އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފަޤީރު ކުއްޖަކަށް ބުލީކޮށް ފަޟީޙަތްކޮށްލަން ފިހާރައަކަށް ފޮނުވުމުން އެކަން ބޮޑު ރަހްމަތަކަށްވެ މުޅި ޢާއިލާއަށް ދާއިމީ ބޮޑު އެހީތެރިކަމެއް ލިބުނު ގޮތުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ފަޤީރު ކުއްޖަކަށް ބުލީކޮށް ފަޟީޙަތްކޮށްލަން ފިހާރައަކަށް ފޮނުވުމުން އެކަން ބޮޑު ރަހްމަތަކަށްވެ މުޅި ޢާއިލާއަށް ދާއިމީ ބޮޑު އެހީތެރިކަމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 50 ސިކުންތު

ވުލީ ކުރުމުގެ މައްސަލަ ނެތީ ވަކިރަށެއްގައި ވަކިސްކޫލެއްގައިކަމަށް ބުނެވޭކަށްވެސް މިހާރަކު ނެތެވެ. "އަޅުގަނޑުމެންނަކީ ވަރަށް ޢާދައިގެ ފެންވަރުގަ ދިރިއުޅޭބައެއް. އެކަމަކު އެއްވެސް މީހަކަށް ސަލާމެއް ނުޖަހަން. ކަމަކު އެދި އާދޭހެއްވެސް ނުކުރަން. އެކަމަކު ގެދޮރުގެ ދަތިކަން ވަރަށް ދަތި. ދިރިއުޅެނީ އެންމެ ކޮޓަރިއެއްގަ. ސްކޫލަށް ދިއައިމަ ކުދިން އެކަމަށް މަލާމާތްކުރަމުން ގޮސް ދަރިފުޅު ނަފްސާނީ ވެއްޖެ. ސްކޫލުން ބުނަނީ ދަރިފުޅަށް ފަރުވާކުރަން މާލެ ބަދަލުވާން. ކިހިނެއްތޯ އަޅުގަނޑުމެން މާލެ ގޮސް ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅޭނީ."

މިއީ މަންމައަކު ކަރުނައަޅަމުން ބުނެފައިވާ ވާހަކައެކެވެ.  

ބުލީކުރުމުގެ މައްސަލައަކީ ސްކޫލްތަކުގައި މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. މިމައްސަލަ އެހައި ބޮޑުވެގެން މިއަންނަނީ މައިންބަފައިންގެ ސަބަބުންނެވެ. އެއީ ތަނަވަސްކަން ދެއްވެވުމުން ﷲ އަށް ޝުކުރުވެރިވާން ދަރިންނަށް ދަސްކޮށްނުދެވޭތީއެވެ. ފަޤީރު، ނިކަމެތި ކުދިންނަށް އެހީތެރިވާން ކުދިންނަށް ދަސްކޮށްނުދެވޭތީއެވެ. އެކަން އެހެން އެވަނީ ތަނަވަސްކަން ލިބިފައިވާ ބައެއް މައިންބަފައިންނަށްވެސް ﷲ އަށް ޝުކުރުވެރި ނުވެވޭތީއެވެ. 

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ނިކަމެތި ޙާލުގައި ތިބި ކުދިންނަށާއި ޢާއިލާތަކަށް ހިތްވަރު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

މިކިޔައިދެނީ ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންކޮޅެއްގެ މެދުގައި ހިނގައިދިއަ ކަމެކެވެ. އެކުލާހުގައި ވަރަށް ފަޤީރުކުއްޖަކު އުޅޭތީ ތަނަވަސް ކުދިން އޭނާއަށް މަލާމާތްކުރެއެވެ. ލައިގެން ހުންނަ ހެދުން ހަޑިކަމާއި އަރާ ބޫޓު ބައުވެފައި ހުންނަ ކަމާއި ޔުނިފޯމުގެ ކުލަވެއްޓިފައި ހުންނަކަން ފާހަގަކޮށް ކޮންމެ ދުވަހަކުހެން އެކުއްޖާ ރޮއްވައެވެ. 

އެއްދުވަހަކު ފަޤީރުކުއްޖާއަށް 1000 ރުފިޔާގެ ކޫޕަނެއް ދީފައިބުނީ މިވެނި ފިހާރައަކަށް ގޮސް ބޭނުންވާ އެއްޗެތި ނަގާފައި ކޫޕަން ދިނުމުން ތަކެތިދޭނެ ކަމަށެވެ. އެކުއްޖާ އެކުދިންނަށް ވަރަށް ޝުކުރު އަދާކޮށްފައި ހަމަ އެދުވަހު ހަވީރު ކޫޕަން ހިފައިގެން ފިހާރައަށް ގޮސް ދެއްކިއެވެ. އަދި އެކޫޕަނަށް އެއްޗެތިނަގައިފިނަމަ ތަކެތިދޭނެތޯ ސުވާލުވެސް ކުރިއެވެ. 

އެއީ ކުއްޖާގެ މަންމަ އެކަންކުރަން ބުނި ގޮތެވެ. ސުވާލުތައް ކުރީ ފުރަތަމަ އެއްޗެތި ނުނަގައި ސޭޓަށް ދައްކާފައި ކޫޕަން ޗެކުކޮށްފައި ނޫނީ އެއްވެސް އެއްޗެއްގައި އަތްނުލަން މަންމަ ބުނީތީއެވެ. 

އެވަގުތަކީ ފިހާރައިގެ ވެރިމީހާ ކައުންޓަރު ކައިރީގައި އިން ވަގުތެކެވެ. އޭނާގެ ހިތަށް ކުއްޖާ އާއިމެދު ރަޙުމްވަދެ ކުއްޖާ ގޮވައިގެން ގޮސް މިއީ ކާކުދިން ކޫޕަނެއްތޯ ސުވާލުކުރުމުން ކަންތައްވީގޮތް ކުއްޖާ ކިޔައިދިނެވެ. އަދި އޭނާ އެއްވެސް ދޮގެއް ނުހަދާކަމަށް ބުންޏެވެ. 

ދެން އެމީހާ ކުއްޖާ އާއި އޭނާގެ ޙާލަތާއިބެހޭ ގޮތުން ސުވާލުކުރުމުން ކިޔައިދިނެވެ. "އަޅުގަނޑުމެންގެ 4 ބެއިން ތިބެއެވެ. އެންމެ ދޮށީ އަޅުގަނޑެވެ. ބައްޕަ އަޅުގަނޑުމެން ވަރަށް ކުޑައިރު އަޅުގަނޑުމެން ދޫކޮށްލާފައި ހިނގައްޖެއެވެ. މަންމަ މަސައްކަތްކުރަނީ ހެދިކާ ހަދާ ގެއެއްގައެވެ. ލިބޭ ފައިސާކޮޅުން ހަމަ ކިރިޔާ ކައިބޮއި ހަދައިލެވެނީއެވެ. އެހެންވެ އަޅުގަނޑުމެން މިއުޅެނީ ވަރަށް ދަތިޙާލުގައެވެ. އެކުދިން އަޅުގަނޑަށް ކޮންމެ ދުވަހަކު މަލާމާތް ކުރަނީ އަޅުގަނޑުމެން ފަޤީރުވެފައި އެކުދިން މުއްސަނދިވީމައެވެ. އެކަމަކު މަލާމާތްކުރާކަށް ނުޖެހޭނެ ނޫންތޯއެވެ؟ ގެންދާނެ އިންޓޯލު ނުލިބޭ ދުވަސްތަކުގައިވެސް އެއްވެސް ކުއްޖެއްގެ ގާތު އެއްޗެއް ދޭކަށް ނުބުނަމެވެ." 

ފިހާރައިގެ ވެރިމީހާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބުނީ މިރޭ މަންމަ ގޮވައިގެން އައުމުން ކޫޕަނަށްވުރެ ގިނައިން އެއްޗެތިދޭނެ ކަމަށެވެ. 

ކުއްޖާ އެރޭ މަންމަ ގޮވައިގެން ދިއުމުން އޭނާ ބުނީ 4 ކުދިންނަށާއި މަންމައަށް ބޭނުންވާ އަންނައުނު އޭނާގެ ފިހާރައިން އަބަދުވެސް ހިލޭ ލިބޭނެ ކަމަށެވެ. އަދި އެހީއެއްގެ ގޮތުން ކޮންމެ މަހަކުވެސް ފައިސާ ޞަދަޤާތް ކުރާނެ ކަމަށެވެ. 

އެއީ މީގެ 8 ވަރަކަށް އަހަރުކުރިއެވެ. މިހާރު އެކުއްޖާއަކީ އެފިހާރައިގެ ބޮޑުސޭޓެވެ. ފިހާރައިގެ ކަންކަން ބަލަހައްޓާ އިސް މީހާއެވެ. އޭނާގެ ކޮއްކޮމެންގެ ތެރެއިންވެސް މިހާރު ކިޔަވަނީ އެންމެ ކުއްޖެކެވެ. 3 ބެއިން ވަޒީފާގައެވެ. ޢާއިލާ ދިރިއުޅެނީ ތަނަވަހުގައެވެ. 

އެޢާއިލާއަށް އެހީތެރިވީ އަޅުގަނޑުގެ އެކުވެރިއެކެވެ. އެހެންވެ އެކަންތައް ހިނގައިދިއަގޮތް ވަރަށް ގާތުން އަޅުގަނޑަށް ފެނުނެވެ. މިގޮތަށް ކުދިންނަށް ބުލީކުރުމަކީ ރާއްޖޭގައި އެކަނިކުރާ ކަމެއް ނޫނެވެ. ސޯޝަލް މީޑިއާއިން މިޒާތުގެ ވާހަކަތައް ގިނައިން ފެނެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ތަނަވަސް މީހުން މިކަންކަމަށް ވިސްނާށެވެ. އެމީހުންނަށް ތަނަވަސްކަން ދެއްވެވުމަކީ އެމީހުންގެ ދަރިން ސްކޫލަށް ގޮސް ފަޤީރުކުދިންގެ ހިތުގައި ޖައްސުވައި ރޮއްވާ ސަބަބަކަށް ހެދިއަ ނުދޭށެވެ. ތިމާއަކީ ނިކަމެއްޗަކަށްވެފައި ތިމާގެ ދަރިފުޅަށް އެހެން މީހަކު ނުވަތަ ކުއްޖަކު މިގޮތަށް ބުލީކުރާނަމަ ތިމާގެ ދަރިފުޅަށާއި ތިމާއަށް ކުރާނެ އަސަރު އެންމެ ފަހަރަކުވެސް ނިކަން އިޙްޞާޞްކޮށްލަބަލާށެވެ. 

އެކަމާއި އަހަރެމެން ކުރާނީ ކީއް؟ ކަމަށް ބުނެ ނިންމައިނުލާށެވެ. ދަރިންގެ ހިތުގައި ނިކަމެތިންނަށް އެހީތެރިވުމުގެ ރޫޙު އުފައްދުވާށެވެ. ނިކަމެތިކުދިންނަށް އެހީތެރިވާން ދަސްކޮށްދޭށެވެ. އިންޓޯލު ގެންދަން ނުލިބޭ ކުދިންނަށް "ޝެއާ"ކުރަން ބުނާށެވެ. ދަރިފުޅުގެ ކްލާހުގައި ފަޤީރުކުއްޖަކު އުޅޭނަމަ ތިއަބައިމީހުންގެ ތަނަވަސްކަމުން އެ ފަޤީރުކުއްޖާއަށް އެހީވެދޭތަން ދަރިންނަށް ދައްކައިދީ ދަރިންގެ ހިތުގައިވެސް އެހީތެރިވާން ޝައުޤުވެރިކަން އުފައްދުވާށެވެ!  

އެއިރުން ކަލޭމެންގެ ތަނަވަސްކަން އިތުރުކޮށްދެއްވަވާނެކަމަށް އޮތް ވަޙީބަސްފުޅަށް އިތުބާރުނުކުރަންވީކީއްވެގެންތޯއެވެ؟  

- ނަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް