އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު
ބުނަން ހެއްޔެވެ؟ އަނބިމީހާ އޭނާގެ މައިންބަފައިންނާއި ބައްދަލުކުރަން ދިއުމާއި އަދި އެމީހުން ތިމާ ދިރިއުޅޭގެއަށް އައުން މަނާކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ރަޙިމުގެ ގުޅުން ކެނޑުވުމެވެ. ރަޙިމުގެ ގުޅުން ކެނޑުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ.
ފިރިމީހާ އެފަދަ އަމުރެއް ކޮށްފިނަމަ ކިޔަމަންތެރިނުވުމުގެ ޙައްޤު އަނބިމީހާއަށް އެބައޮތެވެ. އެކަމަކުން ފާފަވެރިއެއްވެސް ނުވާނެއެވެ. ސަބަބަކީ ފިރިމީހާ އަމުރުއެކުރަނީ ޙަރާމްކަމެއް ކުރަން ކަމަށްވާތީއެވެ.
މިކަން އަނބިމީހާއަށްވެސް އޮތީ ހަމައެގޮތަށެވެ. ފިރިމީހާގެ މައްޗަށް ރަޙިމުގެ ގުޅުން ކަނޑަން އަމުރުކުރުމަކީ ޙަރާމްކަމެކެވެ.
ކައިވެންޏަސްފަހު ދެމީހުން ދެކެންޖެހޭނީ އަނެކާގެ ޢާއިލާއަކީ ހަަމ ތިމާގެވެސް އަމިއްލަ ޢާއިލާގެ ގޮތުގައެވެ. އަނެކާގެ މައިންބަފައިންނަކީ ތިމާގެވެސް މައިންބަފައިންގެ ގޮތުގައެވެ. އަދި އަޚުންނާއި އުޚުތުންނާއިމެދުގައިވެސް މެއެވެ.
ގިނަ ފަަހރު މިބާވަތުގެ މައްސަލަތައް ކުރިމަތިވަނީ ކުރިން ޖެހިފައި އޮންނަ މައްސަލައެއްގެ ސަބަބުން ހިތުގައި އުފެދޭ ޙަސަދަވެރިކަމުގެ ސަބަބުންނެވެ. ޙައްލަކީ މައްސަލައެއް ކުރިން ޖެހިފައި އޮތަސް އަދި ފަހުން ޖެހުނަސް އެކަން ހިތުގައި ނުބޭއްވުމެވެ.
ދެން އަނބިމީހާ އޭނާގެ ޢާއިލާގެ ގާތަށް ދިއުމުން ނުވަތަ އެމީހުންނާއި ބައްދަލުވުމުން ދެމަފިރިންގެ މެދުގައި ފިތުނަ އުފެދޭ ޒާތުގެ ކަންކަން އެމީހުން ކުރާނަމައެވެ. އެޙާލަތުގައިވެސް އަމިއްލައަށް ގޮތް ނުނިންމާށެވެ! ޙަޤީޤަތް ހޯދައި ދީނީ ޢިލްމްވެރިންގެ ބަސް ހޯދައިގެން ފިޔަވަޅު އަޅާށެވެ. އެއިރުން ތިމާ ފާފަވެރިއެއް ނުވާނެއެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
19 ފެބްރުއަރީ 2025