އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވުމުން ޤިޔާމަތާ ހަމައަށް ލޮއިން ހެދިފައިވާ ނިޔަފަތިތަކުން މޫނު ތަކުގައްޔާއި، މޭތަކުގައި އަޅުވައި، ދަމަންޖެހޭނެ މީހަކަސްވެދާނެކަމަށް ބިރުނުގަންނީ ހެއްޔެވެ؟

މަރުވުމުން ޤިޔާމަތާ ހަމައަށް ލޮއިން ހެދިފައިވާ ނިޔަފަތިތަކުން މޫނު ތަކުގައްޔާއި، މޭތަކުގައި އަޅުވައި، ދަމަންޖެހޭނެ މީހަކަސްވެދާނެކަމަށް ބިރުނުގަންނީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 2 ސިކުންތު

ޣީބަބުނުމަށް ދޭތެރެޖެއްސުން ނުވަތަ ދެބަކުޓުވުން ފަދަ ކިތަންމެ ތަފާތު ނަންތަކެއް ކީ ކަމުގައި ވީނަމަވެސް އެކަމުން ޙާޞިލުވާ ކަމަކީ މީހަކު ނުރުހޭ ކަމެއްގެ ވާހަކަ އޭނާ ނެއްތަނެއްގައި ދެއްކުން ކަމުގައި ވާނަމަ އެކަން ވެގެން ދާނީ ޣީބަ ބުނުމަށެވެ. 

އަދި އެއީ ހުތުރުކަން ބޮޑުވެގެންވާ، އެޢާދަޔަކަށް މާތްވެގެންވާ އިސްލާމްދީނުގައި އިންކާރުކުރެވި ނުރުހުން ރައްދު ކުރެވޭ ޢާދައެކެވެ. ޣީބަބުނުމަކީ ކޮބައިކަމާއި، އޭގައި ހުރި ނުރައްކާތެރިކަން، ފުރިހަމައަށް އިސްލާމްދީނުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަމަށް ދަލީލުކޮށްދޭ އެތައް ދަލީލު ތަކެއް އައިސްފަވެއެވެ. 

އެގޮތުން: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: ((أَتَدْرُونَ مَا الْغِيبَةُ؟)) قالوا: اللهُ وَرَسُولُهُ أَعْلَمُ، قال: ((ذِكْرُكَ أَخَاكَ بِمَا يَكْرَهُ)) قيل: أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ؟ قال : ((إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ)) 

މާނަޢީ: "އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލައްﷲ އަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ޣީބައަކީ ކޮބައިކަން ތިޔަބައި މީހުން ދަންނަމު ހެއްޔެވެ؟ އެވަގުތު ޞަޙާބީން ދެންނެވިއެވެ. އެކަން މޮޅަށް ދެނެވޮޑިގެންވާނީ ﷲ އާއި، އެކަލާނގެ ރަސޫލާ އަށެވެ. ޙަދީޘް ކުރެއްވިއެވެ. “އެއީ ތިބާގެ އަޚާ, (ނެތްތަނެއްގައި) އޭނާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.” ޞަޙާބީން ސުވާލުދެއްނެވިއެވެ. އެކަމަކީ އެއަޚާގެ ކިބައިގައި ހުރިކަމެއްކަމުގައި ވީނަމަވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ”އެބުނި ބަހަކީ އޭނައިގެ ކިބައިގަ ހުރިކަމެއްކަމުގައިވާނަމަ ތިބާ ތިޔަބުނީ ޣީބައެވެ. އަދި އެއީ އޭނާގެ ކިބައިގައި ނެތްކަމެއްކަމުގައިވާނަމަ އެހެދީ ބޮޑުވެގެންވާ ދޮގެކެވެ." ( މުސްލިމް، ޙަދީޘް ނަންބަރ ،2589) 

ޣީބަބުނުމަކީ އަޚުލާޤީ ރީތި ސިފަތައް ފޫއަޅުވާލައި މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަމާއި، ފިތުނަ ވެރިކަން އުފައްދާ ނުބައި ވެގެންވާ ވަބާއެކެވެ. ނަމަވެސް މިކަން މިފަދައިންވާ ހިނދުވެސް ބައެއް މަޖިލިސްތަކުގައި ޣީބަ ބުނެ މީސްތަކުންގެ އަބުރު ކަތިލައި، ނަފްސުތަކުގެ ޙުރުމަތް ކަނޑައި ހަދަނީ ކޮންފަދައަކުންތޯއެވެ! މިއަދު މިފަދަ ގިނަ، ތަންތަނުގައިވަނީ ޣީބައިގެ ކުނިވަސް ފެތުރިފައެވެ. އަދި އެކުނިވަހުން ވަސް ދުވާކަން އިހުސާސް ނުވާ ވަރަށް އެވަސް، މިވަނީ މުޖުތަމަޢުތަކުގައި ހިފައިފައެވެ. މިކަން ފެތުރިފައިވާ މިންވަރަކީ، ޣީބައާއި މެދު މީސްތަކުން ޣާފިލުވެ، އަދި މިކަމުގެ ޙަޤީޤަތް އޮޅި، މިކަމަކީ ހުއްދަ ކަމެއްކަމަށް ހީވާ ހިސާބަށް މިކަންވަނީ ގޮސްފައެވެ. އަދި ޣީބަ ބުނެވޭ ހިނދުވެސް އެއީ މާބޮޑުކަމަކަށް ނުހަދައި، އެންމެންވެސް ކޮށްލާ އާދައިގެކަމެއް ކަމަށް ދެކޭ ދަރަޖައަށް މިއަދު މިކަން، މުޖުތަމަޢުތަކުގައި ވަނީ ފެތުރިފައެވެ. މިއަދުގެ ޙާލަތަށް ބަލާއިރު މިކަމުގެ ނުބައިކަމުން ސަލާމަތް ވެވެނީ ﷲގެ ރަހުމަތުން މިދީނުގައި ޘާބިތުވެގެން ހުރި މީހަކަށެވެ. އަދި އެއީ މަދު އިނގިލި ތަކަކުން ގުނާލެވޭހާ މަދު ބަޔެކެވެ. 

މިކަމުގެ ނުބައި ކަމާއި, މިކަމުގެ ސުންޕާކަން އެނގިހުރެ ޢީބަބުނާ ބަޔަކީ، ބަލިކަށި، ފިނޑި،ބައެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި އީމާންކަން ބަލިކަށި ވެފައިވާ ބައެއްގެ މެދުގައި މެނުވީ މިކަން ފެތުރިގެން ނުދާނެއެވެ. އެކަމަކީ މީސްތަކުންގެ އަބުރު ވެއްޔާ މޮޑެލާ ކަމެކެވެ. އަދި އެކަަމަކީ ތިބާގެ އަޚާގެ ޙައްޤު ނިގުޅައިގަނެ އެއަޚާއަށް ދެވޭ ބޮޑު، އަނިޔާއަކަށް ނޫނީ ނުވާނެއެވެ. އަދި އެކަމަކީ ﷲ ތަޢާލާ ޙުރުމަތް ތެރި ކުރެއްވި ނަފްސެއްގެ އަބުރަށް ދެވޭ ގެއްލުމެކެވެ. މިކަމުގެ ހުރި ނުބައިކަމުގެ ސަބަބުން އިސްލާމް ދީނުގައި ވަނީ ޣީބަބުނުން ބޮޑުވެގެންވާ ފަފާއެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އަދި ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ މިކަމަކީ އެމީހެއްގެ އަޚާގެ، މަސް މުޅަކޮށްގެން ކެއުން ކަމުގައި ސިފަ ކުރައްވާފައެވެ. އެކަލާންގެ ވަޙީ ކުރައްވާ ފައި ވެއެވެ. 

﴿ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ لحجرات:(12) 

މާނަ: "އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ."  

މިއާޔަތުން މިކަމުގެ ނުބައި ކަމާއި، އެކަން ކުރާ މީހާ އެކުރަނީ ކިހާ ނުބައިވެގެންވާ ހުތުރު ޢަމަލެއްކަން އެނގިގެން ދެއެވެ. މިކަމާ ގުޅިގެން އައިސްފައިވާ ވަޢީދުގެ ބަސްފުޅުތަކުގެ ވަރުގަދަކަން މިކަމުގެ ހުރި ބިރުވެރިކަމާއި، ނުބައިކަމުގެ ހެއްކަކަށް ފުދެއެވެ. 

އަދި އަނަސް ގެ ފާނުގެ ކިބައިން ރިވާވެގެންވާ ހަދީޘް ބަސްފުޅެއްގައި ވެއެވެ. رسول الله صلى الله عليه و سلم ޙަދީޘް ކުރެއްވިއެވެ.  

((لما عُرج بي إلى السماء مررت بقوم لهم أظفار من نحاس يخمشون بها وجوههم وصدورهم، فقلت: مَنْ هؤلاء يا جبريل؟! قال: هؤلاء الذين يأكلون لحوم الناس ويقعون في أعراضهم )). 

މާނަޢީ : "ތިމަން ކަލޭގެފާނު މިޢުރާޖަށް އުޑަށް އަރައި ވަޑައިގެންނެވުނު ހިނދު، ލޮއިން ހެދިފައިވާ ނިޔަފަތި ތަކެއްގެވެރި ބައެއްގެ ކައިރިން ތިމަން ކަލޭގެފާނު ހިންގަވައި ވަޑައިގަތީމެވެ. އެބައިމީހުންގެ ނިޔަފަތިތަކުން އެބައި މީހުންގެ މޫނު ތަކުގައްޔާއި، މޭތަކުގައި އަޅުވައި، ދަމަމުން ދިޔައެވެ. އެހިނދު ތިމަން ކަލޭގެފާނު ދެއްނެވީމެވެ. އޭ ޖިބްރީލް އެވެ. އެއީ ކޮން ބަޔެއްތޯއެވެ؟. ވިދާޅުވިއެވެ. އެބައިމީހުންނީ މީސްތަކުންގެ މަސްކައި، މީސްތަކުންގެ އަބުރަށް އަރައި އުޅުނު މީހުންނެވެ." 

(ސުނަން އަބީ ދާވޫދު، ކިތާބުލް އަދަބް، ޙަދީޘް ނަންބަރ : 4878).

 

- ޝައިޚް އަހްމަތު ޚާލިދުގެ ލިޔުއްވުމަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް