އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 23 މިނެޓް, 56 ސިކުންތު
ދައްޖާލުގެ ފިތުނައިން ރައްކާތެރިވުން
އަހަރެމެންގެ ނަބިއްޔާ މުޙައްމަދު صلى الله غليه وسلم ވަނީ ދައްޖާލުގެ ފިތުނައިން ރައްކާތެރިވުމަށްޓަކައި، މި އުންމަތަށް އެތަކެއް އިރުޝާދެއް ދެއްވާފައެވެ. އެކަލޭގެފާނު މި އުންމަތް ދޫކުރައްވާފައިވަނީ ގެއްލެނެވި ވެގެންދާ މީހަކު މެނުވީ އެ މަގުން އެއްކިބާވެގެން ނުދާނެފަދަ ސާފު ސީދާ ތެދުމަގެއްގެ މައްޗަށެވެ. އެކަލޭގެފާނު ބަޔާންކޮށް ދެއްވާފައި ނުވާ ހެޔޮކަމެއް ނުވެއެވެ. އަދި އިންޒާރު ދެއްވާފައިނުވާ ނުބައިކަމެއް ނުވެއެވެ. އެ ގޮތުން ދައްޖާލުގެ ފިތުނައާ މެދުވެސް އެތަކެއް އިންޒާރެއް ދެއްވާފައިވެއެވެ. އެހެނީ އެއީ މި އުންމަތަށް ކުރިމަތިވާނޭ އެންމެ ބޮޑު ފިތުނައެވެ.
ކޮންމެ ނަބިއްޔެއްވެސް ވަނީ އެބޭކަލުންގެ އުންމަތަށް ދައްޖާލާމެދު އިންޒާރު ކުރައްވާފައެވެ. އޭގެ ތެރެއިންވެސް ދައްޖާލާމެދު އެންމެ ގިނައިން އިންޒާރު ދެއްވާފައިވަނީ މި އުންމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ. މި އުންމަތަށް އިންޒާރު ދެއްވެވުމަށްޓަކައި ﷲ تعالى ވަނީ ރަސޫލާ صلى الله علبه وسلم އަށް ދައްޖާލުގެ އެތަކެއް ސިފައެއް ބަޔާންކޮށް ދެއްވާފައެވެ. އެހެނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދައްޖާލު ނުކުމެގެން އަންނާނީ މި އުންމަތުގެ ތެރެއިންނެވެ. މި އުންމަތަކީ އެންމެ ފަހުގެ އުންމަތެވެ. އަދި މުޙައްމަދު صلى الله عليه وسلم އަކީ ނަބީކަން ޚަތިމުކުރެއްވި ނަބިއްޔާއެވެ. މި ގޮތުން ތިރީގައި މި ބަލައިލަނީ ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ ބައެއް އިރުޝާދުތަކަށެވެ. އަޅަމެންނީ ދައްޖާލުގެ ފިތުނައިން ސަލާމަތްވެގެންވާ ބަޔަކު ކަމުގައި ލައްވާށިއެވެ!
އިސްލާމް ދީނުގައި ވަރުގަދައަށް ހިފަހައްޓާ، ޞައްޙަ ޢަޤީދާގެ މަތީގައި އީމާންކަން ވަރުގަދަ ކުރުން. އަދި ﷲ تعالى ގެ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތައް ދަސްކުރުން.
ދަންނަންޖެހޭ ކަމަކީ ދައްޖާލަކީ ކެއުން ބުއިންފަދަ ހާޖަތްތައް ހުރި، އިންސާނުންގެ ތެރެއިންވާ އިންސާނެއް ކަމެވެ. ނަމަވެސް ﷲ تعالى އެފަދަ އެއްވެސް ހާޖަތަކަށް ބޭނުންވެވޮޑިގެން ނުވެއެވެ. އަދި ހަމަކަށަވަރުން މަރުވުމަށް ފަހުގައި މެނުވީ އެކަކަށްވެސް ﷲ تعالى ނުފެންނާނެއެވެ. ނަމަވެސް ދައްޖާލު ފާޅުވުމަށްފަހު އެންމެހާ މުއުމިނުންނާއި އެންމެހާ ކާފަރުންނަށްވެސް އޭނާ ފެންނާނެއެވެ.
ދައްޖާލުގެ ފިތުނައިން ރައްކާތެރިކަމަށް އެދި ﷲ ގެ ޙަޟްރަތުން ދެންނެވުން.
މި އުންމަތަށް ކުރިމަތިވާނޭ އެންމެ ބޮޑު ފިތުނަ ކަމުގައިވާ ދައްޖާލުގެ ފިތުނައިން ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާކުރުން ހުއްޓެވެ. ވަކިން ޚާއްޞަކޮށް ނަމާދުގައި އެކަމަށް އެދި ދުޢާ ކުރަންވާނެއެވެ. އެހެނީ ރަސޫލާ صلى الله غليه وسلم ގެ ޙަދީޘްތަކުގައި އެފަދައިން ވާރިދުވެފައިވެއެވެ.
أم المؤمنين عائشة رضي الله عنها ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ނަމާދުގައި މި ފަދައިން ދުޢާ ކުރައްވައެވެ.
(اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَفِتْنَةِ الْمَمَاتِ ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْمَأْثَمِ وَالْمَغْرَمِ)) [رواه البخاري برقم: 832]
(މާނައީ: "އޭ ﷲ! ކަށްވަޅުގެ އަޒާބުން ރައްކާތެރި ކޮށްދެއްވުމަށް އެދި ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ޙަޟްރަތައް ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިއުޅުމުގެ ފިތުނައާއި މަރުވުމުގެ ފިތުނައިން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ފާފަ ކުރުމާއި ދަރަނިވެރިވުމުން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ.")
أبو هريرة رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ ، يَقُولُ : اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ (([رواه مسلم برقم: 588]
މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު (ނަމާދުގައި) ތަޝައްހުދު ކިޔައިފި ހިނދު ﷲ ގެ ޙަޟްރަތުން ހަތަރު ކަމަކުން ރައްކާތެރިކަމަށް އެދޭށެވެ. މިފަދައިން ކިޔާށެވެ.
(اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ)
(މާނައީ: "އޭ ﷲ! ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން ރައްކާތެރިކޮށް ދެއްވުމަށް އެދި އިބަ ﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ. އަދި ދިރިއުޅުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިގެ ނުބައިކަމުން ރައްކާތެރި ކޮށްދެއްވުމަށްވެސް އެދި ދަންނަވަމެވެ.)"
- ކަހްފު ސޫރަތުގެ އާޔަތްތައް ހިތުދަސްކުރުން.
ދައްޖާލުގެ ފިތުނައިން ރައްކާތެރިވުމަށްޓަކާ ކަހްފު ސޫރަތުގެ ފެށޭ އާޔަތްތައް ކިޔެވުމަށް ރަސޫލާ صلى الله عليه وسلم އަމުރު ކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި ކަހްފު ސޫރަތުގެ ފަހު އާޔަތްތައް ކިޔެވުމަށްވެސް އައިސްފައިވެއެވެ. އެބަހީ: ފުރަތަމަ ދިހަ އާޔަތް ނުވަތަ ފަހު 10 އާޔަތް ކިޔެވުމެވެ. މިކަމާ ގުޅޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުގެ ތެރޭގައި:
حديث النواس بن سمعان الطويل ، وفيه قوله : ((فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ)) [رواه مسلم برقم: 110 – (2937)]
النواس بن سمعان ރިވާކުރައްވާފައިވާ ދިގު ޙަދީޘްއެއްގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ފަހެ، ތިޔަބައިމީހުން ކުރެ އޭނާއާ (އެބަހީ: ދައްޖާލާ) ބައްދަލުވެއްޖެ މީހަކު އޭނާގެ މައްޗަށް ކަހްފު ސޫރަތުގެ ފުރަތަމަ އާޔަތްތައް ކިޔަވާށެވެ."
أبو الدرداء رضي الله عنه ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْف عُصِمَ مِنْ الدَّجَّالِ)) [رواه مسلم برقم: 809]
މާނައީ: "ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ ކިބައިން ރައްކާތެރި ވާނެތެވެ."
އެބަހީ: ދައްޖާލުގެ ފިތުނައިން ސަލާމަތް ވާނެތެވެ.
قال مسلم : قال شعبة : مِنْ آخِرِ الْكَهْفِ، و قَالَ هَمَّامٌ: مِنْ أَوَّلِ الْكَهْف. [رواه مسلم برقم: 809]
އިމާމް މުސްލިމް ވިދާޅުވިއެވެ. شعبة ވިދާޅުވިއެވެ. "ކަހްފު ސޫރަތުގެ ފަހު އާޔަތްތަކެވެ.” އަދި هَمَّامٌ ވިދާޅުވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ އާޔަތްތަކެވެ."
النووي ވިދާޅުވެފައިވެއެވެ. "އެހެނީ (އޭގެ ސަބަބަކީ) ކަހްފު ސޫރަތް ފެށޭކޮޅުގައި ވަނީ އަޖައިބުތަކާއި ހެކިތަކުގެ ވާހަކައެވެ. އެކަންކަމާއިމެދު ވިސްނާ ފިކުރުކޮށްފި މީހަކު ދައްޖާލުގެ ފިތުނައިގައި ނުޖެހޭނެތެވެ. އަދި ހަމަ އެފަދައިން ފަހުކޮޅުގައި ﷲ تعالى ވަޙީކުރައްވަނީ މިފަދައިންނެވެ.
﴿ أَفَحَسِبَ الَّذِينَ كَفَرُوا أَن يَتَّخِذُوا عِبَادِي مِن دُونِي أَوْلِيَاءَ ۚ إِنَّا أَعْتَدْنَا جَهَنَّمَ لِلْكَافِرِينَ نُزُلً﴾
މާނައީ: "ތިމަންއިލާހުގެ އަޅުންނަކީ ތިމަންއިލާހު ފިޔަވައި ވާގިވެރިން ކަމުގައި، ކާފިރުވީ މީހުން ހިފިހިފުން އެއީ، ތިމަންއިލާހުގެ ޢަޛާބުން އެއުރެން ސަލާމަތްކޮށްދޭނޭ ކަމެއްކަމުގައި އެއުރެން ހީކުރީ ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންއިލާހު ނަރަކަ ތައްޔާރުކުރެއްވީ، ކާފިރުން ފައިބައި ތިބެނިވި ތަނެއްކަމުގައެވެ." "صحيح مسلم بشرح النووي 6 / 93"
ކަހްފު ސޫރަތް ގިނަގިނައިން ކިޔުމަށް އެތަކެއް ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަށް ބާރު އަޅުއްވާފައިވެއެވެ.
أبو سعيد الخدري رضي الله عنه އަރިހުން الحاكم ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((إِنَّ مَنْ قَرَأَ سُوْرَةَ الْكَهْفِ يَوْمَ الْجُمُعَةِ أَضَاءَ لَهُ مِنَ الْنُّوْرِ مَا بَيْنَ الْجُمُعَتَيْنِ)) [رواه الحاكم في المستدرك (3392)، وصححه الألباني في صحيح الجامع الصغير، برقم (6470)]
މާނައީ: "ހަމަކަށަވަރުން ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔައިފިނަމަ، އެއް ހުކުރުން އަނެއް ހުކުރަށް އޭނާއަށް ނޫރެއް ލެއްވިގެން ވާނެއެވެ."
ޝައްކެއްވެސް ނެތް ގޮތުގައި ކަހްފު ސޫރަތަކީ މަތިވެރިވެގެންވާ ސޫރަތެކެވެ. އެ ސޫރަތުގައި ކަހްފު ބާގައިގެ މީހުންގެ ވާހަކައާއި މޫސާ عليه السلام އާ الخضر ގެ ވާހަކައާއި ذو القرنين ގެ ވާހަކައާއި އެކަލޭގެފާނު ޔައުޖޫޖު މައުޖޫޖު މީހުން ބަންދު ކުރެއްވުމަށް ބިނާކުރެއްވި ފާރުގެ ވާހަކައިގެ އިތުރުން އަލުން ދިރުއްވުމާއި ތާޅަފިލި ފުންމެވުމުގެ ދަލީލުތައް އައިސްފައިވެއެވެ. އަދި އޭނާއަށް ހުރެވުނީ ޙައްޤުގައިކަމަށް ހީކުރެވި، ނަމަވެސް ޙަޤީޤަތުގައި މަގުފުރެދި ލޯ ކަނުވެފައިވާ މީހާއަކީ އެންމެ ގެއްލެނެވިގެންވާ މީހާކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް މި ސޫރަތް ގިނަގިނައިން ކިޔަވާ، ހިތުދަސްކުރުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ކޮންމެ ހުކުރު ދުވަހަކު މި ސޫރަތް ކިޔުމަށް އިތުރު އަހަންމިއްޔަތުކަމެއް ދޭންވާނެއެވެ.
ދައްޖާލާ ގާތް ނުވުމާއި އޭނާއާ ވީހާވެސް ދުރުވެގަތުން.
އެންމެ މޮޅުވެގެންވާ ގޮތަކީ ދައްޖާލަށް އެ ތަންތަނަށް ނުވަދެވޭނެ ތަންތަނުގައި އުޅުމެވެ. އެއީ މައްކާ ނުވަތަ މަދީނާގައި އުޅުމެވެ. ދައްޖާލު ފާޅުވެއްޖެނަމަ މުސްލިމުންނަށް އޮތީ އޭނާއާ ވީހާވެސް ދުރުވެ ގަތުމެވެ. އެހެނީ މީސްތަކުން އިމްތިހާނު ކުރެއްވުމަށްޓަކައި ﷲ تعالى އޭނާގެ އަތް މައްޗަށް ފާޅުކުރައްވާ އާދަޔާ ޚިލާފު އެތަކެއް ކަމެއްގެ ސަބަބުން މީސްތަކުންގެ މެދުގައި ޝައްކާއި ވަހުމު އުފެދިގެން ދާނެތީއެވެ. ފަހެ، ހަމަކަށަވަރުން އީމާންކަންމަތީ ސާބިތުވެހުރި ކަމަށް ހީކޮށްގެން އައި މީހަކު ދައްޖާލަށް ތަބާ ވާނެއެވެ.
عمران بن حصين رضي الله عنه ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާ ކުރެއްވިއެވެ.
(مَنْ سَمِعَ بِالدَّجَّالِ فَلْيَنْأَ مِنْهُ – ثَلَاثًا يَقُولُهَا -؛ فَإِنَّ الرَّجُلَ يَأْتِيهِ يَتَّبِعُهُ وَهُوَ يَحْسِبُ أَنَّهُ صَادِقٌ بِمَا يُبْعَثُ بِهِ مِنْ الشُّبُهَاتِ)) [رواه الإمام أحمد (19968) وأبو داود (4319) والحاكم (8616) ]
މާނައީ: "ދައްޖާލުގެ ވާހަކަ އަޑުއިވިއްޖެ މީހަކު އޭނާއާ ދުރުވެގަންނަ ހުއްޓެވެ. – މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ. – ފަހެ ހަމަކަށަވަރުން ދައްޖާލުގެ ގާތަށް މީހަކު ގޮސް އޭނާއަށް ތަބާ ވާނެއެވެ. އޭނާއާއެކު ލެއްވެވިފައިވާ ޝުބުހަތަކުގެ ސަބަބުން އޭނާއަކީ ތެދުވެރިއެއްކަމަށް ހީކޮށެވެ."
އަޅަމެންނާއި އެންމެހާ މުސްލިމުން ދައްޖާލުގެ ފިތުނައިން ރައްކާތެރި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.
-ނުނިމޭ
Advertisement
11 ޖޫން 2024