އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތިވެރި ކަނބަލުންގެ ސިޔަރަތުން: ޝަހީދުކޮށް ނުލެވެނީސް ޝަހީދެއްޖެ ދަރަޖަ ރަސޫލް ޞޢވ ދެއްވެވި "ޝަހީދާ" ގޭގައި އިންނަވަނިކޮށް ޝަހީދުކޮށްލެވުނު ގޮތުގެ ވާހަކަ-

މަތިވެރި ކަނބަލުންގެ ސިޔަރަތުން: ޝަހީދުކޮށް ނުލެވެނީސް ޝަހީދެއްޖެ ދަރަޖަ ރަސޫލް ޞޢވ ދެއްވެވި "ޝަހީދާ" ގޭގައި އިންނަވަނިކޮށް ޝަހީދުކޮށްލެވުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 6 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެންނެވި އިސްލާމީ ރިސާލަތަށް  އިސްނެންގެވި ބޭކައުކަނބަލުންނަކީ ތާރީޚުގައި އެންމެ ބާއްޖެވެރި ބޭކައުކަނބަލުންގެ ލިސްޓުގައި ހިމެނޭ ބޭފުޅުންނެވެ. އެބޭކަނބަލުންގެ ނަންފުޅު ހިމެނިފައިވަނީ السابقون الأولون ގެ ލަގަބު އެރުވިފައިވާ މަތިވެރި ޖަމާއަތުގެ ތެރޭގައެވެ. އޭގެ ތެރެއިން އެއްބޭކަނބަލަކީ އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާއެވެ. 

ނަންފުޅާއި ނަސަބުފުޅު: 

އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާގެ އަސްލު ނަންފުޅަކީ ليلى ލައިލާއެވެ. އެކަމަނާގެ ކުންނިއްޔަތަކީ أَمَّ ورَقَة އެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ މިދެންނެވި ކުންނިއްޔަތުގެ ނަންފުޅުންނެވެ. އެކަމަނާގެ އެންމެ މަޝްހޫރު ލަޤަބުފުޅުތަކަކީ شهيدة އާއި ޤާރިއްޔާއެވެ. އެކަމަނާގެ ކާބަފައިކަލުންގެ ތެރޭގައި ހިމެނޭ  نوفل އަށް ނިސްބަތްކޮށް އެކަމަނާގެ ނަންފުޅަކަށް ورقة بنت نوفل އޭ ވެސް ކިޔައެވެ.

{الإصابة في تمييز الصحابة، ވޮލިޔުމް 8، ޞަފްޙާ 489} 

حلية الأولياء ގެ ދެވަނަ ޖިލްދުގެ 75 ވަނަ ޞަފްޙާގައި ވާގޮތުގައި،އެކަމަނާގެ ބައްޕަގެ ނަންފުޅަކީ عبد الله بن الحارث بن عُويمر އެވެ. އެކަމަނާއަކީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ މައިފުށުގެ ބޮޑުދައިތާފުޅެކެވެ. 

ޝަހީދުވެވަޑައިގެންނެވުމުގެ އެދުންފުޅު: 

ހިޖުރައިން ދެވަނަ އަހަރު އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ބަދުރު ހަނގުރާމައަށް ވަޑައިގެންނަވަން ފެއްޓެވުމުން އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އަޅުގަނޑަށްވެސް ހަނގުރާމައިގެ މައިދާނަށް ދިޔުމުގެ ހުއްދަ ދެއްވާށެވެ. ހަނގުރާމައިގައި ޒަޚަމްވާ މީހުންނަށް އަޅުގަނޑު ފަރުވާ ކުރާނަމެވެ. ބަލި މީހުންނަށް ހޭހަން ކުރާނަމެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް ފަހަރެއްގައި އަރަހުށި މާތްﷲ އަޅުގަނޑަށް ޝަހީދުވުމުގެ ޝަރަފު ދެއްވަފާނެއެވެ.] 

އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާގެ ވާހަކަފުޅު އަޑުއައްސަވައި، އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވެވިއެވެ. [ކަމަނާ ހަނގުރާމައަށް ވަޑައިނުގެން ގޭގައި މަޑު ކުރައްވާށެވެ. މާތްﷲ ކަމަނާއަށް ޝަހީދެއްގެ ދަރަޖަ ދެއްވަވާނެއެވެ.] މި ޙާދިޘާގެ ފަހުން އެކަމަނާގެ ނަންފުޅު شهيدة ލަގަބުން މަޝްހޫރުވިއެވެ.

{އަބޫދާވޫދު، ވޮލިޔުމް 1، ޞަފްޙާ 243، ޙަދީޘް 591} 

މާތްކަމާއި މަތިވެރިކަން:

ޠަބަޤާތު އިބްނު ސަޢުދުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި، އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާއަކީ، ކީރިތި ޤުރްއާން ހިތްޕުޅުންދަސް ޞަޙާބިއްޔަ ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދަރަޖަ މަތިވެރި ބޭކަނބަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ޙަދީޘް ރިވާކުރެއްވުމުގެ ޝަރަފުވެސް އެކަމަނާވަނީ ހާސިލު ކުރައްވައިފައެވެ. 

އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާއަށް ވަނީ ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެންފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ ގެކޮޅަށް ވަޑައިގެން އުޅުއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ މުޚާތަބު ކުރައްވަނީ شهيدة ލަގަބުފުޅުންނެވެ. ބައެއް ފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘް ކުރައްވައެވެ. [شهيدة ގެ އަރިހަށް ޒިޔާޒަތްކޮށްފައި އަންނަން ދަމާ ހިނގާށެވެ.]

{ބައިހަޤީގެ އައްސުނަނަނުލް ކުބްރާ، ޙަދީޘް 5353} 

ޝަހީދުވުން: 

އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާއަކީ ނުހަނު ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ ބޭކަނބަލެކެވެ. ރޭގަނޑުވެއްޖެނަމަ، އަބަދުވެސް އެކަމަނާގެ ގެކޮޅުން ކީރިތި ޤުރްއާން ކިޔަވާ އަޑު އިވިއިވި ހުރެއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވަރަށް ޝައުޤުވެރިކަމާއެކު އެކަމަނާ ޤުރްއާން ކިޔަވާ ވިދާޅުވާ އަޑު އައްސަވައެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން އެކަމަނާއަކީ ޢުމަރުގެފާނުގެ ބޮޑުދައިތާފުޅެކެވެ. 

އެއްރެއަކު ޢުމަރުގެފާނަށް އެކަމަނާގެ ކިޔެވުމުގެ އަޑުފުޅު އިވިވަޑައެއް ނުގެންނެވިއެވެ. އެކަމާ ޢުމަރުގެފާނު ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އަނެއް ދުވަހު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ރޭގައި އަހަރެންނަށް އަހަރެންގެ ބޮޑުދައިތާފުޅު އުއްމު ވަރަޤާ ޤުރްއާން ކިޔަވާ އަޑެއްނީވެއެވެ.] 

މިހެން ވިދާޅުވެ އެކަމަނާގެ ގެކޮޅަށް ޢުމަރުގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުން ފެނިވަޑައިގަތީ އެކަމަނާ ޝަހީދުކޮށްލައިފައިވާތަނެވެ. އެހިނދު ޢުމަރުލް ފާރޫޤު ވިދާޅުވިއެވެ. [މާތްﷲ ގެ ރަސޫލާ صلّى اللّـه عليه وسلّم ވިދާޅުވީ ތެދުބަސްފުޅެކެވެ.] އެހެނީ އެކަމަނާއަށް އެވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި ފަދައިން ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންފައެވެ.

{الإصابة في تمييز الصحابة، ވޮލިޔުމް 8، ޞަފްޙާ 489} 

ޤާތިލުގެ ފަރާތުން ބަދަލު ހިއްޕެވުން: 

ސުނަނު އަބޫދާވޫދުގެ ކިޔާބުއް ޞަލާތުގައި ރިވާވެގެންވެއެވެ. އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާގެ ފިރިހެން އަޅަކާއި އަންހެން އަޅެއްވެއެވެ. އެކަމަނާވަނީ އެކަމަނާ އަވަހާރަވުމުން އެދެމީހުން މިނިވަންވާނެ ކަމަށް ވިދާޅުވެފައެވެ. އެއްރެޔަކު އެދެއަޅުން އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާ އަވަހާރަފުޅަށް އޮންނަވަނިކޮށް އައިސް އެކަމަނާގެ މޫނުމަތީގައި ފޮތިގަނޑެއްއަޅައި ނޭވާހާސްކޮށްލައިގެން އެކަމަނާ ޝަހީދުކޮށްލީއެވެ. އެއަށްފަހު އެދެމީހުން ފިލައިގެން ދިޔައީއެވެ.

މިކަން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުއަށް އެނގިވަޑައިގެން ވިދާޅުވިއެވެ. [އެދެމީހުން ފެނިއްޖެ މީހަކު އަހަރެންނާ ހަމައަށް އެދެމީހުން ހައްޔަރުކޮށްގެން ގެނެސްދޭށެވެ.] އެދެމީހުން ހައްޔަރުކޮށްގެން ގެނައުމުން ޢުމަރުގެފާނު އެދެމީހުން އަތްފައިކަނޑައި، ޞަލީބަށް އެރުވުމަށް އެންގެވިއެވެ. މަދީނަތުލް މުނައްވަރާގައި އެންމެ ފުރަތަމަ ޞަލީބަށް އެރުވުނު ދެމީހުންނަކީ އެއީއެވެ.

{އަބޫދާވޫދު، ވޮލިޔުމް 1، ޞަފްޙާ 243، ޙަދީޘް 591} 

އަރަހުށި މާތްﷲ އުއްމު ވަރަޤާ ރަޟިޔަﷲ ޢަންހާއަށް ރުއްސުންލައްވާށިއެވެ! 

Advertisement

ކޮމެންޓް ކުރެއްވުމަށް