އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިހެއުމާ ގުޅިގެން ފަލަވުމުން އެއްދާންކުރުމުން މަޙްރޫމްކޮށްފަ އެތައް ދުވަހެއްވަންދެން ބެހެއްޓި އަންހެނެއްގެ އިޙްޞާޞްތަކާ އޭނާގެ އިލްތިމާސް-

ވިހެއުމާ ގުޅިގެން ފަލަވުމުން އެއްދާންކުރުމުން މަޙްރޫމްކޮށްފަ އެތައް ދުވަހެއްވަންދެން ބެހެއްޓި އަންހެނެއްގެ އިޙްޞާޞްތަކާ އޭނާގެ އިލްތިމާސް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 1 ސިކުންތު

ޒަވާޖީ ހަޔާތަކަށް ފަށަންވާނީ ކައިވެނިކުރާއިރު ތިބޭ ސިފައަށް ބަދަލެއް ނައިސް އަބަދު އެއް ސިފައަކަށް ތިބެވޭނެ ކަމަކަށް ނޫނެވެ. ލަހުން ވިޔަސް އަވަހަށް ވިޔަސް އަބަދުވެސް ދާނީ ސިފައަށް ބަދަލުތައް އަންނަމުންނެވެ. ބަލިވެސްވާނެއެވެ. އެހެން ކަންކަންވެސް މެދުވެރިވާނެއެވެ. ސިފައަށް އަވަހަށް ބަދަލު އައިސްފާނެ އެތައް ކަމެއް މެދުވެރިވާނެއެވެ. 

މިކަންކަން ޤަބޫލުނުކުރާނަމަ އެމީހަކީ ވިސްނުން ފުރިހަމަ މީހަކަށްވެސް ނުވާނެއެވެ. އަދި ކުރިމަތިކަމަކުން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް ބައިވެރިޔާގެ ސިފައަށް ބަދަލުއަތުވެއްޖެނަމަ ފޫހިވެ އަނިޔާވެރިވާ މީހުންނަކީ އެމީހުންގެ ހިތުގައި އަނެކާއަށް އެއްވެސް ރަޙުމެއް ކުލުނެއް އޮންނަ ބައެއް ކަމަކަށް ނުބެލެވޭނެއެވެ. ވާނީ އަނިޔާވެރިންނަށެވެ. 

ތިރީގައި އެވަނީ އެފަދަ ގޮތަކުން އަނިޔާލިބުނު އަންހެނެއްގެ އިޙްޞާޞްތަކެވެ.  

އަޅުގަނޑަށްވެސް ކުރިމަތިވީ ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވާ މައްސަލައެކެވެ. ވިހެއުމާއި ގުލިގެން ފަލަވެ ހަށިގަނޑުގެ ބަރުދަން އިތުރުވެ ސިފައަށްވެސް ބަދަލު އައީއެވެ. ނަތީޖާއަކަށްވީ ފިރިމީހާ އަޅުގަނޑުދެކެ ފޫހިވެ އަޅުގަނޑާއިއެކު ވަގުތު ހޭދަކުރަން ބޭނުމެއް ނުވުމެވެ. 

އަޅުގަނޑު ގޮވައިގެން ބޭރަށްދާން ވެސް ބޭނުމެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެކުގައި ރޭކުރަންވެސް ބޭނުމެއް ނުވެއެވެ. އެގޮތަށް ކަންކަން ނުކޮށް އަޅުގަނޑުދެކެ ކުރިންވީފަދައިން ލޯބިވެދިނުމަށް އެދިއްޖެނަމަ ސުވާލުކުރާނީ އަޅުގަނޑު މިހާރު ހުރި ސިފަ އަޅުގަނޑަށް ނުފެނޭތޯއެވެ؟ 

އަޅުގަނޑު ކަސްރަތުވެސް ކުރަމެވެ. ކެއުންވެސް ކޮންޓްރޯލްކޮށް ބަދަލުކުރީމެވެ. ނަމަވެސް ހަށިގަނޑަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ވީމާ އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެގެން ހުރީއެވެ. 

އަޅުގަނޑަކީ 23 އަހަރުގެ ޒުވާން އަންހެނަކީމެވެ. ވީމާ ހަށިގަނޑުގެ ސިފައަށް ބަދަލު އައިނަމަވެސް ހުރިހާ އުފާތަކަކުން މަޙްރޫމްވެގެން ހުންނާކަށް ހިތް ޤަބޫލެއް ނުކުރެއެވެ. އެހެންވެ އެއްދާން ނުކުރާތާ 5 މަސްވުމުން ފިރިމީހާ ގާތު ބުނީމެވެ. "އަހަރެން ބަލިވެ އިނީ އަހަރެން އެކަނި ކުރިކަމަކުން ނޫނެވެ. ތިއަ ހެދި ގޮތަކީ ބަތްތަށްޓަށް މިރުސްފިތީމާ ކުޅިވުމުން މިރުސް ކުށްވެރިކުރީއެވެ. އެކިމިރުސް ކުޅިވާނީ އެކިވަރަށެވެ. ކުޅި މިރުހެއް ބޮޑަށް ފިތިއްޖެނަމަ ކުޅިވާވަރު އިތުރުވާނެއެވެ. އެއީ މިރުހުގެ މައްސަލައެއް ހެއްޔެވެ؟ 

ހަމަ އެގޮތަށް ވިހެއުމުން އަނހެނުންގެ ހަށިގަނޑަށް ބަދަލު އަންނާނީ އެކިވަރަށެވެ. ދަރިން ހޯދަނީ ދެމީހުން ބޭނުންވެގެންނެވެ. ވިހެއުމުން ފަލަވުމާއި ނުވުމަކީ އަންހެން މީހާގެ ބާރުގެދަށުގައި އޮންނަ ކަމެއް ނޫނެވެ. އަހަރެން ފަލަވީއެވެ. ހިކެން އެބަ މަސައްކަތްކުރަމެވެ. ހިކުމަކީ އަހަރެންނަށް ބާރުފޯރުވޭކަމެއް ނޫނެވެ." 

އަދި ބޭނުން ނެތްނަމަ ހިތްދަތިކުރަން ނުބަހައްޓައި ވަރިކޮށްދިނުމަށް އެދުނީމެވެ. ފިރިމީހާ ބުނީ ވަރިކުރަން ބޭނުން ނޫން ކަމަށެވެ. ކުރިން ހުރި ސިފަ އަލުން ހޯދުމަށެވެ. 

އެއްދާން ނުކުރާތާ 8 މަސްވުމުން ކޯޓަށް ދިއައީމެވެ. ކޯޓުން ވަރަށް ފަސޭހައި ވަރިކޮށްދީފިއެވެ. އެއިރު އަޅުގަނޑުހުރީ ވަޒީފާއެއްވެސް ހޯދައިގެންނެވެ. ދިއައީ އޮންލައިންކޮށް މަސައްކަތްކުރަމުންނެވެ. ވަރިކުރުމުން ނުކުމެގެންދާނެ ކޮޓަރިއެއްވެސް ހުރީ ކުއްޔަށް ހިފައިގެންނެވެ. އެކަން ފިރިމީހާއަށް ނުއެނގޭތީ އޭނާ ހީކޮށްގެން ހުރީ އަޅުގަނޑަށް ވަރިވާން ނުކެރޭނެ ކަމަށެވެ. 

ވަރިވުމަށްފަހު ކަސްރަތުކުރުމަށްވެސް އެހައި ބޮޑު ސަމާލުކަމެއް ނުދެމެވެ. ބޭނުންވީ އަޅުގަނޑުގެ ސިފައަށް ރުހި ލޯބިވާނެ މީހަކާއި ބައްދަލުވުމަށެވެ. އެކަނި ހުންނަން ޖެހުނީ އެންމެ 4 މަސްދުވަހުއެވެ. ލޯބިވެގެން ކައިވެނިކުރަން ބޭނުންވި މީހަކާއި މިހުރީ ކައިވެނިކޮށްގެންނެވެ. އޭނާ އަޅުގަނޑު ދެކެ އިންތިހާއަށް ލޯބިވެއެވެ. އަޅައިލުންވެސްދެއެވެ. ފަރުވާވެސް ބަހައްޓައެވެ. 

އަޅުގަނޑުގެ ބޭރުފުށުގެ ސިފައިގެ ވާހަކަ އެއް އޭނާ ނުވެސްދައްކައެވެ. ގެއަށް ވަނުމާއިއެކު ސުވާލުކުރާނީ ނަމާދުކޮށްފިންތޯއެވެ؟ ޤުރްއާނުން މިންވަރެއް ކިޔެވިންތޯއެވެ؟ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ފިރިހެނުންނަށް ބުނެލަން އޮތީ ވިހެއުމާއި ގުޅިގެން ނަމަވެސް އަދި އެހެންވެސް ސަބަބެއް މެދުވެރިވެގެން އަނބިމީހާގެ ބޭރުފުށުގެ ސިފައަށް ބަދަލެއް އައިސްގެން އަނބިމީހާ ބާކީކޮށްލާނަމަ ތިއައީ އެއްވެސް ވަރަކަށް އިންސާނިއްޔަތުކަންހުރި ބައެއް ނޫނެވެ. ކަލޭމެން ތިއަ ހީކުރަނީ އަބަދު އެއްސިފައެއްގައި ކަލޭމެންނަށް ތިބެވޭނެ ކަމަށް ހެއްޔެވެ؟ އެހެންކަމަށްވާނަމަ ކަލޭމެންގެ ވިސްނުމުގައި މައްސަލައެއް އެބައުޅޭ ނޫންހެއްޔެވެ؟ 

އަންހެނުންނަށް ބުނެލަން އޮތީ  މިބާވަތުގެ އަނިޔާއަށް ކެތްތެރިވާން ޢުމުރުގެ ދުވަސްތައް ބޭކާރުނުކުރާށެވެ! އުފާވެރިކަން ލިބޭނީ ހޯދަން މަސައްކަތްކުރުމުންނެވެ. 

- ޖަމްޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް