އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތިޙާލެއް މުދެވެރިކުރައްވަވައިފިނަމަ ކަންބޮޑުނުވާތި! މިޙަދީޘްފުޅުން އެކަނިވެސް ދަތިޙާލަށް ކެތްތެރިވުމުގެ މުހިންމުކަން އެނގޭނެ! އިން ޝާ ﷲ

ދަތިޙާލެއް މުދެވެރިކުރައްވަވައިފިނަމަ ކަންބޮޑުނުވާތި! މިޙަދީޘްފުޅުން އެކަނިވެސް ދަތިޙާލަށް ކެތްތެރިވުމުގެ މުހިންމުކަން އެނގޭނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އަބޫހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

ތިމަންމެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދަތުރެއްގައި ވީމެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، މީސްތަކުންގެ ކޮއްތު ހުސްވާން ގާތްވިއެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. އެބައިމީހުންގެ ތަކެތި އުފުލަން ގެންގުޅޭ ޖަމަލުތަކުން ބައެއް ކަތިލަން ޤަސްދުކޮށްފުމަށް ދާންދެނެވެ. ޙަދީޘްކުރެއްވިއެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، ޢުމަރުގެފާނު ވިދާޅުވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ކޮއްތުގެ ތެރެއިން ބާކީ ހުރި އެއްޗެއް އެއްކުރައްވާ، (އޭގައި ބަރަކާތްލެއްވުން އެދި) ﷲ ގެ ޙަޟްރަތަށް ކަލޭގެފާނު ދުޢާ ދަންނަވައިދެއްވާނެނަމައެވެ." (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނު އެފަދައިން ކަންތައް ކުރެއްވިއެވެ.

(ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، ގޮދަން ހުރި މީހުން ގޮދަން ހިފައިގެން އައެވެ. އަދި ކަދުރު ހުރި މީހުން ކަދުރު ހިފައިގެން އައެވެ. (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. އަދި މުޖާހިދު ވިދާޅުވިއެވެ. އަދި ކަދުރު އޮށް ހުރި މީހުން އޮށް ހިފައިގެން އައެވެ. ތިމަން (އެބަހީ: ޙަދީޘް ރިވާކުރެއްވި ރާވީ) ދެންނެވީމެވެ. ކަދުރު އޮށުން ކުރަނީ ކީއް ހެއްޔެވެ؟ ވިދާޅުވިއެވެ. އެ ބުޔުމަށްފަހު ފެން ބޮޔެއެވެ. ވިދާޅުވިއެވެ. ފަހެ، މީސްތަކުންގެ ކޮއްތު ފުރެންދެން، އެތަކެއްޗަށް ދުޢާކޮށްދެއްވިއެވެ. ވިދާޅުވިއެވެ. ފަހެ، އެވަގުތު ޙަދީޘްކުރެއްވިއެވެ. "ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާއެވެ. މިދެކަލިމައާމެދު ޝައްކުކުރުމެއް ނެތި، އަޅަކު ﷲ އާ ބައްދަލުކޮށްފިނަމަ، އޭނާ ސުވަރުގެއަށް ވައްދަވާނެއެވެ".

މިޙަދީޘްފުޅުން އެނގިގެން މިދަނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ބައިވެރިވެވަޑައިގެންނެވި ދަތުރެއްގެ މަތީގައި ކާބޯތަކެތި ހުސްވެ ފަރިއްކުޅުއްވަވާނެ އެއްޗެއް ނެތިގެން ކަދުރުއޮށުގައި ޞަޙާބީން ދޫލައްވަވައި ފެންފޮފޮދެއް ހިއްޕެވިކަމެވެ. މިއީ މިއަދު އެންމެ ބޮޑަށް ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނަށްވެސް ޢާންމުގޮތެއްގައި ކުރިމަތިވާނެ ޙާލަތެއް ނޫނެވެ.

މިއަދު މިފެންނަނީ ކިރިޔާ ކަމަކަށް ދަތިވެލި ނަމަވެސް ނުކުމެ ވައްކަންކުރާތަނެވެ. ފޭރޭތަނެވެ. ހަށިވިއްކާތަނެވެ. އެމީހާ ޢާންމުކޮށް ބޭނުންކުރާ މަރުކާގެ ތަކެތި ނުލިބުމުންވެސް މިފަދަ ކަންކަން އެބަކުރެއެވެ. އެއާކޯން ހިންގައި ކަރަންޓް ބިލް ބޮޑުވުމުން އެކަންކަން އެބަކުރެއެވެ. މިހެން ގޮސް ކިތަންމެ ބައިވަރު މިސާލެއްވެސް ދެއްކިދާނެއެވެ.

މިޙަދީޘްފުޅުން އެނގޭ އަނެއްކަމަކީ އެފަދަ ދަތިޙާލުގައި ޞަޙާބީން އުޅުއްވެވީ ރަސޫލް ﷺ އެދަތުރުފުޅުގެމަތީގައި އެބޭކަލުންނާއިއެކުގައިވެވަޑައިގަންނަވަނިކޮށް ކަމެވެ. އެހެންކަމާއިއެކުވެސް މޫސާގެފާނުގެ ޤައުމުގެ މީހުން ފަދައިން އެބޭކަލުން ކާބޯތަކެއްޗަށް އެދިވަޑައެއް ނުގަންނަވައެވެ.

ރަސޫލް ﷺ ދުޢާކުރެއްވެވިނަމަ އެޙާލަތުން ސަލާމަތްވީހެވެ. ދެން އެހެން ގޮތެއް ނެތުމުން ޢުމަރުގެފާނު އެކަމަށް އެދިވަޑައިގެންނެވުމުން މުޢްޖިޒާތް މިންވަރުކުރައްވަވައި ރިޒްޤް ދެއްވެވިކަން ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ.

ދެން ފާހަގަކޮށްލައްވަންވީ ޢުމަރުގެފާނު އެކަމަށް އެދިވަޑައިގަންނަވަން ވިދާޅުވި ރިވެތި ބަސްފުޅެވެ. "އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ކޮއްތުގެ ތެރެއިން ބާކީ ހުރި އެއްޗެއް އެއްކުރައްވާ، (އޭގައި ބަރަކާތްލެއްވުން އެދި) ﷲ ގެ ޙަޟްރަތަށް ކަލޭގެފާނު ދުޢާ ދަންނަވައިދެއްވާނެނަމައެވެ."

މިއަދު އަހަރެމެން މިއުޅެނީ ދުޢާކުރާއިރަށް އެކަމެއް ވަގުތުން ޢިޖާބަ ނުވިނަމަ ލަސްވެކަންބޮޑުވެގެންނެވެ. ތިމާކުރަންބޭނުންކަމެއް ވަގުތުން ނުވިނަމަ ހޯދުނު ގޮތަކަސް ފައިސާ ހޯދަނީއެވެ. އާޚިރަތް ދުވަސް އަންނާނެކަން ހަނދާނުގައިވެސް ނުހުރެއެވެ.

އެބޭކަލުންގެ ކިބައިގައި ހުރި ކެތްތެރިކަން ނިކަން ދެކިބަލާށެވެ. އަހަރެމެންވެސް ދާން މި މަސައްކަތްކުރަނީ ސުވަރުގެއެވެ. ކެތްތެރިކަމެއް ނެތި ފާފަތަކަށް އަރައިގަންނަ ނަމަ ސުވަރުގެ ވައްދަވާނީ ކިހިނަކުން ހެއްޔެވެ؟ ވިސްނައިލާށެވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް