އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ބުނާ ޔޯލަ ވާހަކަތަކަށް ފުރުޞަތު ނުދޭ ދެމަފިރިންގެ މައްސަލަތައް ބޮޑުތަނުން މަދު!

މީހުން ބުނާ ޔޯލަ ވާހަކަތަކަށް ފުރުޞަތު ނުދޭ ދެމަފިރިންގެ މައްސަލަތައް ބޮޑުތަނުން މަދު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ކޮންމެ މީހަކާއި ބައްދަލުވިނަމަވެސް ކޮންމެވެސް ވާހަކައެއް ދައްކާލަން ބޭނުންވާ މީހުން ވަރަށް ގިނައެވެ. މިފަދަ މީހުން ދައްކާ ގިނަ ވާހަކަތަކަކީ އެއްވެސް ފައިދާއެއް ހުރި ވާހަކަތަކެއް ނޫނެވެ. ސަބަބަކަށްވަނީ ބައްދަލުވާ ކޮންމެ ފަހަރަކު ދައްކާނެ އައުވާހަކައެއް ނެތުމުން ކޮންމެވެސް ޚިޔާލީ ވާހަކަތައް ދައްކާތީއެވެ.

ދައްކާނެ ވާހަކައެއް ނެތުމުން ކޮންމެވެސް މީހަކު ބުނި ކިޔާފައިވެސް ކޮންމެވެސް ވާހަކައެއް ދައްކާލަން ބޭނުންވާ މީހުން ވަރަށް ގިނައެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ މައްސަލައެކެވެ. އެހެންކަމާއިއެކުވެސް އެކަމަށް ސަމާލުކަން ގިނަބައަކަށް އޮންނަނީ ނުދެވިފައެވެ.

ޔޯލަކޮށްލައިގެން ދެކެވޭ ބައެއް ވާހަކަތަކަކީ ހުރިހާ ކަންކަމުގެ ހަލާކުކަމުގައި ވަމުންދާއިރު ރަނގަޅަށް ބަލައިފިނަމަ ގިނަ ޢާއިލާތައް ރޫޅެން އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ ވެސް ޔޯލަ ވާހަކަތަކެވެ. ހަމަ އެފަދައިން ޢާއިލީ ގުޅުންތައް ކެނޑިގެން ދިއުމުގައިވެސް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ޔޯލަ ވާހަކަތަކެވެ.

ޔޯލަ ވާހަކަތަކަކީ މިހައި ބިރުވެރި އަދި ނުރައްކައުތެރި ވާހަކަތަކެއްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އެކަމުގައި ކުރިމަތިވާ އެންމެ ހެއްވާ އަދި އަޖައިބުވާން ޖެހޭ ކަންތައް ބުނަން ހެއްޔެވެ؟ އެމީހަކާއިމެދު އެހެން މީހަކު ނުވަތަ ބައަކު ޔޯލަ ކޮށްގެން ވާހަކަ ދެއްކުމުން ކޮންމެ މީހަކުވެސް ރުޅިއައުދެއެވެ. ނަމަވެސް އެހެން މީހުންނާއިމެދު ދެކެވޭ ޔޯލަވާހަކަތައް އަޑުއަހައެވެ. އަދި އެމީހަކު އަމިއްލައަށްވެސް އެހެން މީހުންގެ ޔޯލަ ވާހަކަތައް ދައްކައެވެ. ވީމާ މިއީ ދެކޮޅު ޖެހޭ ގޮތަކަށް ހިނގަމުންދާ ކަމެއް ނޫނެވެ.

ޔޯލަ ވާހަކަ ދެއްކުންތައް އުފެދިގެން އަންނަނީ ޝައިޠާނާގެ ކިބައިންނެވެ. ޝައިޠާނާ އަބަދުވެސް ބޭނުންވާނީ މީސްތަކުގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށެވެ. ތަޅާފޮޅުންތައް ކުރިއަށް ގެންދުވައި ލޭ އޮހުރުވުންތައް ގިނަވުމަށެވެ. ވީމާ ޔޯލަ ވާހަކަތައް ހިފައިގެން މީސްމިހުންގެ ގާތަށް ހިނގާ މީހާއަކީ ޝައިޠާނާގެ ބައިވެރިއެކެވެ. ޝައިޠާނާ ރޯކުރުވާ އަލިފާންގަނޑު ނިވުނަ ދިނުމަށްޓަކައި އެ އަލިފާންގަނޑަށް ދަރުއަޅައިދެމުން ހިނގާ މީހަކަށެވެ!

މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ވެސް ބުނެދީފާނަމެވެ. ޔޯލަ ވާހަކަތައް އަޑުނާހާ، ޤަބޫލު ނުކުރާ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ އަދަދު ޢާންމުގޮތެއްގައި ވަރަށް ބޮޑުތަނުން މަދުވާނެއެވެ. މިއީ ގިނަ ބައެއްގެ ތަޖުރިބާއިން ޔަޤީން ކަމެކެވެ.

އެކަމުގެ ސަބަބުވެސް އެނގެން އެބައޮތެވެ. ސަބަބަކީ ޝައިޠާނާއަށް އެދެމަފިރިންގެ ދެމެދަށް ވަނުމުގެ ފުރުޞަތު ނުލިބޭކަމެވެ. ޔޯލަ ވާހަކަތަކަށް ދެމަފިރިންގެ ދެމެދަށް ނުވަދެވޭތީއެވެ. ޔޯލަ ވާހަކަތަކަށް ފުރުޞަތުދީފިނަމަ ޤަބޫލު ނުކުރެވުނަސް ޝައްކު އުފެދުމަކީ ޠަބީޢީ ކަމަކަށްވާތީއެވެ.

ވީމާ ދުނިޔެއާއި އާޚިރަތް ލިބިގަތުމަށްޓަކައިވެސް ޔޯލަވާހަކަތަކުން ސަލާމަތްވެގެން ތިބެން ޖެހެއެވެ. ގެއިން ވައްކަން ކޮށްފާނެތީ ގެތައް ތަޅުލައި ބަލަހައްޓާފަދައިން ޔޯލަ ވާހަކަތަކުންވެސް ގެދޮރު ސަލާމަތްކުރަން ޖެހެއެވެ. ކަންފަތްތަކަށް އުނގުރި ޖަހައި އެފަދަ ވާހަކަތައް އަޑު ނުއަހަން މަސައްކަތްކުރަންޖެހޭނެއެވެ. މާނައަކީ ޔޯލަ ވާހަކަ ދައްކަން ގެއަށް އަންނަ ކޮންމެ މީހަކަށް ވެސް ރަތްކާޑު ދައްކާށެވެ. އެފަދަ ވާހަތައްކަށް ތަރުޙީބު ނުދޭނެ ކަމާއި ބަލައި ނުގަންނާނެ ކަމަށް ސާފުބަހުން ބުނާށެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމުން ސަލާމަތްވެގެން ތިމާވެސް ހުންނާށެވެ. --އިސްލާމި ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް