އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމެއް ދިމާވާއިރަށް ކައިވެނި ރޫޅާލަން އަވަސްވެގެންފިނަމަ ފަހުން ކަރުނައަޅަން ނުޖެހޭ މީހަކު މަދުވާނެ!

ކަމެއް ދިމާވާއިރަށް ކައިވެނި ރޫޅާލަން އަވަސްވެގެންފިނަމަ ފަހުން ކަރުނައަޅަން ނުޖެހޭ މީހަކު މަދުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ ކިރިޔާ ކަމެއްދިމާވާއިރަށް ކައިވެނި ރޫޅާލަން އަވަސްވެގަންނަ ކަމުގެ ޝަކުވާއެވެ. އަދި ކައިވެނި ރޫޅައިލުމަށްފަހު ކުރެވުނު ކަންތަކަށް ހިތާމަކޮށް ދެން ކަންތައް ކުރަން އޮތް އެންމެ ރަނގަޅު ގޮތުގެ ލަފައަކަށްވެސް ގިނަ ބައަކު އެދެއެވެ.

ތަކުރާރުކޮށްވެސް ބުނަން އޮތީ އެއްވާހަކައެކެވެ. މިއީ ދުނިޔެއެވެ. ދުނިޔޭގައި ގިނައިން ކުރިމަތިލާންޖެހޭނީ ހިތް ނުއެދޭ ކަންތައްތަކާއިއެވެ. އެއީ ދުނިޔޭގެ ޙަޔާތަކީ އިމްތިޙާނަކަށްވާތީއެވެ. ފާސްވާން އޮތީ ހަމައެކަނި އަޅުކަންކުރުމަކުން އެނަޏެއް ނޫނެވެ. ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ކަމަކުންނެވެ.

ސަބަބުވެސް ބުނެލާނަމެވެ. ބަލައިގަންނަން ސިކުނޑިއަށް ފަސޭހަވާނެ ޢިބާރާތަކުންނެވެ. ތިބާ ފަރުޟު ފަސް ނަމާދާއި ސުންނަތް ނަމާދުތައްކޮށްގެން ވަނީ ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. އެހެންހުއްޓައި ބައިވެރިޔާއާއިމެދު ޢަމަލުކުރެވޭ ގޮތަކުން މާބޮޑުތަނުން މައިނަސްވެގެން ހިނގައިދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ކުރިން ހޯދި މަތީ ސްކޯ ވެއްޓިގެންދާނެ ނޫންހެއްޔެވެ؟

ވީމާ މިސްކިތުގައި އަޅުކަންކުރާ ފަދައިން ދިރިއުޅުމުގެ ހުރިހާ ކަންކަމަށްވެސް ވިސްނަންވާނެއެވެ. ތިމާގެ ސްކޯމަތިނުވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރާށެވެ!

ދެން ކަމެއް ދިމާވާއިރަށް ވަރިކުރަން، ނުވަތަ ވަރިވާން ބޭނުންވާ މީހުންނަށް ބުނެލަން އޮތީ ހަމަ އަބަދުވެސް ބުނާ ވާހަކައެވެ. ކައިވެނި ރޫޅައިލަން އަވަސްވެނުގަންނާށެވެ! ކެތްތެރިވެލާށެވެ. މައްސަލަ ޙައްލުކުރަން މަސައްކަތްކުރާށެވެ! ކައިވެނި ރޫޅައިލުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކުރާކަމަކަށް ނުހަދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! މިއީ ގިނަގިނައިން ހަނދާންކުރަންޖެހޭ ކަމެކެވެ!

ކިތަންމެ ބޮޑު އަގުގައި ފޮތި ގަނެގެން ކިތަންމެ މޮޅު މީހަކު ލައްވައި ފެހި ނަމަވެސް އަޅުގަނޑުމެން ފަހާ ކޮންމެ ހެދުމެއް ގައަށް ހެޔޮވަރު ނުވެދާނެއެވެ. ފަތިޖަހާލަން ޖެހިދާނެއެވެ. އަދި ތަންކޮޅެއް މެހެލާފައި ދޫކޮށްލަންވެސް ޖެހިދާނެއެވެ. ނަމަވެސް އޮތީ ހެދުން އެއްލައިލުމެއް ނޫނެވެ. ފަތިޖަހައި ހެޔޮވަރުކޮށްލުމެވެ. ކަންކުރަނީވެސް އެމަގުންނެވެ. ވީމާ އޮތީ ކުޑަ މަސައްކަތެއް ކޮށްލައިގެން ގައަށް ހެޔޮވަރުކޮށްލުމެވެ.

ފެހި ހެދުން ގައަށް އެންމެ ހެޔޮވަރު ނުވި ނަމަވެސް ފޭރާން ރީތިނަމަ ހެދުން ރީތިވާނެއެވެ. ލައިގެން ހުންނައިރު ހަމަ ތިބާއަށްވެސް އެހެދުމުގެ ރީތިކަން އިޙްޞާޞްކުރެވޭނެއެވެ. އެހެން މީހުންގެ ތަޢްރީފްވެސް ލިބޭނެއެވެ.

ކައިވެނީގައިވެސް އޮތީ ހަމަ މިގޮތެވެ. އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތިބާއަށް އެންމެ ފުރިހަމަ ނޫން ބައެއް ސިފަތައް ހުރި މީހަކަށް ވެދާނެއެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ އެކަމެއް އިޞްލާޙްކޮށްލަން މަސައްކަތްކުރާށެވެ. މާތްﷲ ވާގިފުޅާއިއެކު ކަންކަން ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ.

ގައަށް އެންމެ ހެޔޮވަރު ނޫން ހެދުމެއް ލިބުމުން އަމަލުކުރިގޮތް މިސާލަކަށް ބަލާށެވެ. އެކަން އެގޮތަށް ބަލަންޖެހެނީ ކީރިތި ޤްރްއާނުގައިވާ މި އެންގެވުމުންނެވެ. "ދެމަފިރިންނަކީ ވެސް އެކަކު އަނެކަކަށް ހުރި ލިބާހެއް" ކަމަށް މާތްﷲ ބަޔާންކުރައްވަވާފައިވަނީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. އެކެއް އަނެއްކެއްގެ އުނިސިފަތައް ފޮރުވައިދީ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހޭނެތީއެވެ. އެކަމުގައި ދެމީހުންވެސް އެކަކު އަނެކަކަސް އެހީތެރިވެދޭން ޖެހޭނެއެވެ.

"އެކަނބަލުންނީ (އަނބިންނަކީ) ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ." (ސޫރަތުލްބަޤަރާ- 18)

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް