އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: މިއީ އެކަނި ދަރިންބަލާ ހިތްވަރުގަދަ މައިން ކޮންމެހެންވެސް ޢިބްރަތް ޙާޞިލްކުރަންޖެހޭނެ އަސަރުގަދަ ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: މިއީ އެކަނި ދަރިންބަލާ ހިތްވަރުގަދަ މައިން ކޮންމެހެންވެސް ޢިބްރަތް ޙާޞިލްކުރަންޖެހޭނެ އަސަރުގަދަ ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

އަންހެނަކު އެކަނި ދަރިފުޅު ނުވަތަ ދަރިން ބެލުމަކީ ކިހައިވަރެއްގެ ބުރަކަމެއްކަން އެނގޭނީ އެފަދަ ކަމެއް ތަޖުރިބާކުރަންޖެހުމުންނެވެ. ޚަރަދުކުރާނެ ފައިސާ ޙަލާލު ގޮތުގައި ހޯދުމަށްޓަކައި ވަޒީފާއަދާކުރަމުން އެކަނި ކުދިން ބެލުމަކީ ވަރަށް ހިތްވަރުގަދަ މައަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ! 

އެހެންކަމާއިއެކުގައި ވެސް މިވާހަކައިގައި ކިޔުންތެރިޔާ ފާހަގަކުރައްވާފައިއެވާ މައްސަލައަކީވެސް ޙައްލުކުރަން މަސައްކަތްކުރަންޖެހޭނެ މައްސަލައެކެވެ. ވިސްނުންތެރިކަމާއިއެކު ވާހަކަ ވިދާޅުވެލައްވާށެވެ! 

ދުނިޔެ ދުނިޔެއަކަށްވެގެންދަނީ މައްސަލަތަކަކާއިވެސް އެކުގައެވެ. މައްސަލަތައް ކުރިމަތިނުވާނަމަ ދުނިޔެއަކީ ދުނިޔެއަކަށްނުވާނެއެވެ. ނަމަވެސް އަޅުގަނޑަށް ކުރިމަތިލާން ޖެހުނު މައްސަލަތައް ވަރަށް ތަފާތެވެ. މިކިޔައިދެނީ އަޅުގަނޑަށް ހިތްދަތިކަން ލިބުނު ސަބަބުގެ ވާހަކައެވެ.  

ކޮންމެއަކަސް ފުރަތަމަ ދަރިފުޅު ލިބި 4 މަސް ނުވަނީސް ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ފިލައިފިއެވެ. ފިލީ އަތުގައި ހުރި ފައިސާކޮޅުވެސް ވަގަށް ނަގައިގެންނެވެ. އެހެންކަމާއިއެކުގައިވެސް ހިތްވަރުކޮށްލާފައި މަސައްކަތްކުރީ ރަނގަޅު ދިރިއުޅުމެއް އުޅުމަށެވެ. 

ވަޒީފާއެއް ހޯދީމެވެ. ރަނގަޅު މުސާރަވެސް ލިބުނެވެ. ދަރިފުޅަށް ބޭނުންވާހައި އެއްޗެއް ހޯދައިދިނީމެވެ. އެހެންކަމުން ދަރިފުޅާއިއެކު ހޭދަކުރެވުނު ވަގުތު ވަރަށް މަދެވެ. ދަރިފުޅު ބެލެހެއްޓީ ގޭގައި އެކަމަށް ގެންގުޅުނު އަންހެނެކެވެ. 

އެކަނިވެރިމައެއްގެ ގޮތުގައި 12 އަހަރުހުރީމެވެ. އެއީ ދަރިފުޅަށް އެކަނި އުޅެވޭވަރަށް ބޮޑުވަންދެންނެވެ. އެހިސާބުން ދެވަނަ ކައިވެނިކުރީމެވެ. އަދި ފިރިއެއްގެ އެހީތެރިކަން ލިބިގެން އުޅެންފެށީމެވެ. އަދި ކުރިއަށްވުރެވެސް ރަނގަޅަށް ދަރިފުޅަށް ކަންކަން ކޮށްދެމުން ގެންދިއައީމެވެ. 

ހިތްދަތިކަން ކުރިމަތިވާންފެށީ ދަރިފުޅު ބޮޑުވެ ކައިވެނިކުރި ހިސާބުންނެވެ. އޭނާދެކެ ލޯބިވާ ފިރިއަކު އޭނާއަށް ލޯބިދޭން ފެށުމުންނެވެ. ފިރިމީހާގެ ލޯބި ލިބެންފެށުމުން އޭނާގެ ހިތުގައި ހުރި އުދާސްތައް ބޭރުކުރަން ފެށުމުންނެވެ. 

އެހައިވަރުން އެކަނި ގެންގުޅެ ބޮޑުކުރި ދަރިފުޅު އަޅުގަނޑަށް އިޙްތިރާމެއް ނުކުރެއެވެ. އަޅުގަނޑުދެކެ ލޯތްބެއް ނުވެއެވެ. ޖެއްސުމުގެ ބަސްތައް ބުނެއެވެ. އެކަންކަމަށް ކެތްނުކުރެވިގެން އެއްދުވަހަކު ސުވާލުކުރީމެވެ. "ދަރިފުޅާއެވެ! ތިއަ ގޮތަށް ތިއަ ކަންތައްކުރަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ދަރިފުޅަށް ކޮން ކަމެއް ކޮށްނުދޭތީހެއްޔެވެ؟" 

ދަރިފުޅުގެ ޖަވާބަކަށްވީ "މަންމާއެވެ! އަޅުގަނޑަށް މަންމަ ހުރިހާ ކަމެއްވެސް ކޮށްދިނެވެ. ނަމަވެސް އަޅުގަނޑު އެންމެ ބޭނުންވިކަންތައް ކޮށެއް ނުދެވުނެވެ. އަޅުގަނޑަށް އެއްޗެތިދިނެވެ. ކަންކަން ކޮށްދިނެވެ. ކިޔަވައިވެސް ދިނެވެ. ނަމަވެސް އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވި ލޯބިދޭން ކުރީ ކޮންކަމެއްހެއްޔެވެ؟ އަޅުގަނޑާއިއެކު ވަގުތުކޮޅެއް ހޭދަކުރީ ކޮން ދުވަހަކުހެއްޔެވެ؟ އަޅުގަނޑަށް ބޮޑުވާންޖެހުނީ ހަމައެކަނި އައިސާފުޅާއެކުގައި ނޫންހެއްޔެވެ؟ 

މަންމާއެވެ! ޙަޤީޤަތުގައި މަންމަދެކެ ރުޅިއެއް ނާދެއެވެ! ނަމަވެސް ލޯބިނުވެވެނީއެވެ! އެއީ މަންމަ އަޅުގަނޑަށް ލޯބިނުދޭތީވެފައި އޮތް ކަމެކެވެ. ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނަމެވެ. އަޅުގަނޑަށް ގޯސްކޮށް ކުރެވޭ ކަންކަމަށް މާފުކުރާށެވެ!"   

ޖަވާބުގައި ބުނެވޭނެ އެއްޗެއް ނެތެވެ. ދަރިފުޅު އެދެއްކީ ހަމަ ވަރަށް ރަނގަޅުވާހަކައެވެ. ހެނދުނު އޮފީހަށްދާގޮތަށް ގެއަށް އާދެވެނީ ރޭގަނޑުއެވެ. އެއިރު ދަރިފުޅު އޮންނަނީ ނިދާފައެވެ. ދެމައިން  ބައްދަލެއް ނުވެއެވެ. އެހައިބުރަކޮށް މަސައްކަތްކުރީ ދަރިފުޅަށް ޚަރަދުކުރާނެ ފައިސާ ހޯދާށެވެ. ބައްޕަ ނެތް ނަމަވެސް އެއްވެސް ކަމަކަށް ދަތިވިއަ ނުދިނުމަށެވެ. 

ހެޔޮ ނިޔަތުގައި ކުރެވޭ ކަންކަމަށް ރަޙްމަތް ލައްވަވާނެކަމަށް އޮންނަ އުޞޫލުން އަޅުގަނޑުވެސް ކަންކަން ކުރީ ހެޔޮ ނިޔަތުގައިކަމަށްވުމުން ކަންކަން ބަދަލުވިއެވެ. ވަރަށް ގިނަ ދުވަހުންނެވެ. 3، 4 އަހަރު ފަހުންނެވެ. އެ ދުވަސްތަކުގައި ޖެހުނީ އަބަދު ރޮއިރޮއި އިންނާށެވެ. އެދުވަސްތަކުގައި އަޅުގަނޑަށް ކުރަންޖެހުނު ފަދަ ހިތާމައެއް އެއްވެސް މައަކަށް ކުރަން ނުޖެއްސެވުން އެދި ދުޢާކުރަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑަށް ކަންކަން މެދުވެރިވިގޮތާއިމެދު ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ވިސްނައިލުން ރަނގަޅުވާނެއެވެ. ދަރިންނަށް ބޭނުންވަނީ ހަމައެކަނި ކުޅޭ އެއްޗެއްސެއް ނޫނެވެ. ރީތި ހެދުމާއި އަގުބޮޑު ގަހަނާތަކެއްވެސް ނޫނެވެ. އެފަދަ ހުރިހާ ކަމަކަށްވުރެ މައިންބަފައިންގެ ލޯބި މާބޮޑަށް ބޭނުންވެއެވެ. 

- މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް