދޭށެވެ. އެއީ ކާކުކަން ކަލެއަށް އަދި ނޭނގެނީތާއެވެ؟ އެއީ އެކަމަނާގެ ޝަކުވާތައް އަރަހުށި މާތްﷲ ހަތް އުޑުމަތިން އަޑުއައްސަވައި ވޮޑިގެންނެވި އަންހެން ސާހިބާއެވެ. ޢުމަރު އޭނާގެ ވާހަކަތަކަށް  ސަމާލުކަންދީ އަޑުއެހުން މާ ޙައްޤުކަން ބޮޑެވެ.]{ ސައްޔިދު އަބުލް އަޢުލާ މައުދޫދީ ، ތަފްހީމުލް ޤުރްއާން}

އަޖައިބުވާފަދަ ކަމެކެވެ. އިސްލާމީ ތާރީޚުގެ މި މަތިވެރި އަންހެން ސާހިބާގެ ވާހަކަޔާމެދު އިސްލާމީ ތާރީޚުން ފެންނަނީ ހިމޭންކަމެވެ. އެކަމަނާ އަވަހާރަވި ތާރީޚެއްވެސް މުއައްރިޚުން ބަޔާން ކުރައްވައިފައެއްނެތެވެ. އަރަހުށި މާތްﷲ،ޚައުލާ ބިންތި ޘަޢުލަބާ ރަޟިޔަﷲ ޢަންހާއަށް ރުއްސުން ލައްވާށިއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް