އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު: އެބޭކަލެއްގެ ސިފަފުޅުގައި ޖިބްރީލުގެފާނު ވަޑައިގަންނަވާ ރީތިފުޅު ޞަޙާބީ

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު: އެބޭކަލެއްގެ ސިފަފުޅުގައި ޖިބްރީލުގެފާނު ވަޑައިގަންނަވާ ރީތިފުޅު ޞަޙާބީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 18 މިނެޓް, 39 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުއަކީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ދަރަޖަ މަތިވެރި ޞަޙާބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޞަޙާބީބޭކަލެކެވެ. އެކަލޭގެފާނަކީ އިސްލާމްދީން ޤަބޫލުފުޅު ކުރެއްވުމުގައި އިސްނެންގެވި ބާއްޖަވެރި ޞަޙާބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު ނިސްބަތްވެވަޑައިގަންނަވަނީ ބަނޫކަލްބު ޤަބީލާއަށެވެ. 

އަލްޙާފިޡު އިމާމު ޛަހަބީ އެކަލޭގެފާނު ލިޔުއްވި، ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވާ ގޮތުގައި ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުވަނީ ބަދުރު ހަނގުރާމައިގެ ކުރީން އިސްލާމްވެވަޑައިގެންފައެވެ. ނަމަވެސް ބައެއް ސަބަބުތަކާހުރެ އެކަލޭގެފާނަށް ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައެއް ނުގެންނެވުނެވެ.

ޚާއްޞަ މާތްކަމެއް: 

ނަބިއްޔާ صلّى اللّـه عليه وسلّم ގެ ޞަޙާބީންގެ ތެރެއިން ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުއަކީ ޚާއްޞަ މާތްކަމަކާއި، އިމްތިޔާޒެއް ހޯއްދަވައިފައިވާ ބޭކަލެކެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ދެއްވައިފައިވަނީ އިންސާނީ ލޯތައް މަދުންނޫނީ ނުދެކޭފަދަ ރީތި ބުރު ސޫރަފުޅެކެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ މަދީނާގައި އުޅުއްވި މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޞަޙާބީބޭކަލުންގެ ތެރެއިން އެންމެ ބުރުސޫރަފުޅު ރީތި ޞަޙާބީގެ ގޮތުގައެވެ.

ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވާ ގޮތުގައި، ވަޙީގެ މަލާއިތާ ޖިބްރީލު އަމީން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ބައެއް ފަހަރު ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސިފަފުޅުގައި ވަޑައިގަންނަވައެވެ.  ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. އެއްފަރަކު މާތް ނަބިއްޔާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ އަނބިކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނުގެ އަރިހުގައި ހުންނަވަވަނިކޮށް ޖިބްރީލުގެފާނު، ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސިފަފުޅުގައި ވަޑައިގެންނެވިއެވެ.

މިދެންނެވި މާތް ކަމާއި އިމްތިޔާޒުގެ އިތުރަށް، އިސްލާމްވެވަޑައިގެންނެވުމަށް އިސްނެންގެވި ބޭކަލެއްކަމުގައިވުމީވެސް ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ހައިސިއްޔަތު އިތުރަށް އުއްތި ފުރިހަމަވެފައިވާ ކަމުގެ ދަލީލެކެވެ.

މާތް ރަސޫލާ ގެ ލޯބިފުޅު: 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުއަށް ވަރަށް ބޮޑަށް ރިޢާޔަތް ކުރައްވައެވެ. އެއްފަރަކު މާތް ރަސޫލާގެ އަރިހަށް މިޞްރުން ފޮތިގަނޑުތަކެއް ގެނެވުނެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم  ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު ބަލައިފިނުއްވައިގެން ގެންނަވައި، އެކަލޭގެފާނަށް އެތަނުން ފޮތިގަނޑެއް ދެއްވައިފައި ވިދާޅުވިއެވެ. [މި ފޮތިގަނޑު ދެބައިކޮށްލުމަށްފަހު، މިތަނުން އެއްބައިން ކަލޭގެފާނު ޤަމީސްކޮޅެއް ފަހާށެވެ. އަނެއްބައި ކަލޭގެފާނުގެ އަނބިކަނބަލުން ބުރުގާގެ ގޮތުގައި ބޭނުން ކުރުމަށްދޭށެވެ.]

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އެނބުރި ވަޑައިގަންނަވަން އުޅުއްވުމުން އަނެއްކާވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. [ކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހުގައި ވިދާޅުވާށެވެ. މި ފޮތިގަނޑާއެކު އިތުރު ފޮތިކޮޅެއް ތިރިޔަށް ގުޅުވައިލައިގެން ބޭނުންކުރާށެވެ. އެއީ އެކަމަނާގެ ހަށިގަނޑު ފާޅުވެދާނެތީއެވެ.]

{އަބޫދާވޫދު، ވޮލިޔުމް 4، ޞަފްޙާ 88، ޙަދީޘް ނަންބަރު 4116} 

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم  ދެކެ ވަރަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ވަރަށް ގިނައިން މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ވެދުމަށް އެއްޗެހި ފޮނުއްވައެވެ.  މުޢުޖަމުލް ކަބީރުގައި ވާގޮތުން އެއްފަރަކު ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު، މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ކެހެރި ފޭރާންކޮޅަކާއި، ޚުއްފެއް ވެދުމަށް އެރުވިއެވެ. އަންސާބުލް އަޝްރާފުގައިވާ ގޮތުން އަނެއްފަހަރަކު އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم  އަށް ތިންޏާއި، ހިކިމޭބިސްކަދުރު ވެދުމަށް ފޮނުއްވިއެވެ.

މާތް ރަސޫލާ ގެ ސަފީރު

ޞުލްޙުލް ޙުއްދައިބިއްޔާގެ ކަންތަކުން އަވަދިވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވުމަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގެ ރަސްރަސްކަލުންނަށް ފަތްކޮޅުތަކެއް ފޮނުއްވިއެވެ. އެއީ އެ ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ބާރުގެ ދަށުގައި އުޅެމުންގެ ގެންދިޔަ މީސްތަކުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވުމަށެވެ. 

އެގޮތުން ރޫމްގެ އަންބަރާތޫރު ހިރަޤުލުއަށް، ސިޓީފުޅު ފޮނުއްވީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު މެދުވެރި ކުރައްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް އަމުރުކުރައްވައިފައިވަނީ، އެ ސިޓީފުޅު ގެންގޮސް ބުޞްރާގެ ގަވަރުނަރއާ ޙަވާލުކުރުމަށެވެ. އޭރުން ބުޞްރާގެ ގަވަރުނަރ މެދުވެރިވެވަޑައިގެން އެސިޓީފުޅު ހިރަޤުލަށް ރައްދުކޮށްދެއްވާ ގޮތަށެވެ. އެ ސިޓީފުޅުގައިވަނީ މިދަންނަވާ ޢިބާރާތެވެ. 

"‏بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ مِنْ مُحَمَّدٍ رَسُولِ اللَّهِ إِلَى هِرَقْلَ عَظِيمِ الرُّومِ سَلاَمٌ عَلَى مَنِ اتَّبَعَ الْهُدَى أَمَّا بَعْدُ فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ أَسْلِمْ تَسْلَمْ وَأَسْلِمْ يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ وَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ وَ { يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلاَّ اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ‏} 

މާނައީ: ރަޙްމާންވަންތަ ރަޙީމްވަންތަ މާތްﷲ ގެ އިސްމުފުޅުން ފަށަމެވެ. މާތްﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާ މުޙައްމަދުގެ ފަރާތުން ރޫމްގެ މަތިވެރި ރަސްގެފާނު ހިރަޤުލަށް. ހިދާޔަތުގެ މަގަށް ތަބާވެއްޖެ މީހަކަށް ސަލާމްހުއްޓެވެ. އަޅުގަނޑު މަނިކުފާނަށް އިސްލާމްދީނުގެ ދައުވަތު އަރުވަމެވެ. މަނިކުފާނު އިސްލާމްވެވަޑައިގަންނަވާށެވެ. އޭރުން ސަލާމަތްކަން ލިބޭނެއެވެ. އަރަހުށި މާތްﷲ މަނިކުފާނަށް ދެފަހަރަށް ދަރުމަށް ދެއްވާނެއެވެ. މަނިކުފާނު ހިދާޔަތުގެ މަގަށް ފުރަގަސް ދެއްވައިފިނަމަ، މަނިކުފާނުގެ ވެރިކަމުގެ ދަށުގައިވާ ރައްޔިތުންގެ ފާފަވެސް އެޅޭނީ މަނިކުފާނުގެ އިސްތަށިފުޅުގައެވެ.]

ދެން ސިޓީފުޅުގައިވަނީ، އާލުޢިމްރާން ސޫރަތުގެ 64 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!]

އެދުވަސްވަރު އަބޫސުފްޔާނު ހުންނެވީ ވިޔަފާރި ދަތުރުފުޅެއްގައި އެ ޝާމުކަރައިގައެވެ. ހިރަޤުލަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަތްކޮޅު ލިބިވަޑައިގެންނެވުމުން އަބޫސުފްޔާނު ބަލައިފޮނުއްވައިގެން ގެންވައި މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުކުރިއެވެ.  

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު މި ސިޓީފުޅު ރައްދު ކުރައްވައިފައި ވަޑައިގެންނެވި މަގުމަތީން جذام  ޤަބީލާގެ ބަޔަކު މީހުން އެކަލޭގެފާނުގެ މަގަށް ހުރަސްއަޅައި، މާތް ރަސޫލާ އަށް ވެދުމަށް ގެނެވުނު ހަދިޔާތައް ފޭރިގަތެވެ. ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު، މަދީނާއަށް ވަޑައިގެން މާތް ރަސޫލާ ގެ އަރިހުގައި މި ވާހަކަ ބަޔާންކޮށް ދެއްވިއެވެ. މާތް ރަސޫލާ ޒައިދު ބުން ޙާރިޘް 500 މީހުންގެ މައްޗަށް ވެރިކުރައްވައިފައި جذام  ޤަބީލާގެ މީހުންގެ ގާތަށް ފޮނުއްވެވިއެވެ. އެބައިމީހުންގެ ގާތަށް ވަޑައިގެން ހަމަލަ ދެއްވައި، އެއްހާސް ޖަމަލާއި، ފަސްހާސް ބަކަރި ޣަނީމާކުރެއްވިއެވެ. ސަތޭހާ އަންހެނުންނާއި ކުޑަކުދީން ހައްޔަރު ކުރެއްވިއެވެ.

ނަމަވެސް ފަހުން، ޣަނީމާ މުދަލާއި، ހައްޔަރު ކުރެވުނު އަންހެނުންނާއި، ކުދީން އެއްވެސް ފިދުޔައަކާ ނުލައި ދޫކޮށްލެވުނީއެވެ. އެއީ ކުރިން އިސްލާމްވެވަޑައިގެން ހުންނެވި جذام  ޤަބީލާ ވެރިޔާގެ އެގޮތަށް މާތް ރަސޫލާ ގެ އަރިހުގައި އެދިވަޑައިގެންނެވުމުގެ ސަބަބުންނެވެ. މިހުރީ ހައްތަހާވެސް މާތް ރަސޫލާ ގެ އޯގާވެރިކަމެވެ. ހަނގުރާމަތައް ކުރެއްވެވީ އެއްވެސް ދުނިޔަވީ އެދުންފުޅެއްގައި ނޫންކަން އަންގައިދޭ ދަލީލުތަކެވެ.

{ޞަޙީޙު ބުޚާރީ، އައްރަޙީޤުލް މަޚްތޫމް، އިގިރޭސި ތަރުޖަމާ، ޞަފްޙާ -358-356}

ޖިހާދުގެ މައިދާނުގައި: 

އިބްނު ޢަބްދިލް ބައްރު، އިސްތިޢާބުގައި ލިޔުއްވައިފައިވާ ގޮތުގައި ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އުޙުދު ހަނގުރާމައިގެ ފަހުން ހިނގައިދިޔަ މުހިންމު ޣަޒުވާތަކާއި، ސަރިއްޔާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިސްލާމްދީނުގެ ދިފާޢުގައި ނުހަނު ފިރިހެންވަންތަކަމާއެކު ދުޝްމަނުންނާ ހަނގުރާމަ ކުރެއްވިއެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި ހިނގި ވަރުގަދަ ހަނގުރާމަތަކުގެ ތެރެއިން އެއް ހަނގުރާމައަކީ ޚައިބަރު ހަނގުރާމައެވެ. ޚައިބަރު ހަނގުރާމަ ހިނގީ ހިޖުރައިން ހަތްވަނަ އަހަރުގެ ތެރޭގައެވެ. އެ ހަނގުރާމައިގައި ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު ނުހަނު ޖޯޝާއެކު ބައިވެރިވެވަޑައިގެންނެވިއެވެ. ހަނގުރާމައިގައި ވަރަށް ގިނަ ޣަނީމާ މުދާ މުސްލިމުންނަށް ލިބުނެވެ. ވަރަށް ގިނަ އަސީރުން ހައްޔަރު ކުރެވުނެވެ. 

ޣަނީމާ މުދާ ބެހުމުގެ ވަގުތު ޖެހުމުން ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަރިހަށް ވަޑައިގެން ދެންނެވިއެވެ. [ އޭ މާތްﷲ ރަސޫލާއެވެ. ހައްޔަރު ކުރެވުނު އަސީރުންގެ ތެރެއިން އަޅުއަންހެން ކުއްޖެ ދެއްވަފާނުތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަލޭގެފާނު ބޭނުންފުޅު އަސީރަކު ގެންދަވާށެވެ.]

ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު ވަޑައިގެން ޞަފިއްޔާ ބިންތު ޙުއްޔައްޔު ނަންގަވައިގެން ވަޑައިގެންނެވިއެވެ. ޞަފިއްޔާ ބިންތު ޙުއްޔައްޔަކީ، ނަސަބުން އަރާ އިންނެވި އަންހެން ސާހިބެކެވެ. އެވަގުތު ޞަޙާބީއެއް ވަޑައިގެން މާތް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. [ދިޙްޔަތުލް ކަލްބީ އެ ނެންގެވީ، އާންމު ޢަރަބި އަންނެހެނެއް ނޫނެވެ. އެއީ ބަނޫޤުރައިޡާއި، ނަޟީރުވަންހައިގެ ސާހިބު ކަމަނާއެވެ. އެކަމަނާ އެންމެ އެކަށީގެންވަނީ ކަލޭގެފާނަށެވެ.] 

ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم، ދިޙްޔަތުލް ކަލްބީ ރަޟިޔަޢަންހު ގެންނަވައި އެކަލޭގެފާނަށް ހަތްއަޅުންދެއްވައިފައި ޞަފިއްޔަތުގެފާނު މިނިވަންކުރެއްވިއެވެ. އަދި މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިފުޅު ބެއްލެވިއެވެ.  

އަވަހާރަވުން:

ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު، ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަވަހާރަވީ އަމީރު މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އެކަލޭގެފާނުގެ އަރިހުން ހަ ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. ޠާބިޢީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން އެކަލޭގެފާނުގެ އަރިހުން ޙަދީޘް ރިވާކުރެއްވިއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް