އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު
ގިނަ ބައެއްގެ ކުރިމަތީގައި އެންމެ މުހިންމު އެއްޗަކީ އުޖޫރައެވެ. އުޖޫރަ ވަޤުތުން އަތަށް ނުލިބޭ މަސައްކަތްކުރާނީ ކުރާނެ އިތުރު މަސައްކަތެއް ނެތިއްޖެނަމައެވެ. މިކަން ބޮޑުވެ ޢާންމުވެގެން ދިއަވަރުން މީސްތަކުންނަށް މިއަދު ޖެހިފައިވާ ޙާލު ނިކަން ދެކި ބަލާށެވެ. އެމީހުން ކޮންމެހެން އަދާކުރަންޖެހޭ ވަޒީފާ އަދާކުރަން ފަސްޖެހި އަދި އެއްބައަކު އެއްވެސް މަސައްކަތެއް ނުކުރަނީއެވެ.
ވިސްނާށެވެ! ވަޒީފާގައި މިއޮންނަނީ 2 ބާވަތެއްގެ ވަޒީފާއެވެ. އެއިގެ ތެރެއިން ފުރަތަމަ ބާވަތަކީ ﷲ ތަޢާލާ ކޮންމެ މީހަކާއިވެސް ޙަވާލުކުރައްވަވާފައިވާ ކަންކަމެވެ. ދެވަނަ ބާވަތަކީ ތިމާ އަމިއްލައަށް ދުނިޔެއިން ހޯދާ ވަޒީފާއެވެ.
އަމިއްލައަށް ހޯދައިގެން އުޅޭ ވަޒީފާއަށް ކޮންމެ ދުވަހަކު ވެސް އޮފީހަށް ދާންޖެހޭ ގަޑިއަށް އެބަ އޮފީހަށް ދަމުއެވެ. ދުވާލަކު އެތައް ފަހަރަކު ދާންޖެހުނު ނަމަވެސް ގަޑިނުޖެހި ދާންޖެހޭ ގަޑިއަށް އެބަދަމުއެވެ. ސަމާލުކަން ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދުމަށްޓަކާ ގަޑި ޖެހުމުގެ ވަޤުތުކޮޅެއް ކުރިންވެސް ދަމުއެވެ.
ގަޑި ނުޖެހި އޮފީހަށް ދިއުމަށް އިންތިހާއަށް ސަމާލުކަން ދެމުއެވެ. މެންދުރު ގެއަށް ދިއަތަނާ ނިދުނީ ކަމަށް ބުނެ މެންދުރުފަހު އޮފީހަށް ނުގޮސް ބަހަނާއެއް ނުދައްކަމުއެވެ. މިކަން މިހައި ޤަވާއިދުން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ތަނަވަސް ދިރިއުޅުމަކަށް ބޭނުންވާތީއެވެ. ދުނިޔަވީ ބޭނުންތައް ފުއްދުމަށް ފައިސާ ހޯދުމަށެވެ.
މީސްތަކުންނޭވެ! ދެން ނަމާދާއިމެދު ވިސްނައިލާށެވެ! ނަމާދު ޤަވާއިދުން ކުރުމަށް އަހަރެމެން އިހްމާލުވާއިރު މިކުރެވެނީ ކީއްހެއްޔެވެ؟ އިހްމާލް މިވެވެނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ އެންމެ ބޮޑު ޒިންމާއަށެވެ. ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ ވަޒީފާއަށެވެ. އެ ވަޒީފާއަށް ފޭލިވެގެން ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމުން ތިބާ އުންމީދުކުރާ އުޖޫރަ ދެއްވަވާނެ ކަމަށް ހީކުރެވެނީ ހެއްޔެވެ؟ ނުވަތަ އުންމީދުކުރެވެނީ ހެއްޔެވެ؟ އެކަމެއް ނުވާނެއެވެ.
ވަޒީފާގައި ފޭލިވީ ވަރަށް މުސާރައިން ކެނޑޭނެއެވެ. ކެނޑެމުން ކެނޑެމުން ގޮސް ހުސްވުމުން ވާނީ ކިހިނެއްޔެވެ؟ ދުނިޔޭގައި ވަޒީފާ ގެއްލުމުން ނުކުމެގެން ގޮސް އެހެން ވަޒީފާއެއް ހޯދިދާނެއެވެ. އެދުވަހު އެކަންވާނީ އެހެނެއް ނޫނެވެ. ﷲ ތަޢާލާ ޙަވާލުކުރެއްވެވި ވަޒީފާގައި ފޭލިވެއްޖެނަމަ ދާންޖެހޭނީ ނަރަކައަށެވެ. އިތުރު އެއްވެސް "ޗޮއިސްއެއް" ނުލިބޭނެއެވެ.
ﷲ ތަޢާލާ ޙަވާލުކުރެއްވެވި ވަޒީފާއަށް ފަރުވާކުޑަކޮށް ދުނިޔޭގެ ވަޒީފާއަށް ސަމާލުކަން ދިނުމުން ދުނިޔެއިން ހޯދި ވަޒީފާގައި ލިބެންޖެހޭ ކުރިއެރުންވެސް ނުލިބުމަކީ ގާތްކަމެކެވެ. އެހެނީ ދުނިޔޭގެ ވަޒީފާއިން ވެސް ކުރިއެރުން ލިބޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 ފެބްރުއަރީ 2025