އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ކެންސަރު ބައްޔާއި، ހިތުގެ ބައްޔާއި، ސްޓްރޯކްގެ ބައްޔާއި، ސިކުނޑީގެ ބަލިތަކަށް ޚާއްސަކޮށްގެން އެދާއިރާއިން ދެވޭ ފަރުވާތައް ރާއްޖޭގައި ތަރައްޤީކުރުމަށް ރާވާފައިވާ ކަމަށް އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗްގައި ވަރަށް އަވަހަށް އޯޕަން ހާޓް ސަރޖަރީ ހަދަން ޕްލޭން ކުރެވިފައިވާ ކަމަށެވެ.
"މިފަދަ ސްޕެޝަލިޓީތައް އުފެދުމުން މުޅި ސިއްޙީ ޚިދުމަތްތައް އިތުރުވެގެންދާނެ. ބޮޑެތި ސަޖަރީތައް ހަދާ ކަމަށްވާނަމަ އިންޓެންސިވް ކެއަރގެ ޚިދުމަތް ފުޅާކުރަން ޖެހޭނެ. ހުރި ސްޕެޝަލިޓީ ވެސް އެހެން ހަރުފަތަކަށް ގެންދިޔުން މަސައްކަތަކީ. އައިޖީއެމްއެޗް ހޮސްޕިޓަލަކީ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ހެދުމަކީ އަމާޒު" ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.
ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ނުގެންދެވޭ އެއް ސަބަބަކީ އެނދުގެ ޢަދަދު މަދުވުންކަން ފާހަގަކުރައްވާ ޑރ. ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް 74 އެނދުގެ 4 ފަންގިފިލާގެ ޢިމާރާތް އެޅުމާއެކު އިތުރު ބަލިމީހުން އެޑްމިޓް ކުރުމުގެ ފުރުޞަތު ލިބި، ޚިދުމަތްތައް އިތުރު ހަރުފަތަކަށް ފުޅާވެގެންދާނެ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ހުޅުވިތާ 29 އަހަރުވަނީ ވެފައެވެ. އެ ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއަކީ ގާތްގަޑަކަށް 350 އެނދެވެ.
Advertisement
9 އޮގަސްޓް 2024