އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
ހައްޖާއި އުމްރާއަށް މީހުން ގެންދާ ހުރިހާ ގްރޫޕްތަކުންނާއި އަމިއްލައަށް އުމްރާއަށް ދާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ވެކްސިންތައް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މި އިލްތިމާސް ކުރައްވާފައިވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެއްވާ އެތައް މިލިއަން މީހުންގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ދިވެހިން ރައްކާތެރިކުރުމަށާއި، އެފަދަ ބަލިތައް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ހަނިކުރުމަށެވެ.
އެޗްޕީއޭއިން ބުނާ ގޮތުގައި ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުން މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިން ޖަހަންޖެހެއެވެ. އަދި ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބިގަތުމަށްޓަކައި ފުރުމުގެ މަދުވެގެން 14 ދުވަސް ކުރިން ވެކްސިން ފުރިހަމަކުރަން ޖެހޭނެއެވެ.
މީގެއިތުރުން އެޗްޕީއޭއިން ފާހަގަކުރި ގޮތުގައި ވެކްސިން ޖެހުމުގެ މިންގަނޑުތަކަކީ އެއިރެއްގައި ބަލިތައް އުޅޭ މިންވަރާއި، ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައި ތައްޔާރުކުރެވޭ މިންގަނޑުތަކެކެވެ.
އެހެންކަމުން، ހައްޖާއި އުމްރާއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ދަތުރު ރާވާއިރު ވެކްސިންގެ ކަންކަން ވެސް ރާވައި، އެކަށީގެންވާ ވަގުތު އޮއްވައި ވެކްސިން ފުރިހަމަކުރުމަކީ މުހިންމު ކަމެއް ކަމުގައި އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
Advertisement
13 ފެބްރުއަރީ 2025