އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެކެވެ. މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރެވެ. އަޅުގަނޑުމެން އެންމެންވެސް ރަމަޟާން މަހު އަޅުކަންކުރުން ގިނަ ކުރެވޭތޯ މަސައްކަތް ކުރަމުއެވެ.
ރަމަޟާން މަސް ނިމެން ގާތް ވަމުން ދާއިރު ސަމާލުކަން ދޭންވާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ބައެއް ކަންކަން މި ލިޔުމުގައި ހިމަނާލާނަމެވެ.
· ރަމަޟާން މަހު ކުރެވުނު އަޅުކަންތައް ރަމަޟާން މަސް ނިމުމުން ވެސް ކުރުމުގެ ތައުފީޤް ދެއްވާތޯ ދުޢާ ކުރުން
ރަމަޟާން މަހު ވަރަށް ގިނަ މީހުން ހެޔޮ ޢަމަލުގައި ހީވާގިވެއެވެ. ސުންނަތް އަޅުކަންކަމާއި، ހެޔޮ ޢަމަލުތައް ގިނައިން ކުރެވޭތޯ ބަލައެވެ. ސުންނަތް ނަމާދުތަކާއި، ދަމުނަމާދާއި، ގިނަގިނައިން ޤުރްއާން ކިޔެވޭތޯ ބަލައެވެ. ނަމަވެސް ރަމަޟާން މަސް ނިމުމުން ހެޔޮ ޢަމަލުތައް ކުރުމުގައި ފަރުވާކުޑަވާތަން ފެނެއެވެ. އެހެންކަމުން ރަމަޟާން މަހުވެސް އަދި ރަމަޟާން މަސް ނިމުމުން ވެސް ހެޔޮ ކަންކަން ކުރެވޭތޯ އަދި އެކަމުގައި ދެމިހުރެވޭތޯ ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.
(اللَّهمَّ يا مقلِّبَ القلوبِ، ثبِّتْ قلبي على دينِك)
މާނައީ: "އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީންމަތީ ޘާބިތުކޮށްދެއްވާދޭވެ"
· ރަމަޟާން މަހު ކުރެވުނު އަޅުކަންތައް ޤަބޫލުކުރެއްވޭތޯ ދުޢާ ކުރުން
ﷲ ތަޢާލާ އަޅުގަނޑުމެން ކުރާ އަޅުކަންތައް ޤަބޫލުކުރައްވަވަނީ އިޚްލާސްތެރިކަމާއެކީގައި ކުރުމުންނެވެ. އެހެންކަމުން ދެއްކުންތެރިކަމުން ދުރުވެ ރަނގަޅު ނިޔަތެއްގައި ހެޔޮ ޢަމަލުތައް ކުރަން ޖެހެއެވެ. އަދި ކުރި ޢަމަލުތައް ޤަބޫލުކުރައްވަވާތޯ ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޞާލިޙު ބޭކަލުން ރަމަޟާންމަހަށްފަހު ހަމަސްވަންދެން އެބޭކަލުން ރަމަޟާންމަހުގައި އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުމަށް އެދި ދުޢާ ދަންނަވާކަމުގައިވެއެވެ.
Advertisement
24 އޭޕްރީލް 2024