އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ އަޅުކަންތަކެއް ކުރިނަމަވެސް ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ މީހަކަށް ނުވާށެވެ!: މުފްތީ މެންކް

ގިނަ އަޅުކަންތަކެއް ކުރިނަމަވެސް ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެ މީހަކަށް ނުވާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

މިހާރަކަށް އައިސް ގިނަ ބައަކު އުޅެނީ ވީހާ ގިނަ ހެޔޮ ޢަމަލުކުރެވޭތޯއެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ރަނގަޅު ފެންވަރުގައި ކުރާ އަޅުކަންކަމެވެ. އެއްވެސް ފެންވަރެއް ނެތް ނަމަ އެޢަމަލު ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ.

ހަމައެފަދައިން ބައެއް މީހުން ބަލަނީ މިވެނި އެވެނި މީހަކަށްވުރެ ގިނައިން އަޅުކަންކުރެވޭތޯއެވެ! އެއީވެސް މައްސަލައެއް ނޫނެވެ. އަޅުކަން ކުރުމުގައި ވާދަކުރުން ހުއްދައެވެ. ނަމަވެސް މިކަމުގައިވެސް ބަލަންޖެހޭނީ އަޅުކަން މިކުރެވެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކަމެވެ. ފެންވަރު ނެތްނަމަ ކިތަންމެ ގިނައިން އަލުކަންކުރިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

މިޘާލަކަށް ބުނާނަމަ ފަރުޟު ނަމާދުތައް ކުރަން އޮތް ޢަދަދަށް ކުރަންޖެހޭނެއެވެ. މަދެއް ނުކުރެވޭނެއެވެ. އަދި ގިނައެއްވެސް ނުކުރެވޭނެއެވެ. ވީމާ އޮތީ ވީހާރަނގަޅު ފެންވަރުގައި ކޮންމެ ދުވަހަކުވެސް ފަރުޟް 5 ނަމާދު އަދާކުރަމުން ގެންދިއުމެވެ.

އެހެންކަމާއިއެކުގައިވެސް ސުންނަތް ނަމާދުތަކަކީ އެމީހަކަށް ކުރެވޭ ވަރަކަށް ކުރަން ހުރި ނަމާދުތަކެކެވެ. ވީމާ ރަނގަޅު ފެންވަރުގައި ނުކުރެވޭނެ ނަމަ ޢަދަދު ގިނަކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ! ޢަދަދު މަދު ނަމަވެސް ތިމާއަށް ސަމާލުކަންދީގެން ރަނގަޅު ފެންވަރުގައި ކުރެވޭނެ ޢަދަދަކަށް ކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.

ހަމައެއާއިއެކު ބުނެލާނަމެވެ. ރަނގަޅު ފެންވަރުގައި، ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ގިނައިން އަޅުކަން ކުރެވޭނެނަމަ އެއީ އެންމެ ބޮޑު ކާމިޔާބީއެވެ. އެފަދަ މީހުން ވީހާގިނައިން ކުރަންވީއެވެ.

ޚުލާސާކޮސްލާފައި ބުނަމެވެ! ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެންވަނީ، ޤަބޫލުފުޅުކުރައްވަވާނީ ރަނގަޅު ފެންވަރުގައި ކުރެވޭ އަޅުކަމެވެ. ފެންވަރެއް ނެތި ޢަދަދު ގިނަކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ވީމާ ކުރާ އަޅުކަމުގެ ޢަދަދު ގިނަކުރިނަމަވެސް ރަނގަޅު ފެންވަރުގައި ކުރެވިފައި ނެތިގެން އާޚިރަތް ދުވަހު ހިތާމަކުރަންޖެހޭނެ މީހަކަށް ނުވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް