އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭކުރުމަށް އަނބިމީހާ އިންތިޒާރުކުރަނިކޮށް ރޭއަޅުކަން ކުރުންވެސް ހުއްދަނުވާއިރު އިންތިޒާރުކުރަމުންގޮސް ވަރުބަލިވެ އަނބިންނަށް ނިދެންދެން ބޭރުގަ އުޅެން ހުއްދަވާނީ ކިހިނެއްތަ؟: މުފްތީ މެންކް

ރޭކުރުމަށް އަނބިމީހާ އިންތިޒާރުކުރަނިކޮށް ރޭއަޅުކަން ކުރުންވެސް ހުއްދަނުވާއިރު އިންތިޒާރުކުރަމުންގޮސް ވަރުބަލިވެ އަނބިންނަށް ނިދެންދެން ބޭރުގަ އުޅެން ހުއްދަވާނީ ކިހިނެއްތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު

އަޅުގަނޑުގެ ފިރިމީހާއަށް މަސައްކަތްކުރަންޖެހެނީ މެންދުރުފަހު 4 ޖަހަންދެންނެވެ. އެކަމަކު ގެއަށް އަންނަނީ ފެންވަރައިގެން ކިރިޔާ މަޣްރިބްނަމާދަށް ދެވޭ ވަރަށެވެ. ޢިޝާ ނަމާދު ނިމި ކައިގެން ބޭރަށްދާ މީހާ ގެއަށް އަންނާނީ އިންތިޒާރުކުރަމުން ގޮސް ވަރުބަލިވެ ނިދޭފަހުންނެވެ.  

އެގޮތަށް ރޭގަނޑު ބޭރުގައި އުޅޭތީ އެއްދާން ނުކުރެވި ބައެއް ފަހަރު 2،3 މަސްވެއެވެ. އަޅުގަނޑުމެނަނަކީ އަދި 30 އަހަރުވެސް ނުވާ ޒުވާނުންނެވެ. މިކަމުގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑަށް ވޭން އަޅައެވެ. އަޅުގަނޑުގެ ސުވާލަކީ ފިރިމީހާ ވީމާ އެގޮތަށް ކަންތައް ކުރަން ހއްދަވާނެތޯއެވެ.  

ޖަވާބުގައި ބުނަންއޮތީ ޙަދީޘްފުޅުކުރައްވަވާފައިވަނީ އަނބިމީހާގެ ޙައްޤުތައް އަދާނުކޮށް ރޭއަޅުކަން ކުރަންވެސް ނެތް ކަމަށެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލްތައް ލިބިލައްވާނެއެވެ.  

އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއިއެކު ނުބައި ޢަމަލުތައް ކުރެވެނީ މިކުރެވެނީ ނުބައި ޢަމަލެއްކަން ޤަބޫލުވެސް ނުކުރެވި ތިބެއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ޢަމަލަކީ އަނބިން ދޫކޮށް ބޭކާރުގޮތުގައި ފިރިހެނުން ޜޭގަނޑު ބޭކާރުގޮތުގައި ވަގުތުތައް ހޭދަކުރުމެވެ. އެއީ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައަކަށްވެފައިވާއިރު އިސްލާމް ދީން ވެސް އެކަން ހުއްދައެއް ނުކުރެއެވެ!  

އެއްވެސް މީހަކު ރޭގަނޑު ހަތަރުދަމު ރޭ އަޅުކަން ކުރުން މަތީގައި ނުހުރުމަށް ރަސޫލް () ވަނީ ވަޞިއްޔަތް ކުރައްވަވައިފައެވެ. އަދި އެކަމަށް ހާމަ ކުރެއްވެވި 2 ސަބަބަކީ އަނބިންނަށް އަދާކުރަންޖެހޭ ޙައްޤުތަކެއް އޮތުމާއި ޞިއްޙަތަށް ލިބިދާނެ ގެއްލުމެވެ.  

މިދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ރޭއަޅުކަން ކުރުމުގެ ވާހަކައެވެ. ދަމުނަމާދު ކުރުމުގެ ވާހަކައެވެ. އެކަންވެސް ކުރުން މިއޮތީ އަނބިންގެ ހައްޤުތައް އަދާކޮށްދިނުމަށްފަހުގައެވެ. ފިރިން އަނބިންނަށް ބޭނުންވާ ފަދައިން އަނބިން ވެސް ފިރިންނަށް ބޭނުންވާނެއެވެ. އެހެންކަމުން ރޭގަނޑުގެ ފުރަތަމަ ދެބައި ޚާއްޞަ ކުރެވިފައި މިވަނީ ނިދައި އަނބިދަރިންނާއިއެކު ވަގުތު ހޭދަކުރުމަށެވެ. އަނބިންނާއިއެކު ނިދުމަށެވެ. އަނބިންގެ ހައްޤުތައް އަދާކުރުމަށެވެ.

މިހާރަކަށް އައިސް ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން ޢިޝާ ނަމާދަށް ފަހު އަނބިންނާއިއެކު ވަގުތު ހޭދަކޮށް ނުނިދޭނެ ބައަކުވެސް އުޅޭނެއެވެ. ނަމަވެސް މައްސަލައަކީ އެފަދަ މަޖުބޫރު ކަމެއް ނެތި އަނބިންގެ ޙައްޤުތައް އަދާ ނުކުރާކަމެވެ. ނައިޓް ކަލަބްތަކަށް ދާ މީހުންގެ ވާހަކަ ދެއްކުމެއްނެތެވެ. އެއީ މުޅިން އެހެން ދުނިޔެއެއްގައި އުޅޭ ބައެކެވެ. މައްސަލަ އަކީ ހަމަ ޢިޝާ ނަމާދުވެސް ކުރާ، ޢިޝާ ނަމާދަށްފަހު ގެއިން ކައިބޮއި ހަދައިގެން ނުކުމެގެން ގޮސް ކޮފީ މޭޒުތަކުގައި ރޭގަނޑުގެ 3 ބައިން 2 ބައި ހޭދަކުރާ މީހުންނެވެ. ރެސްޓޯރަންޓްތަކުގަ ޢާއި ކުޅިވަރު ކުޅުމުގައި ވަގުތުތައް ހޭދަކުރާ މީހުންނެވެ.  

މިފަދަ މީހުން ޢާންމުކޮށް ގެއަށް ދާނީ 12 ޖަހާފަހުންނެވެ. ނިދަން އޮށޯންނާނީ 1، 2 ޖެހުމުންނެވެ. ރޭގަނޑު ނިދުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަގުތު ފާއިތުވުމުންނެވެ. މިފަދަ މީހުންގެ ތެރެއިން 99.99 މީހުންނަކީ ފަތިސް ނަމާދަށް ހޭލާ ބައެއްވެސް ނޫނެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނުގައި އިޖްތިމާޢީ ގުޅުމަށް ދެއްވަވާފައިވާ ސަމާލުކަން މިފަދަ ކަންކަމުން ވެސް އެނގިގެންދެއެވެ. ނުއެނގެނީ ވިސްނައި ފިކުރު ނުކުރާތީއެވެ. ވިސްނައި ފިކުރު ކުރާނަމަ މިފަދަ ކަންކަން އެނގި އިސްލާމް ދީނަށް ލޯބި އިތުރުވާނެއެވެ! ވީމާ ޢާއިލީ ގުޅުން ބަދަހިކުރުމަށްވެސް އިސްލާމް ދީނުގައިވާ މަގުތައް އިޚްތިޔާރުކުރާށެވެ!  

ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނަށް ބުނެލަން އޮތް ބަހަކީ ބާޒާރުކޮށްލަން ނަމަވެސް، ހިތްހަމަ ޖައްސާލަން ނަމަވެސް ރޭގަނޑު ގެއިން ބޭރަށް ދާނަމަވެސް ވީހައި އަވަހަކަށް އެނބުރި އައިސް ނިދާށެވެ. ފަތިސް ވުމުގެ ގަޑިއެއްހައިއިރު ކުރިން ހޭލައި ދަމު ނަމާދާއި ފަތިސް ނަމާދު ކުރަން އާދަކުރާށެވެ! އެކަމުގެ ބަރަކާތް ލިބިގަންނާށެވެ! ޙަޔާތުގެ ހުރިހާ ކަމެއްވެސް ދާނީ ދުވަހުން ދުވަހަށް ވެސް ހަމަ ރަނގަޅުވަމުންނެވެ. ލިބޭ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ!  

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް