އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވެގެން އެކުގައުޅެފަ ފަޤީރުކަމުން އަންހެނުން ބާކީކުރާ ފިރިހެނުންނަށް މުހިންމު ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: ލޯބިވެގެން އެކުގައުޅެފަ ފަޤީރުކަމުން އަންހެނުން ބާކީކުރާ ފިރިހެނުންނަށް މުހިންމު ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 16 ސިކުންތު

ދުނިޔޭގައި ހުރިހާ އެއްޗަކީ ފައިސާކަމަށް ދެކޭ މީހުން ގިނަވެ ލޯބިވެރިންގެ މެދުގައިވެސް ތަނަވަސްކަން މިވަނީ އެންމެ މަތީދަރަޖައަށް އުފުލިފައެވެ. ލޯބިވެގެން އެކުގައި އެތައް ދުވަހަކު އުޅޭފަހުންވެސް ތަނަވަސް މީހަކު ލިބޭގޮތްވެއްޖެނަމަ ލޯބިވެރިޔާ ބާކީކޮށްލުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އަނެކާގެ ހިތަށް އެކަމުން ލިބޭނެ އަނިޔާއަށް ވިސްނައިލަނީ މަދުމީހެކެވެ. ފަހުން އެނބުރި އާދޭސްކުރަން ދާންޖެހިދާނެ ކަމަށާއި އަނެކާގެ ހިތަށް އަނިޔާކުރީމާ އެކަން ތިމާއާއި އަރައި ހަމަކުރާނެކަމާއިމެދުވެސް ވިސްނައިލަނީ މަދުމީހެކެވެ. 

ތިރީގައިވާ ވާހަކައަކީ އެފަދަ މީހުންނަށް ޢިބްރަތްތެރި ވާހަކައަކަށްވެގެންދާނެ ކަމަށް ބެލެވެއެވެ. ވިދާޅުވެލައްވާށެވެ! 

އަޅުގަނޑަކީ މާލޭގެ ގެއެއްގައި އޮތް ބަލި އަންހެނަކު ބަލަން ރަށުން މާލެ ގެނެވުނު އަންހެނަކީމެވެ. އަންހެނެއްކަމަށް ބުނި ނަމަވެސް އެއިރު އަޅުގަނޑުގެ އުމުރަކީ އެންމެ 25 އަހަރެވެ. 

އެހައި ޅަ އުމުރެއްގައި އެފަދަ ބުރަމަސައްކަތަކާއި ޙަވާލުވެ ރަށްދޫކޮށް މާލެ އައީ 2 ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ ރަށުގެ އެންމެ ރަނގަޅު އެއް ޢާއިލާގެ ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ކައިވެނި ނުކުރެވުނީ އަޅުގަނޑަކީ ފަޤީރު ޢާއިލާއެއްގެ ދަރިއަކަށްވުމުންނެވެ. އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެވުނެވެ. އެހެންވެ އެހެން އަންހެނަކާއިއެކު އޭނާ ދިރިއުޅޭތަން ބެލުމަކީ ވަރަށް ބޮޑު އަނިޔާއަކަށްވީކަމެވެ. ރަށުގައި ހުންނަނަމަ މަންޒަރުތައް ލޮލަށް ފެންނާނެތީއެވެ. ދެވަނަ ސަބަބަކީ ޙަލާލު މަސައްކަތަކުން އާމްދަނީއެއް ހޯދައިގެން މައިންބަފައިންނަށް އެހީތެރިވުމެވެ. 

އެއީ ވަރަށް ރަނގަޅު ޢާއިލާއެކެވެ. އެމީހުން އަޅުގަނޑަށް މަހަކު 4000 ރުފިޔާގެ މުސާރައެއްދިނެވެ. އަދި ހުންނަން ހަމަ ރަނގަޅު ފެންވަރުގެ ކޮޓަރިއެއްވެސް ދިނެވެ. އަޅުގަނޑުވެސް ޚިދުމަތްކުރަމުން ގެންދިއައީ ވެވުނު އެންމެ ރަނގަޅަކަށެވެ. 

ބަލަން ޙަވާލުކުރީ އެގޭ ކުދިންގެ މަންމައެވެ. އެކުދިން މަންމަ ދެކެ ވަރަށް ލޯބިވެއެވެ. ހުރިހާ ކަންކަން އަޅުގަނޑުގެ ބޮލަށް ޖަހާފައި ތިބެނީއެއް ނޫނެވެ. އެކުދިންވެސް އެހީތެރިވެއެވެ. ފެންވެރުވުން ފަދަ ކަންކަންކުރާއިރުބައިވެރިވެއެވެ. މަންމަ ނިޔާވީ އަޅުގަނޑު އޭނާ ބަލަހައްޓާތާ 7 ވަނަ އަހަރުއެވެ. މަންމަ ނިޔާވުމުން އެކުދިން އަޅުގަނޑަށް އޮފީހަކުން ވަޒީފާއެއް ހޯދައިދިނެވެ. އަދި އަޅުގަނޑު ހުރި ކޮޓަރީގައި ހުރުމުގެ ފުރުޞަތުވެސް ދިނެވެ. އެހައި ރަނގަޅަށް އެކުދިން އަޅުގަނޑަށް ކަންތައްތައް ކޮށްދިނުމުން އަޅުގަނޑުވެސް ގޭގައި އުޅެމުން ދިއައީ ހަމަ އަމިއްލަ ގޭގައިވެސް އުޅޭފަދައިންނެވެ. ކުރެވުނުހާ މަސައްކަތެއް ކޮށްދީގެންނެވެ. 

އެގޮތަށް އުޅެމުން ދަނިކޮށް އެގޭގައި އެންމެ ދޮށްޓަށް ހުރި ފިރިހެން މީހާގެ އަންހެނުންނަށް ގަދަ ހުމެއް ޖެހިފައި އޭނާ ނިޔާވެއްޖެއެވެ. ނިޔާވުމުން އޭނާ އަޅުގަނޑު ގާތު އެދުނީ ވަޒީފާއިން ވަކިވުމަށެވެ. އަދި އެދެމަފިރިންނަށް ލިބިފައިވާ 2 ދަރިން ބަލައިދިނުމަށެވެ. ބުނީ ވަޒީފާއިން ލިބޭ މުސާރަ އަޅުގަނޑަށް ދޭނެ ކަމަށެވެ. އެހެން އެބުނީ އެގެއިން އަޅުގަނޑަށް މުސާރަދިން އިރުވެސް އެއިން ވަރަށް ކުޑަމިންވަރެއް ބޭނުންކޮށްފައި އެކުގައިހެން ފޮނުވަނީ ރަށުގައި ތިބި މައިންބަފައިންނަށްކަން އެމީހުންނަށްވެސް އެނގޭތީ ކަމަށްވެދާނެއެވެ. 

އަޅުގަނޑު އެހުށަހެޅުންވެސް ޤަބޫލުކުރީމެވެ. އަދި އަމިއްލަ ދަރިންފަދައިން އެދެކުދިން ބަލައިދޭންފެށީމެވެ. އެކުދިންނަށް ޚިދުމަތްކުރަމުން ގެންދާތާ 2 އަހަރުވީފަހުން ކުދިންގެ ބައްޕަ އަޅުގަނޑުގެ ކިބައިން އެދުނީ އޭނާ އާއި ކައިވެނިކުރުމަށެވެ. އެކަންވެސް އަޅުގަނޑު ޤަބޫލުކުރީމެވެ. އެއިރު އަޅުގަނޑުގެ އުމުރަކީ 36 އަހަރެވެ. އޭނާގެ އުމުރަކީ 42 އަހަރެވެ. މިހާރު ކައިވެންޏަށް 15 އަހަރެވެ. އަޅުގަނޑުމެން ދެމަފިރިންނަށްވެސް ވަނީ 3 ދަރިން ލިބިފައެވެ. 

އަޅުގަނޑުގެ ޙަޔާތުގައި މީހަކު އަޅުގަނޑަށް މާބޮޑު އަނިޔާއެއް ދިންވާހަކަ ބަޔާންކޮށްފައި ނެތުމުން ކިޔާހިތްވެސް  ނުވެދާނެއެވެ. އަދި އަޅުގަނޑުގެ ޙަޔާތުގައި މުހިންމު ކަމެއް ނެތްކަމަށްވެސް ހީކުރެވިދާނެއެވެ. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުން އަޅުގަނޑުގެ ޙަޔާތުގައި ވަރަށް މުހިންމު ފިލާވަޅެއް އެބައޮތެވެ. 

އެފިލާވަޅަކީ ތިމާކުރަން ޙަވާލުވާ ކަންކަން ރަނގަޅު ގޮތުގައި ކުރާނަމަ އެމީހަކަށް ރަނގަޅުގޮތްތައް ދުނިޔޭގައިވެސް މެދުވެރިކުރައްވަވާ ކަމެވެ. ތެދުވެރި އިޚްލާޞްތެރިންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ. 

އިތުރު ފިލާވަޅެއްވެސް އެބައޮތެވެ. އަޅުގަނޑު އެމީހަކުދެކެ އެންމެ ލޯބިވީ މީހާ އާއި ކައިވެނިނުކުރެވުނީ އަޅުގަނޑުގެ ފަޤީރުކަމުންނެވެ. ނިކަމެތިކަމުންނެވެ. އެހެނަސް އަޅުގަނޑަށް ކައިވެނިކުރަން ލިބުނީ ތަނަވަސްކަމުގެ ގޮތުން މާލޭގައި ހަމަފާހަގަކޮށްލެވޭ ޢާއިލާއެއްގެ މީހަކާއެވެ. އެއިރު ފަޤީރު މީހާ މަހަކު އެއްފަހަރުހެން ކުދިންނާއި އަދި ފިރިމީހާ އާއިއެކު މައިންބަފައިންގެ ގާތަށް ރަށަށް މިދަނީ އުދުހިފައި ގޮސް ލޯންޗަކަށް އަރައިގެންނެވެ. ކޮންމެ ދަތުރެއްގައިވެސް ރަށުގައި ތިބޭ ނިކަމެތިންނަށް ފިރިމީހާ ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއްވެސް ފޯރުކޮށްދެއެވެ. 

އެންމެ އުފާވާ އެއްކަމަކީ އަޅުގަނޑުގެ ލޯބިވެރިޔާއަށް އޭނާގެ ބައްޕަގެ މުދަލުން ވާރުތަވީ މާލެ ދަތުރުކުރާ އުޅަނދުގައި އަޅާފައި ހުރި އިންޖީނަކީ އަޅުގަނޑުގެ ފިރިމީހާގެ އެހީތެރިކަމާއިއެކު އަޅާފައިވާ އިންޖީނެއް ކަމެވެ. ފިރިމީހާއަށް އަޅުގަނޑުގެ ޙަޔާތުގެ އެކަންކަން ކިޔައެއް ނުދެމެވެ. ރަށަށް ދިއަ ދަތުރަކު އޭނާ އެދުމުން އެކަންކޮށްދިނީއެވެ. 

މިކަންކަމަކީ ޢިބްރަތަކަށް ނުވޭތޯއެވެ؟ ފަޤީރުވުމުން ބާކީކޮށް އެއްލައިލާ މީހުންނަށް މިކަންކަމުގައި ޢިބްރަތެއް ނުވޭތޯއެވެ؟ ތަނަވަސްކަން ދެއްވަވަނީ ﷲ އެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށެވެ. ތަނަވަސްކަން ލިބިގެންތިބޭއިރު އެކަންކަން ވިސްނޭނެ ނަމައެވެ. 

- އަޒްލިފާ ސަޢީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް