އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމަކީ މާލީ އެކި ސަބަބުތަކާހުރެ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް، 5 ޕަސެންޓްގެ ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންގ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.
މި ޕްރޮގްރާމްގެ ދަށުން ތިން ސްކީމެއް ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަކޮށްގެން 1 މިލިއަން ރުފިޔާއާ ހަމައަށް އެއްވެސް އިކުއިޓީއެއް ނުލައި ދޫކުރާ ސްކީމާއި، އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށަށް 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ސްކީމް ހިމެނެއެވެ. އަދި މާލެ ސަރަޙައްދަށް ޚާއްޞަކޮށްގެން 6 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ސްކީމްވެސް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވާއިރު، މި ޕްރޮގްރާމްގެ ސަބަބުން ގިނަ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
18 މާޗް 2025