އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވިލާ ކޮލެޖާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި މި ފަހުމުނާމާގެ ދަށުން ވިލާ ކޮލެޖުން ކުރިއަށްގެންދާ 'ކޯޕަރޭޓް އެކްސެސް ޓު ސްޓޫޑެންޓް ޓެލެންޓް' (ކާސްޓް) ޕްރޮގްރާމްގައި ބައިވެރިވެ، ވިލާ ކޮލެޖުގައި އެ ވަގުތު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ގްރެޖުއޭޓްވާ ދަރިވަރުންނާއި ވަކިން ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ބައްދަލުވުންތަކުގައި ދަރިވަރުން ކުރިއަށްދާނެ ދާއިރާ ކަނޑައެޅުމުގައި އެހީތެރިވެދީ، މީރާގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ފޯރުކޮށްދީ، މަސައްކަތުގެ މާހައުލާމެދު އެ ދަރިވަރުންގެ ހިތްތަކުގައި ޝައުގެވެރިކަން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ކަމުގެ ސަބަބުން މީރާގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. ހަމައެހެންމެ، ޓެކުހާ ގުޅުން ދާއިރާތަކުގެ އިލްމީ ދިރާސާތައް، ދެ މުއައްސަސާ ގުޅިގެން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދައި، މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގައި މި އޮތް ޓެކުހުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ.
މި ފަހުމުނާމާގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.
Advertisement
31 އޮކްޓޯބަރ 2024