އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެވިއްޖެނަމަ، އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
މިއަދު ފެށުނު މޯލްޑިވްސް ސްޓްރެޓީޖިކް ޓްރޭޑް މެނޭޖްމަންޓް ފޯރަމްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، ރާއްޖެ އޮތް ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއްކަން ފާހަގަކުރައްވައި، އެކަމުގެ ތާރީޚީ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
"މިފަދަ ފޯރަމެއްގެ ތެރެއިން ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުއައްސަސާތައް ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކެއް އެބަހުރި،" މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ވިޔަފާރިއަށް އަންނަ ބަދަލުތަކާއި ޤައުމުތަކުގެ މެދުގައި އަލަށް ޤާއިމްކުރެވޭ އެއްބަސްވުންތަކަށް ރާއްޖޭގެ ނިޒާމުތައް އަހުލުވެރިކުރުމުގެ މުހިންމުކަމެވެ. އަދި ތަންފީޒީ އިދާރާތަކުގެ ޤާބިލިއްޔަތުކަން އިތުރުކޮށް، މީހުން ބިނާކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިކަމުގެ ސަބަބުން ދުނިޔޭގެ ވިެ ވިޔަފާރިއަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ، ނިޒާމުތައް ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެ. އަދި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރެވިއްޖެނަމަ، އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ،" މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވިއެވެ.
މި ފޯރަމަކީ އެމެރިކާގެ ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބާއްވާ ފޯރަމެކެވެ. މީގެ މަޤްޞަދަކީ ގެއްލުންދެނިވި ނުރައްކާތެރި ހަތިޔާރު ދައުރުކުރުން ހުއްޓުވުމަށް އދ. އިން ފާސްކޮށްފައިވާ ޤަރާރު ތަންފީޒު ކުރުމަށް ރާއްޖެއަށް އެޅިދާނެ އިސްތިރާޖީ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމެުރުމެވެ.
މި ފޯރަމުގައި ތަންފީޒީ އިދާރާތަކުގެ އިތުރުން ދާޚިލީ ވުޒާރާ، ދިފާޢީ ވުޒާރާ، ސިއްޙީ ވުޒާރާ، ވިޔަފާރިއާ ބެހޭ ވުޒާރާ، ތިމާވެށްޓާބެހޭ ވުޒާރާގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުން ބައިވެރިވިއެވެ.
ފޯރަމްގައި ބައިވެރިވި އެހެން ބޭފުޅުންވެސް ސަރަހައްދީ ރައްކާތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ޢަބްދުﷲ ޝަހީދު ވިދާޅުވީ، މި ފޯރަމަކީ ރާއްޖޭގެ ވިޔަފާރި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި ފޯރަމްގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނެ މަޢުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގެ ވިޔަފާރި ސަރަހައްދު އިތުރަށް ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެ،" ކޮމިޝަނަރ ޖެނެރަލް ޝަހީދު ވިދާޅުވިއެވެ.
ފޯރަމްގައި ބައިވެރިވި އެމެރިކާގެ ބޭފުޅުން ފާހަގަކުރެއްވީ، މިފަދަ ފޯރަމްތަކުން ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި ހުނަރު ހިއްސާކުރުމަށް މަގުފަހިވާ ކަމަށެވެ.
މި ފޯރަމް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގައި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ އެކި ދާއިރާތަކުން މާހިރުން ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާކުރާނެއެވެ. އަދި ފޯރަމްގެ ނިމުމުގައި، ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ހުށަހެޅުންތަކެއް އެކުލަވާލެވޭނެ ކަމަށް ބެލެވެއެވެ.
Advertisement
8 އޮކްޓޯބަރ 2024