އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، ހީވާގި މަސައްކަތްތެރީން: ރައީސް

ޤައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، ހީވާގި މަސައްކަތްތެރީން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 12 ސިކުންތު

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އެކި ދާއިރާތަކުން ޤައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، ހީވާގި މަސައްކަތްތެރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒް ދެއްވި ޚިޠާބު:

ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމަށް މަންފާ ލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނަށާއި ބިދޭސީންނަށް ހިތްވަރާއި، މަރްޙަބާއާއި، ޝުކުރުގެ ބަސްތައް ތަކުރާރުކުރަމެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އެކި ދާއިރާތަކުން ޤައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ހީވާގި މަސައްކަތްތެރީންނެވެ. މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ޤައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ޙަޤީޤަތަކަށް ނުވާނެއެވެ.

ދިވެހި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުމެވެ. ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރުމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ޚަރަދުތައް ނުކުރެވި، ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށެވެ. މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ޤައުމުގެ އިޤްތިޞާދީ ލޭނާރު ޙިމާޔަތް ކުރުމަށެވެ.

ސިވިލް ސަރވިސް އަދި ޞިއްޙީ ޚިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ޚިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު މިދަނީ ފަހިކޮށްދެމުންނެވެ. ޢުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، ޢުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު މިހާރު މިދަނީ ހޯދައިދެމުންނެވެ.

މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނަމެވެ. ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރާނަމެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދޭނަމެވެ.

ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ ޢިނާޔަތްތައް އިތުރުކޮށްދޭން އަޅުގަނޑުމެން މިހާރު ވާނީ ފަށައިފައެވެ. ޤައުމުގެ އިޤްތިޞާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ޙައްލެއް ނޫނެވެ. މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހެއެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ޚާއްޞަ ސްކީމްތައް ތަޢާރަފްކުރުން މުހިންމެވެ. މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅައިފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިގެންފައެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ޙައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ޤާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެންނެވެ.

ދިވެހިރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނަމެވެ. ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ޚިދުމަތް ފަދަ ކަންކަން ތަޢާރުފުކޮށް، ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެއެވެ. އަދި ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެއެވެ. މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާއެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެކެވެ. ތިޔާގިކަމުގެ އެތައް ފުރުޞަތެކެވެ. އަޅުގަނޑުގެ އުންމީދަކީ އަދި ޢަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ.

މި ޤައުމުގެ ޙައްޤުގައި އަދި އަޅުގަނޑުމެންގެ ދަރީންނާއި މުސްތަޤްބަލަށްޓަކައި އެންމެން ގުޅިގެން މިކުރާ މިންނެތް މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! ދިވެހި ކޮންމެ މަސައްކަތްތެރިއަކަށްމެ ހާސްކަމެއް ނުތަނަވަސްކަމެއް ނެތް، ހިތްހަމަޖެހޭ ވިޔަވަތި ޒަމާނެއް ކީރިތިﷲ މިންވަރު ކުރައްވާށިއެވެ! އާމީން.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު