އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންގެ ސަމާލުކަމަށް: ކުޑަކުދިންގެ ހިތްތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން އަށަގެންނެވުމަށްޓަކައި ރަސޫލު ޞޢޥ ކުރެއްވެވި ބައެއްކަންކަން-

މައިންބަފައިންގެ ސަމާލުކަމަށް: ކުޑަކުދިންގެ ހިތްތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން އަށަގެންނެވުމަށްޓަކައި ރަސޫލު ޞޢޥ ކުރެއްވެވި ބައެއްކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 59 ސިކުންތު

ކުޑަކުދިންގެ ހިތްތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން އަށަގެންނެވުމަށްޓަކައި ރަސޫލުﷲ صلى الله عليه و سلم ކުރެއްވި ބައެއްކަންކަން: 

މިގޮތުން މާތް ނަބިއްޔާ صلى الله عليه و سلم އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ އަށް ކުރެއްވި ވަޞިއްޔަތް ފާހަގަކުރެވެއެވެ. އޭރު އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާއަކީ ބާލިޣުވެވަޑައިނުގަންނަވާ ކުޑަކުއްޖެކެވެ. އެކަލޭގެފާނަށް ކުރެއްވި ވަޞިއްޔަތުގައި ޢާޤީދާގެ ކަންތައް ވަރަށްބޮޑަށް ހިމެނިފައިވެއެވެ. ޢަޤީދާގެ ކަލިމަ ތަކާއި އޭގެ މާނަތައް ހިމެނިގެންވެއެވެ. ތަޥްޙީދާއި އަދަބުތަކުގެ އަޞްލުތައް ހިމެނިގެންވެއެވެ. 

عَنْ ابْنِ عَبَّاسٍ قَالَ : كُنْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فَقَالَ : (  يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ ، إِذَا سَأَلْتَ فَاسْأَلْ اللَّهَ ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتْ الْأَقْلَامُ وَجَفَّتْ الصُّحُفُ  ) رواه الترمذي ( 2516 ) وصححه الألباني في صحيح الترمذي  ” . 

މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ.  އެއްދުވަހަކު މާތް ނަބިއްޔާ صلى الله عليه و سلم ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިމަންކަލޭގެފާނު ދަރިފުޅަށް ބަސްތަކެއް ދަސްކޮށެދެއްވާހުށީމެވެ. ދަރިފުޅު ﷲ އަށް ރައްކާތެރިވާށެވެ. ( އެބަހީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވާށެވެ. ) އޭރުން ﷲ ތިބާ ރައްކަތެރިކުރައްވާނެއެވެ. ( އެބަހީ އޭނާގެ ދީނާއި އޭނާގެ ދުނިޔެވީ ދިރއުޅުމާއި ހަށިގަނޑުވެސްމެވެ. ) އޭރުން ތިބާގެ ކުރިމަތީގައި ﷲ ވާފަދައެވެ. ( އެބަހީ އަބަދުވެސް އެދޭ އެދުމެއް ފުއްދަވައިދެއްވާނެއެވެ. ) ތިބާ ކަމަކަށް އެދޭނަމަ ﷲ ގެ ހަޟުރަތުން އެދޭށެވެ. އަދި ތިބާ މަދަދާއި ވާތްގަށް އެދޭނަމަ ﷲ ގެ ހަޟުރަތުން މަދަދާއި ވާތްގަށް އެދޭށެވެ. އަދި ތިބާ ދަންނާށެވެ. މުޅި އުއްމަތް އެއްވެގެން  ތިބާއަށް މަންފާއެއް ހޯދައިދޭން މަސައްކަތްކުރިޔަސް ﷲ ތިބާޔަށްޓަކައި ލިޔުއްވާފައިވާ ކަމެއްމެނުވީ ތިބާޔަކަށް ނުލިބޭނެއެވެ. އަދި އެ އެންމެން އެއްވެގެން ތިބާޔަށް ގެއްލުމެއްދޭން މަސައްކަތްކުރިޔަސް ﷲ ތިބާގެމައްޗަށް ލިޔުއްވާފައިނުވާ ގެއްލުމެއް އެބައިމީހުންނަކަށް ނުދެވޭނެއެވެ. ﷲ ތަޢާލާ ( ލަޥްޙުލް މަޙްފޫޡުގައި ) ލިޔުއްވި ލިޔުއްވުން ނިމި ގަލަން އުފުލިއްޖެއެވެ. އަދި ޞަފްޙާތައް ހިކިއްޖެއެވެ. ( އެބަހީ އެއިލާހުގެ ނިންމެވުމަކަށް ބަދަލެއްނާންނެއެވެ. ) 

وفي رواية غير الترمذي: ” احفظ الله تجده أمامك، تعرّف إلى الله في الرخاء يعرفك في الشدة، واعلم أن ما أخطأك لم يكن ليصيبك، وما أصابك لم يكن ليخطئك، واعلم أن النصر مع الصبر، وأن الفرج مع الكرب، وأن مع العسر يسراً “.

 

މާނައީ: އަދި ( ތިރްމިޒީގެ ރިވާޔަތްނޫން  ) އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. " ތިބާ ﷲ އަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާގެ ކުރިމަތީގައި ވާފަދައެވެ. އަދި ތިބާ ހެޔޮޙާލުގައި ފުރިހަމަ ޞިއްޙަތުގައިވާއިރު ﷲ ގެ ޙައްޤުތައް އަދާކުރާށެވެ. އޭރުން ތިބާ ދަތިޙާލުގައި ބަލިޙާލުގައި އޮންނައިރު ﷲ އެކަން ދެނެވޮޑިގެންވާނެއެވެ. އަދި ތިބާއަށް ދިމާވާ ކަންތައްތައް ތިބާއަކަށް ދުރުކޮށްނުލެވޭނެއެވެ. އަދި ތިބާއަށް ނުލިބި އޮތްކަމެއް ތިބާއަށް ހޯދައިވެސް ނުގަނެވޭނެއެވެ. ( އެބަހީ ކޮންމެ ކަމެއްވެސް ވަނީ ﷲ ތަޢާލާ ޤަރަދުކުރައްވައި ނިންމަވާފައެވެ. އެކަލާނގެ ޤަދަރުފުޅުގައިވާ ގޮތުގެ މަތިން ހުރިހާކަމެއްވެސްވާނެއެވެ. އެޔަކަށް ބަދަލެއް ނާންނާނެއެވެ. ) އަދި ނަޞްރުލިބުން ވަނީ ކެތްތެރިވުމާއެކީގައިކަން ދަންނާށެވެ. އަދި ސަލާމަތްވުން ވަނީ ދަތިއުނދަގުލަށްފަހުގައިކަން ދަންނާށެވެ. އަދި ހަމަކަށްވަރުން ދަތިކަމަކަށް ފަހު ލުއިފަސޭހަކަންއާދެއެވެ. "

 

ފަހެ މި ޙަދީޘްފުޅާއިމެދު ބަލައި ވިސްނައިފި ބޭފުޅަކަށް މިޙަދީޘްގެ ބައެއް ޖުމްލަތަކުގައި ފާޅުވަނިވިގޮތުގައި ހެޔޮކަންތައް ލިޔެވިގެންވާތީ ފެންނާނެއެވެ. އަދި އޭގެ ބައެއް ޖުމަލްތަކުގައި ވާގޮތަށް ޢަމަލުކުރުމުން ހެޔޮކަން ލާޒިމްވެގެން އަންނަ ފަދަ ޖުމްލަތަކެއްވެސް އެބަހުއްޓެވެ. އަދި ހެޔޮކަންތަކުގެ މައްޗަށް އެކުލެވިގެންވާ ޖުމްލަތައްވެސް އެބަހުއްޓެވެ. ފަހެ މި ޙަދީޘްގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުމަށް އަންގަވާފައިވެއެވެ. އަދި އެއިލާހު ނަހީކުރެއްވިކަންތައްތަކުން ދުރުހެލިވުމަށް އަންގަވާފައިވެއެވެ. އަދި މިކަންތަކަށް ރައްކާތެރިވެއްޖެ މީހަކު ﷲ ތަޢާލާ ރައްކާތެރިކޮށްދެއްވާނެކަންވެސް އަންގަވާފައިވެއެވެ. ﷲ ތަޢާލާ އެއިލާހުގެ އަޅުން ރައްކާތެރިކުރެއްވުމުގައި އެއަޅުންނަށް ހިދާޔަތުދެއްކެވުމާއި ދުނިޔެއާއި އާޚިރަތުގައި ހެޔޮލިބޭނެ ކަންކަމަށް އެއަޅުންނަށް މަގުދެއްކެވުން ހިމެނެއެވެ.

 

މާތް ނަބިއްޔާ صلى الله عليه و سلم ދެން މިހަދީޘްގައި ވަޞިއްޔަތްކުރައްވާފައިވަނީ ކަންކަމަށް އެދޭއިރާއި މަދަދާއި ވާތްގަށް އެދޭއިރު ﷲ ތަޢާލާގެ ޙަޟުރަތުން އެކަނި އެދުމަށެވެ. އަދި އެއަށްފަހު ކަންތައްތަކުގެ ޤަދަރުވަނީ ކަނޑައެޅުއްވިގެންކަން އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ހިތްޕުޅުގައި ބިންވަޅުނެންގެވިއެވެ. މިގޮތުން އެއްވެސް ހެވެއް އަދި ގެއްލުމެއްވެސް ލިބޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވީމާ ކަން ބަޔާންކޮށްދެއްވިއެވެ. އަދި އެންމެހާ މަޚްލޫޤާތްތައް ކަމެއްކޮށްދޭން އުޅުނަސް ﷲ ތަޢާލާ ނުލިޔުއްވާ ކަމެއް ކޮށްނުދެވޭނޭކަން ބަޔާންކުރެއްވިއެވެ.

 

އަދި މިޙަދީޘްއިން އެނގޭގޮތުގައި ހެޔޮޙާލުގައިވާއިރު ﷲ ތަޢާލާއަށް ކިޔަމަންވުމުގައި ދެމިހުންނަމީހާއަށް ނިކަމެތި ދަތިއުނދަގޫކަމެއް އައިސްޖެހޭވަގުތު އޭނާއަށް އެހީވުމަށްޓަކައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އަދި ކެއްތެރިވާމީހަކަށް ނަޞްރު ލިބޭނެކަން ބަޔާންވެގެންވެއެވެ. އަދި ދަތި އުނދަގޫތަކުގެ ނިމުން ވަނީ ސަލާމަތްވާނެގޮތެއް ފެނުމުގައިކަން ބަޔާންކުރައްވާފައިވެއެވެ. އަދި އުނދަގުލާއިއެކީ ފަސޭހަކަންވެސް އަންނަކަން ބަޔާންކުރައްވާފައިވެއެވެ.

 

ތަޥްޙީދަކީ ކޮބާ؟

 

ތަޥްޙީދަކީ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަކީ އެންމެ މުހިއްމުކަމެވެ. އަދި އަޞްލުތަކުގެ ތެރެއިން އެންމެ މުހިއްމު އަޞްލެވެ. މާތް ﷲ އެންމެހައި ރަސޫލުބޭކަލުން ފޮނުއްވައި، ފޮތްތައް ބާވައިލެއްވީ އެއިލާހު އެއްކައުވަންތަ ކުރުމަށްޓަކައެވެ. އަދި ޙައްޤުގޮތުގައި ﷲ އެއްކައުވަންތަކުރުމަކީ ދީނީގޮތުންނާއި ދުނިޔެވީގތޮތުންނާއި އަދި ކައްވަޅާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބިގެންދާކަމެވެ.

 

މިކަމަކީ މިހާ މުއްހިއްމު ކަމަކަށްވުމާއެކު އެންމެހާ ނަބީބޭކަލުންވެސް އެބޭކަލުންގެ ޙަޔާތުގެ ހުރިހާ މަރުޙަލާއެއްގައިވެސް މިކަމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ. އެބޭކަލުން ﷲ ތަޢާލާ މާތްކޮށް މަތިވެރިކުރިއެވެ. އެއިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތައް މާތްކޮށް މަތިވެރިކުރިއެވެ. އަދި ސިއްރާއި ފާޅުގައިވެސް ﷲ ތަޢާލާއަށް އެކަނި އަޅުކަންތައް ޚާލިޞްކުރިއެވެ. އެހެންކަމުން އެއިން ކޮންމެ ބޭކަލަކުވެސް ﷲ ތަޢާލާއަށް ޝިރުކުކޮށް އެއިލާހާއިއެކީ އެހެން އެއްވެސް ފަރާތަކަށް ދުޢާކުރުމާއި އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ދުޢާކުރުމުން ރައްކާތެރިވުމަށް އިންޒާރުކުރައްވައި އެފަދަމީހުންނަށް ހުރި ވަޢީދުގެ ޚަބަރުދެއްވިއެވެ. އެފަދަމީހުން ﷲ ތަޢާލާގެ މާތްކަމާމެދު އެއްވެސް ފަރުވާލެއްނުބަހައްޓައެވެ.

މި މަޤާމަކީ މީގެ ތަފްޞީލަށް ދާންއޮތް މަޤާމެއްކަމުގައި ނުދެކެވެ. އެހެން ނަމަވެސް މި މަޤާމުގައި ވާހަކަދައްކަން ޤަސްދުކުރަނީ ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ މުހިއްމުކަން ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމުގެ މުހިއްމުކަމާމެދުގައެވެ. ސަބަބަކީ މި ކަމަކީ ވަރަށް ގިނަ މީހުން އެކަމަކާމެދު ޣާފިލުވެފައިވާ ކަމަކަށްވާތީއެވެ. އަދި ބައެއްފަހަރު ރަނގަޅު ތަރުބިއްޔަތެއް ދޭން މަސައްކަތްކުރާ މީހުންވެސް ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ ޢިލްމު ކުދިންނަށް ބުނެނުދީ އިހުމާލުވެއެވެ. ބައެއްފަހަރު މަތިމަތިން ބަލާލާ މަޢުޟޫއެއްކަމުގައި މެނުވީ ނަހަދައެވެ. އެހެންނަމަވެސް ތަރުބިއްޔަތުގެ ބައެއް މަޢުޟޫޢުތަކުގައި އެބައިމީހުން ވަރަށްބޮޑަށް ވަދެގެންގޮސް އެޔަށް ގަދައަޅާތަން ފެނެއެވެ. މިގޮތުން ސުލޫކާއި އިޖުތިމާޢީ އަދަބުތަކާއި މަގުމަތީގެ އަދަބުތަކާއި ގޭގައި އުޅުމުގެ އަދަބުތަކާއި ޢާއިލާގެ ޙައްޤުތަކާއިމެދު ވަރަށް ބޮޑަށް ސަމާލުކަން ދޭތަން ފެނެއެވެ.

 

މީގެތެރޭގައި މައިންބަފައިންގެ ޙައްޤުތަކާއި ގާތްތިމާގެ މީހުންގެ ޙައްޤުތައްވެސް ހިމެނެއެވެ. މި ހުރިހާ ކަމަކީވެސް ހުސް ރަނގަޅުކަންކަމެވެ. އެހެންނަމަވެސް ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ މުހިއްމުކަން މިހުރިހާކަމަކަށްވުރެ ބޮޑުވެގެންވާއިރު އެކަމަށް ބާރުއެޅުމުގައި ތަރުބިއްޔަތު ކުރާމީހުން އިހުމާލުވެއެވެ. މުވާއެކު ދެން އެކުދިންނަށް ދޭ އެހެން ތަރުބިއްޔަތަކުން ފާއިދާއެއްނުކުރެއެވެ. އެކުދިންގެ ކިބައިގާ ތަޥްޙީދުގެ އެއްވެސް އަސަރެއް ފެންނާކަށް ނުހުރެއެވެ. ސަބަބަކީ އެކުދިންގެ ހިތްތަކުގައިވާ ޢަޤީދާ ބަލިކަށިވުމެވެ. އެ ޢަޤީދާ އަކީ އެކުދިންގެ ހިތްތަކުގައި ﷲ ތަޢާލާއަށް ލޯބިކުރުމާއި އެއިލާހުގެ ޢަޒާބާއި ކޯފާއަށް ބިރުވެތިވުން އާލާކުރާއެއްޗެކެވެ. މި ދެކަން ނެތުމުގެ ސަބަބުން އެހެން އެއްވެސް ތަރުބިއްޔަތެއް ހަރުނުލާނެއެވެ.

 

މާތް ނަބިއްޔާ صلى الله عليه و سلم އަކީ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް އުނގަންނަވައިދެއްވާ ސާހިބާއެވެ. އެކަލޭގެފާނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާއަކަށް އަޅުގަނޑުމެން ބަލަންޖެހޭ ސާހިބާއެވެ. ކުޑަކުދިންނާއި ޒުވާނުންގެ ކަންތައްތަކަކީ އެކަލޭގެފާނު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިކަންކަމެވެ.  މިގޮތުން އެކުދިން ތަރުބިއްޔަތުކުރުމުގައި މާތް ނަބިއްޔާ صلى الله عليه و سلم އެންމެބޮޑު އަހައްމިއްޔަތުކަމެއް ދެއްވީ ﷲ ތަޢާލާ އެއްކައުވަންތަކުރުން އެކުދިންގެ ހިތްތަކުގައި އަށަގެންނެވުމަށެވެ.

 

-- އައްޝައިޚް އަހްމަދު މިޙްޞަން މުޙައްމަދު

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް