އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
2030 އާ ހަމައަށްދާއިރު ޤައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ 15 އިންސައްތައަށް މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ، ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވެވި ދެވަނަ ރިޔާސީ ބަޔާނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކާ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ސަރުކާރުގެ ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާކުރުން، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފްކުރުން، ޑޭޓާ ޝެއަރިންގް ޕްލެޓްފޯމެއް ބިނާކުރުން، ސައިބަރ ސެކިޔުރިޓީ ހަރުދަނާ ކުރުން ފަދަ އެތައް ކަމެއް ހިމެނޭކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަކީވެސް މިކަމަށް މަގުކޮށްޓެވުމަށް ކުރެއްވި ވަރަށް މުހިންމު ދަތުރުފުޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން ޑިޖިޓަލް ދާއިރާ ތަރައްޤީކޮށް ކުރިއަރުވަން ޖެހޭކަމުގައި ވިދާޅުވިއެވެ. އެގޮތުން އޯޕަން ޑާޓާ ޝެއަރިންގް ޕްލެޓްފޯމް ތަރައްޤީކޮށް ޑިޖިޓަލް އައިޑެންޓިޓީގެ ޒަރިއްޔާއިން ޚިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަންތަކުން ދައުލަތުގެ ހުރިހާ ޚިދުމަތެއް ލިބޭނޭ ގޮތަށް މުޅި ސިސްޓަމް ބައްޓަންކުރަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދާނެކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ހާމަކަންބޮޑު ގޮތެއްގައި މީހުންނަށް ފެންނަންފަށާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ސިޓީތަކާއި އެހެނިހެން ފޯމުތައް ހުށަހެޅުމަށް އިސްރާފުވެ ގެއްލިގެންދާ ވަގުތުތައް ސަލާމަތްވާނެކަމަށާއި، ވަކި ސިސްޓަމެއްގެ ތެރެއިން ކަންކަމުގެ ސްޓޭޓަސް ބަލާލެވި ސަރުކާރުން އެޓެންޑް ވަމުންދާގޮތް ވަގުތުން ފެންނަމުންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޑިޖިޓަލް ދާއިރާ ތަރައްޤީކުރުމުން ތިމާގެ އަމިއްލަ ރެކޯޑްސްއަށް އެއްވެސް ފަރާތަކުން އެކްސެސް ވިއަސް، ބަދަލެއް ގެނައިކަމުގައި ވިޔަސް، އޭގެ ފުރިހަމަ މަޢުލޫމާތު އެމީހަކަށް ވަގުތުން ބަލާލުމުގެ ހިތްހަމަޖެހުމާއި، ރައްކާތެރިކަން ޔަޤީންވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑިޖިޓަލައިޒޭޝަންގެ މި ނިޒާމް ޤާއިމުވެގެންދާނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި، އެއްގޮތަކަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދުނިޔޭގައި ކުރިއަރާފައިވާ، މިފަދަ އިތުބާރު ހުރި ފަސޭހަ ޒަމާނީ ގޮތްތައް ދިވެހި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުމުގެ ބަޔަކަށް ހަދަން އަޅުގަނޑު ބޭނުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން، އެމަނިކުފާނުގެ މި ދައުރުގެތެރޭގައި ޑިޖިޓަލައިޒޭޝަން މަޝްރޫޢު، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމާއެކު ކާމިޔާބުކަމާއެކު ތަންފީޛުކުރެއްވުމަކީ އެމަނިކުފާނުގެ ޢަޒުމެއްކަމުގައި ވިދާޅުވިއެވެ.
Advertisement
6 ފެބްރުއަރީ 2025